އާދައިގެމަތިން ފިރިމީހާ އެދުވަހުވެސް މުސާރަނައިގެން އައިގޮތަށް މުސާރަ އެކުގައި އަނބިމީހާއާއި ޙަވާލުކުރިއެވެ.
ޙަވާލުކޮށްފައި އެއިން މިންވަރެއް އަތުލުމަށްފަހު އަނެއްކާވެސް އަނބިމީހާގެ އަތަށް ދިނެވެ. ދީފައި ބުންޏެވެ. "މިއީ އަގެއް ނޫނެވެ. އެކަމަށް ޙައްޤު މިންވަރަށް އަގެއް ނުވެސް ދެވޭނެއެވެ. މިއީ މިގޭތެރޭގައި ތިބާ ލޯބިދަމަހައްޓައިދޭތީ އަހުރެންދިން ހަދިޔާއެކެވެ. މިފައިސާ ތިބާ ބޭނުން ކޮންމެ ކަމަކަށްވެސް ޚަރަދުކުރާށެވެ.
3 ބެއިން މިއުޅެނީ ޖެހިޖެހިގެންހުރި 3 އެޕާޓްމަންޓުގައެވެ. މިއެޕާޓްމަންޓްގައި ނޫނީ ލޯތްބެއް ނެތެވެ. އަބަދުވެސް އުޅެނީ މައްސަލަތައް ޖެހި ޙައްލުނުކުރެވިގެންނެވެ. އެކަންކަމުން ސަލާމަތްނުވެވިގެންނެވެ. އަހުރެންނަށް އެފަދަ އެއްވެސް ކަމަކަށް ވިސްނާކަށް ނުޖެހެއެވެ. ދިރިއުޅުމުގެ މަސައްކަތާއިގެން ކުރިއަށްދެވުމުގެ އެންމެ ބޮޑުބާރަކީ އެއީއެވެ.
އަހުރެންނަށް ތިބާއަށް ޙައްޤުވާ މީންވަރަށް ފައިސާއިން އަގުނުދެވިދާނެއެވެ. އެއީ ކިތަންމެ ބައިވަރެއް ދިނަސް އަގުހަމަނުކުރެވޭނެތީއެވެ. ޔަޤީންކުރާށެވެ. ތިބާއަށް ލޯތްބާއި އަޅައިލުން ދިނުމުގައި އަހުރެން ދާނީ ކުރިއަށެވެ. އެކަން މިހާރުވެސް ތިބާއަށް އެނގޭނެއެވެ.
ފިރިމީހާ އެގޮތަށް ކަންތައްކޮށް އެވާހަކަދެއްކީ އަނެއް ދެބެއިންގެ ދެމަރިންވެސް އެތަނުގައި ތިއްބައެވެ. އެހެންވެ އެމީހުން ދިއުމުން އެމީހުން ތިއްބައި އެގޮތަށް ކަންތައްކުރީ ކީއްވެގެންތޯ އަނބިމީހާ ސުވާލުކުރުމުން ބުންޏެވެ. "ދެންވެސް އެއްޗެއް ވިސްނި އިޞްލާޙްވޭތޯއެވެ! އެއިގެ އިތުރު އެވޯޑްދެނީވެސް ގިނަބައަކު ބައިވެރިވާ ރަސްމިއްޔާތެއްގައި ނޫންހެއްޔެވެ؟"
މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުމަށްވެސް ފައިދާކުރާނެ ވާހަކަކޮޅެކެވެ.
ގޭތެރޭގެ މަސައްކަތްކުރާ ބައަކީ އަނބިންނެވެ. އެކަނބަލުންގެ މަސައްކަތުން ގޭތެރެ ސާފުކޮށް ތަރުތީބުކުރެއެވެ. އެހެންކަމާއިއެކުވެސް އެއަށްވުރެ މާބުރަ މަސްއޫލިއްޔަތެއް ހެޔޮލަފާ އަނބިން އަދާކުރެއެވެ. އެއީ ގޭތެރޭގައި ލޯބި ދެމެހެއްޓުމެވެ. ފިތުނަވެރިކަން ނައްތައިލުމެވެ. މިއީ ގޭތެރެސާފުކޮށް ތަރުތީބުކުރުމަށްވުރެ މާބޮޑު މަސްއޫލިއްޔަތެކެވެ. އެފަދަ އަނބިން އެއަދާކުރާ ބޮޑު ޒިންމާގެ އަގުވަޒަންކުރަންވާނެއެވެ.
- މިއަދުނޫސް