އެދުވަހުން (ޤިޔާމަތް ދުވަހުން) އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ. އެއްބައެއްގެ ފައިގެ ކުޑަ ހުޅާހަމަޔަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އަދި އަނެއްބަޔަކު އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެއެވެ.
އަދި އެދުވަހުން ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިފައިވާނެއެވެ. އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި ޢުޒުރެއް ނުދެއްކޭނެއެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ. އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް އަމުރުކުރައްވާނެއެވެ.
"الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ" (يس: 65)
"މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވާލަކީ ޔަޤީނުންވެސް ނައިސް ނުދާނެ މި ނުރައްކާތެރި ދުވަހަށް އަހަރެމެން ތައްޔާރުވެފައިވަނީ ކިހާވަރަކަށް ބާވައެވެ؟ އެދުވަހަށް އަހަރެމެން ތައްޔާރުކޮށްފައިވަނީ ނަމާދާއި، ރޯދާއާއި، ޒަކާތާއި، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި، އަދި މިނޫންވެސް ހެޔޮލަފާ ޞާލިޙް ޢަމަލުތައްބާވައެވެ؟ ނޫނީ އަހަރެމެންގެ އަތުގައިވަނީ ފާފަތަކުގެ ބޮޑު ފުނިވަރެއް ބާވައެވެ؟ ރިބާއާއި، ޒިނޭއާއި، ދޮގުހެދުމާއި، ޣީބަބުނުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިނޫންވެސް ހުތުރުކަންބޮޑު ފާފަތައްބާވައެވެ؟
- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން