އަނެކާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ އެންމެ ސާފުޖަވާބަކީ ހިތްދަތިކުރުވުމެވެ. މިއީ އެންމެންހެން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ސަބަބަުތަކަށް ބަލައިލަމާ ހިނގާށެވެ.
"ތިބާދެކެ ޙަޤީޤީ ލޯބިވާ އެއްވެސް މީހަކު ތިބާ ދޫކޮށްލާފައި ވަކިވެގެނެއް ނުދާނެއެވެ. އެއީ ބައިވެރިޔާ ނަމަވެސް އަދި އެކުވެރިއެއް ނަމަވެސްމެއެވެ. ތިބާގެ ކިބައިން ކިތަންމެ ބައިވަރު ކުށްތަކެއް ފެނުނަސް އެކަންކަމަށްވުރެ ބޮޑަށް ސަމާލުކަން ދޭނީ ތިބާގެ ކިބައިން ފެނުނު ރަނގަޅު އެންމެ ސިފައަށެވެ."
މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވާހަކައެކެވެ. އަހުރެން ބަލައިލަން ބޭނުންވަނީ މިވާހަކައިގައި ހިމެނޭ "ކިތަންމެ ގިނަ ކުށްތަކެއް ފެނުނަސް" ކަމަށް އޮތް ބަހަށެވެ. އަހުރެން ދެކޭ ގޮތުގައި އެއީ އާދައިގެ ކުށްތަކެވެ. އަނެކާގެ ހިތަށް އަނިޔާކުރުމާއި ހިތްދަތިކުރުވުން ނުހިމެނޭނެއެވެ.
މިޘާލަކަށް ޙަޔާތުގެ ބައިވެރިޔާއަކީ ވަރަށް ހެޔޮ މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާއަކީ ވަފާތެރިއަކަށް ނުވެފައި ހިތުގައި ޖެހޭ ގޮތަށް ކަންކަން ކުރާނަމަ އެމީހަކާއި ވަކިނުވެ އެކުގައި އުޅޭކަށް ބޭނުމެއް ނުވާނެއެވެ! ސަބަބަކީ ހިތްދަތިކުރުވާނަމަ އެކަން ތަޙައްމަލުކޮށްގެން ޢުމުރު ހޭދަކުރުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމަކަށް ނުވާނެތީއެވެ.
ކޮންމެ މީހަކީވެސް ކުށްކުރެވޭނެ މީހެކެވެ. ދިރިއުޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އެއްކަމަކީ އަނެކާގެ ހިތަށް އަނިޔާނުކޮށް ހިތުގައި ނުޖައްސައި އުޅުމެމުންދިއުމެވެ. ދެން އިތުރަށް ކުރެވޭ ހުރިހާ ކުށްތަކަށް މާފުކުރެވުނަސް އެކުށަށް އަބަދު މާފުކުރަންޖެހުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމަކަށް ނުވާނެތީއެވެ.
އެކަން ހާމަކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. "ޒިނޭ އާއިމެދު އޮތީ ޒިނޭ ނުކުރާކަށް ނޫނެވެ. ގާތްވެސް ނުވުމެވެ. އެއީ ގާތްވެއްޖެ ނަމަ ކުރެވޭނެތީއެވެ. ނުކޮށް ހުރެވޭނެ ހަމައެކަނި ގޮތަކީ ގާތްވެސް ނުވުން ކަމުގައިވާތީއެވެ. ހަމައެފަދައިން އަނެކާގެ ހިތުގައި ޖެހިދާނެ ފަދަ އެއްވެސް ކަމަކާއި އޮތީ ގާތް ނުވުމެވެ. ގާތްވެއްޖެނަމަ ހިތުގައި ޖެއްސުވޭނެތީއެވެ. އެކަމުން ސަލާމަތްވެވޭނީ އެފަދަ ކަމަކާއި ގާތްވެސް ނުވެހުރެވިއްޖެނަމައެވެ."
އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ނުކުރުމަށް މިހައި ބޮޑަށް ޢިލްމުވެރިން ބާރުއަޅުއްވަވާ އެއް ސަބަބަކީ މީހެއްގެ ހިތުގައި ޖައްސައިފިނަމަ ކޮންމެވެސް ސިފައެއްގައި އެކަން އެނބުރި އައިސް އެމީހަކާއި ބައްދަލުކުރާނެތީއެވެ. ތިމާވެސް ހިތާމަކުރަންޖެހޭނެތީއެވެ. ހަމައެފަދައިން އެއްވެސް މީހެއްގެ ހިތުގައި ޖެއްސުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމުގައިވެގެންދާތީއެވެ.
އަނެކާގެ ހިތުގަޖައްސުވާފަ އުފަލުގަ ހުރެވުނު މީހަކު ނެތެވެ. އަދި ހިތުގައި ޖެއްސުވުމަކީ މާފުކުރަން ބޭނުންވިޔަސް މާފުކުރަން އެންމެ އުނދަގޫ ކަންތަކެވެ. ވީމާ ހަމަ އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ކިތަންމެ ކުޑަނަމަވެސް ނުކުރާށެވެ!
- އަލަފް / މިއަދުނޫސް