ކައިވެނިކުރުމަށްފަހު ލިބޭ މިންވަރުން ޚަރަދުނުކުރުމަކީ ލޯބިނުވާކަމުގެ ހެއްކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކައިވެނިކުރުމަށްފަހު ލިބޭ މިންވަރުން ޚަރަދުނުކުރުމަކީ ލޯބިނުވާކަމުގެ ހެއްކެއް!

އަހުރެން މިދައްކަނީ ލޯބިވެގެން އުޅޭދުވަސްތަކުގެ ވާހަކައެއް ނޫނެވެ. ދީލަތި ފިރިހެނުންވެސް އެއިރު ޚަރަދުނުކޮށްފާނެއެވެ. އެއީ ކުރާ ޚަރަދަކީ އަނެކާ "ގަތުމަށް" ކުރާ ޚަރަދެއްކަމަށް އަނެކާއަށް ވިސްނިދާނެތީއެވެ. އަދި ޚަރަދުކުރަން އޮތީވެސް ކައިވެނިކުރުމަށްފަހުގައި ކަމަށްވާތީއެވެ. 

އަނބިމީހާދެކެ ލޯބިވާނަމަ ލިބޭމިންވަރުން ޚަރަދުކުރާނެއެވެ. ކަންކަމު އެދޭކަށްވެސް ނުޖައްސާނެއެވެ. އެއީ ބޭނުމެއް ނުފުދި ދެރަވެގެން ހުންނަން އަނބިމީހާއަށް ޖައްސުވަން ބޭނުންނުވާނެތީއެވެ.  

ކައިވެންޏަށްފަހު ފަހަށް ރައްކާކުރަން އޮތީވެސް ދެމަފިރިންގެ ބޭނުންތައް ފުއްދަމުންނެވެ. މިބުނަނީ ކޮންމެހެން ފުއްދަންޖެހޭނެ ކަންކަމުގެ ވާހަކައެވެ. ހަމައެކަނި ހިތްހަމަޖައްސައިލުމަށްޓަކައި ބޮޑެތި ހޭދަތައް ކުރުމުގެ ވާހަކައެއް ނޫނެވެ.  

ލިބޭ މިންވަރަކުން ދެމަފިރިންގެ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ލިބޭ އާމްދަނީގައި ބަރަކާތްލައްވަވާނެ ކަމެކެވެ. މިބުނަނީ ދެފަރާތުގެ ޢާއިލާއާއި ދަރިންވެސް ހިމަނައިގެންނެވެ. ތިމާ ހޭދަކުރަންޖެހޭ މީހުންނަށް ހޭދަކޮށްގެން ފަޤީރުވި ހަމަ އެންމެ މީހަކާއިވެސް އަދި ބައްދަލުވެފައެއް ނެތެވެ. އަބަދުވެސް ބައްދަލުވަނީ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމުން ދަތިޙާލު ކުރިމަތިވި މީހުންނާއިއެވެ.

އަނެކާ ނުވަތަ އެކުވެރިޔާ ކުރާވަރަށް ޚަރަދުނުކުރެވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ތިމާއަށް ލިބޭ މިންވަރުން ޚަރަދުނުކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން