ޚުޠުބާ: މި މައްސަރަކީ މުޖާހިދެއްގަ ދަރަޖަ ލިބިގަންނަން އެންމެ ފަސޭހަ ފުރުޞަތު

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 22ސ
ޚުޠުބާ: މި މައްސަރަކީ މުޖާހިދެއްގަ ދަރަޖަ ލިބިގަންނަން
އެންމެ ފަސޭހަ ފުރުޞަތު

މުސްލިމް އަޚުންނޭވެ! އަހަރެމެންނާއި ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫނެވެ. މިއީ ޖިހާދުގެ މައްސަރެވެ.

އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރެވެ. މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅައެވެ.  

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (وَالْمُجَاهِدُ مَنْ جَاهَدَ نَفْسَهُ فِيْ طَاعَةِ اللَّهِ)[1] މާނައީ: "އަދި މުޖާހިދަކީ، الله سُبْحَانَهُ وَتَعَالَىއަށް ކިޔަމަންތެރިކަން އަދާކުރުމުގައި، އޭނާގެ އަމިއްލަ ނަފުސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ." ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި الله سُبْحَانَهُ وَتَعَالَى އޭނާއަށް ޙަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބޭން ހުންނަ ޙާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާޙާލުގައެވެ. ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ދުރުހެލިވެގެން ހުންނަ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ.

ނަތީޖާއެއްގެ ގޮތުން ކެތްތެރިކަން އިތުރުވެ، ޝައިޠާނީ ގޮވުންތަކާއި ހަވާނަފުސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޭނާއަށް ލިބެއެވެ. މި މަތިވެރި ޖިހާދުގައި ލިބޭ ކާމީޔާބީއަކީ މުޅި އަހަރުދުވަހު الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ ޢަމަލުތަކުން ދުރުހެލިވުމަށް ލިބޭ ނުހަނު މަތިވެރި ތަމްރީނެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިމަންރަސްކަލާނގެ މަގުގައި جهادކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، الله ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ."

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ޙާޞިލުކުރި މައްސަރު ވެސް މެއެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހުއެވެ. ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީއެވެ. ނަތީޖާއަކަށްވީ "ޔައުމުލްފުރުޤާނު"ގެ ނަމުން އެ ދުވަހަށް الله سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ނަންދެއްވުމެވެ. އެ ހަނގުރާމައާ ބެހޭ ގޮތުން الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި الله، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރިވުމަށް ޓަކައެވެ." މި ކަމުން އެނގެނީ ނަޞްރުލިބޭނީ ހަމައެކަނި ބާރުގެ ގޮތުންނޫންކަމާއި الله سُبْحَانَهُ وَتَعَالَىއަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުންނާއި އެކަލާނގެ ރަޙުމަތުގެ ސަބަބުންކަމެވެ. އަދި މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަޙަކަމުގައިވާ މައްކާ ފަތަޙަކުރެވުނީ  ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަ ދުވަހެވެ. އެ ފަތަޙައެއްގެ ސަބަބުން މުޅި ޢަރަބިކަރަ ފަތަޙަވިއެވެ. މުސްލިމުންގެ ދިހަ ހާސް  މުޖާހިދުންނާ އެކު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާއަށް ވެދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައެވެ.

މި ޙާދިސާއިން އަހަރެމެންނަށް އެނގެނީ ޙަޤީޤީ ކާމިޔާބަކީ ބާރުލިބޭ ހިނދު، އަނިޔާވެރިވުން ނޫންކަމާއި، ރޯދައިގެ ރޫޙާނީ ތަރުބިޔަތުން އޭނާގެ ނަފުސު ތަހުޒީބުކުރުންކަމެވެ. ރޯދަވެރިޔާގެ ޙަޤީޤީ ކާމިޔާބުއޮތީ ރިވެތި އަޚުލާޤުން އޭނާގެ ނަފުސު ތަހުޒީބުކުރުމުގައެވެ. އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)[2] މާނައީ: "ދޮގުވާހަކަދެއްކުމާއި އެ ފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، ﷲ تَعَالَى އެދިވޮޑިއެއްނުގަންނަވައެވެ." މީގެ އިތުރަށް ވެސް އެތައްއެތައް ހަނގުރާމައެއް ރަމަޟާންމަހުގައި ހިނގައި އެތައްއެތައް ކާމިޔާބީއެއް މުސްލިމުން ހޯދައިފައި ވެއެވެ. ހިޖުރައިން ނުވަދިހަ ދެވަނަ އަހަރުގެ ރަމަޟާންމަހު އަންދަލުސް ފަތަޙަވުމާއި، ހިޖުރައިން ހަސަތޭކަ ފަންސާސް އަށްވަނަ އަހަރު ސައިފުއްދީން ޤުޠުޒުގެ ގިޔާދަތުގައި ތަތާރުންގެ މައްޗަށް މުސްލިމުން ހޯދި ވަރުގަދަ ކާމިޔާބު ހޯދައިފައިވަނީ ވެސް ބަރަކާތްތެރި ރަމަޟާންމަހުގައެވެ. 

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރެވެ. ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެކެވެ. أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެން ވެއެވެ. ‏(كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ)[3]  މާނައީ: "ރަމަޟާންމަހުގެ ފަހުދިހައަށް އެޅުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ. އަދި އެ ރޭތައް އިޙުޔާކުރައްވައެވެ. އަދި އަޅުކަންކުރެއްވުމަށް އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައެވެ."

އަދި ވެސް އެކަމަނާގެ އަރިހުން ރިވާވެގެން ވެއެވެ.  ‏(‏‏أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.)[4]  މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވަރުގެވަޑައިގެންފުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ." 

މުސްލިމް އަޚުންނޭވެ! ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރާށެވެ! އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ، وَفِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَهَا فَقَدْ حُرِمَ الْـخَيْرَ كُلَّهُ، وَلَا يُـحْرَمُ خَيْرَهَا إِلَّا مَـحْرُوْمٌ)[5] މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެޔެއްވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ފަހެ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަން ކަށަވަރެވެ. އަބާއްޖަވެރިޔަކު މެނުވީ އެ ރޭގެ ހެޔޮކަމުން މަޙުރޫމެއްނުވާހުއްޓެވެ."  


މިއަދު އޮންލައިން