ދެއަންތބަށް ކައިވެނިކުރުމާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އަހުރެން ދޭޖަވާބަކީ އޭނާއަކީ ޝަރުޠުހަމަވާ، ތެދުވެރިއަކުނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. އެއީ މައްސަލައެއްނަމަ އެކަން ހުއްދަކުރައްވަވާފައި ދީނުގައި ނުއޮންނާނެ ކަމަށެވެ. އެކަމަކު ކައިވެނިކުރަން ނިންމުމުގެ ކުރިން އޭނާގެ ޙަޤީޤަތް ދެމެގަންނަން ޖެހޭނެ ކަމަށެވެ.
މިހެން ބުނަންޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުރަތަމަ ސަބަބަކީ އަނބިމީހާ ކުށްވެރިކޮށް ދޮގުވާހަކަ ދައްކާ މީހުން ގިނަކަމެވެ. ދެވަނަ ސަބަބަކީ އަނބިމީހާއަށް ހެޔޮކޮށް ނުހިތަމުން ތިމާ ކަންކަންކުރަނީ ވަރަށް ރަނގަޅަށް ކަމަށް ބުނާކަމެވެ. މި ދެ މައްސަލަވެސް ގޮސް މިގުޅެނީ ދޮގުހެދުމާއިއެވެ. މަކަރުހަދައި އޮޅުވައިލުމާއިއެވެ.
ވިސްނާށެވެ! އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް ބައިވެރިޔާއާއިމެދު ދޮގު ވާހަކަ ދައްކަނީ ބައިވެރިޔާއަކީ ވަކިމީހަކަށްވެގެނެއް ނޫނެވެ. އަދި ބޭވަފާތެރިވަނީވެސް ހެޔޮކޮށް ނުހިތަނީވެސް ބައިވެރިޔާއަކީ ވަކިމީހަކު ވެގެނެއް ނޫނެވެ. އެއީ އެމީހާގެ ކިބައިގައި ހުންނަ ސިފައަކަށްވާތީއެވެ.
ވީމާ އެސިފައަކީ ވަކިމީހަކާއި ގުޅުމަކުން ބަދަލުވާނެ ސިފައެއް ނޫނެވެ. އެކަން އެމީހާ އިޞްލާޙްކުރަންދެން އެމީހަކާއިއެކުގައިވާނެއެވެ. ވީމާ އެކަކަށް ގޯސްކޮށް ކަންކަންކުރި މީހަކު އަނެކާއަށް ރަނގަޅަށް ކަންކަން ކުރާނެ ކަމަށް އުންމީދުކުރަންވާނީވެސް އޭނާގެ ހުރި ނުރަނގަޅު ސިފަތައް އިޞްލާޙްކޮށްފިނަމައެވެ. އިޞްލާޙްކުރާނެ ކަމަށް ބަލައިގެން ކުރާނެ ފައިޑާއެއް ނެތެވެ.
ވީމާ ދެއަންތބަށް ކައިވެނިކުރާއިރުވެސް އަދި ކައިވެނި ރޫޅިފައިވާ މީހަކާ ކައިވެނިކުރާނަމަވެސް ފުރަތަމަ ކަމަކަށް އޭނާގެ ތެދުވެރިކަން ޔަޤީންކުރާށެވެ. ގޯސްސިފައެއް ހުރިނަމަ އިޞްލާޙްކޮށްފައިވާކަން ޔަޤީންކުރާށެވެ.
އަނެކާގެ ކަންކަން ހޯދައި ބަލަންވީ އޭނާއަށް އިތުބާރުނުކުރާތީއެއް ނޫނެވެ. އިތުބާރުކުރުމަކީ ތަފާތު ކަމެކެވެ. ކަންކަން ޔަޤީންކުރުމަކީ ތަފާތު ކަމެކެވެ. ވީމާ ޙަޤީޤަތް އޮޅުންފިލުވަން މަސައްކަތްކޮށްފިނަމަ އަނެކާ ރުޅިއަތުވެދާނެކަމާއިމެދު ނުވެސް ވިސްނާށެވެ! ރުޅިއަތުވެއްޖެނަމަ އެއެނގެނީ އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނެތްކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފޅަކުން