ﷲ ތަޢާލާއަށް ޝަކުވާ ދެންނެވުމާ ޝަކުވާކުރުމުގެ ތަފާތު އެނގެންޖެހޭނެ!: ބިލާލް އައްސަދު

ކިޔުމަށް ހޭދަވާނީ 3މ 23ސ
ﷲ ތަޢާލާއަށް ޝަކުވާ ދެންނެވުމާ ޝަކުވާކުރުމުގެ ތަފާތު އެނގެންޖެހޭނެ!: ބިލާލް އައްސަދު

ޢާއިޝަތު ރަފާޙް ޢަލީ

 

ކެތްތެރިކަން ނުވަތަ 'ޞަބުރު' ކުރުމަކީ ތިމާއަށް އެއްވެސް ތަދެއް ނުވަތަ ވޭނެއް ނުވާކަމެއް ނޫނެވެ. އަދި އެއީ ތިމާ ނުރޮއި ހުރުމެއްވެސް ނޫނެވެ. ތިމާއަށް ރޮވިދާނެއެވެ. ވޭނަކީ ހަޤީޤަތެކެވެ. ޞަބުރަކީ، ހިތަށް ތަދުވި ނަމަވެސް، އެކަމާ ޝަކުވާ ނުކޮށް، ރުޅިވެރިކަން އިސްނުކޮށް ހިތުގެ މައްޗަށް ވެރިކުރާ ޙާލަތެކެވެ. 

އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަމާޒުކޮށް ތިމާގެ ހިތްހަމަނުޖެހުންތައް ބޭރުކުރުމެއް ނޫނެވެ. އެ ޙާލަތުގައި، ތިމާގެ ހިތުގެ އުދާސްތައް ބޭރުކޮށް، ﷲ ގެ ޙަޟުރަތުގައި ރޮއި ދަންނަވައިފާނެއެވެ. ނަމަވެސް، ﷲ އާ މެދު ޝަކުވާއެއް ނުކުރާނެއެވެ. ﷲ އަށް ޝަކުވާ ދެންނެވުމާއި، ﷲ އާ މެދު ޝަކުވާ ކުރުމާ ދެމެދު ވަރަށް ބޮޑު ތަފާތެއްވެއެވެ. ﷲ އަށް ޝަކުވާ ދެންނެވުމަކީ ހުރިހާ ނަބީބޭކަލުންވެސް ކުރެއްވި ކަމެކެވެ. 

ﷲ އަށް ޝަކުވާ ދެންނެވުމަކީ އެކަލާނގެއަށް މުޚާޠަބުކޮށް "ޔާ ﷲ! މިއީ މިއަޅާއަށް ނުހަނު ތަދުވާ ކަމެކެވެ. މިއީ ވަރަށް ދަތި ކަމެކެވެ. މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާށި" މިފަދައިން ދެންނެވުމެވެ. މިއީ އެއްވެސް ގޮތަކުން ގޯސް ކަމެއް ނޫނެވެ. އަދި ކިއެއްތަ، ﷲ ގެ ކުރިފުޅުމަތީގައި ތިމާގެ ނިކަމެތިކަން ހާމަކުރުމަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަހަރެމެން އެންމެންނަކީވެސް ކޮންމެ ހިނދަކު އެކަލާނގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންޖެހިފައިވާ ބަޔަކަށް ވީހިނދު، އެކަމަށް އިޢުތިރާފުވުމަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. 

މިކަމުގެ މިސާލެއް ރަސޫލާ ﷺ ގެ ސީރަތުން ފެންނަން އެބައޮތެވެ. ޠާއިފުގެ އަހުލުވެރިން އެކަލޭގެފާނާ މެދު ނުހަނު އިހާނެތިކޮށް ކަންތައްކޮށް، ހަށިކޮޅުން ލޭ އޮހޮރުވައިލުމުން، އެކަލޭގެފާނު އެނބުރިވަޑައިގަތީ ހަމައެކަނި ﷲ ގެ ޙަޟުރަތަށެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި ތަދާއި ހިތްދަތިކަމުގެ ޝަކުވާ ﷲ އަށް ދެންނެވިއެވެ. މިއީ ކެތްތެރިކަމާ ފުށުއަރާ ކަމެއް ނޫނެވެ. ކެތްތެރިކަމާ ފުށުއަރަނީ، ﷲ ނިންމެވި ގޮތާމެދު ހިތްހަމަނުޖެހި، "އަހަންނަށް މިހެން މިވީ ކީއްވެ؟ މިއީ އިންޞާފެއް ނޫން" ފަދަ ބަސްތައް ބުނެ، ﷲ އާ މެދު ޝަކުވާ ކުރުމެވެ.

ކެތްތެރިކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، މުއުމިނަކަށް ކުރިމަތިވާ އެއްވެސް ހިތާމައެއް، ދަތިކަމެއް، ނުވަތަ ހަށިގަނޑަށް ހެރޭ ކައްޓެއްގެ ސަބަބުން ވިޔަސް، ގަހަކުން ފަތްތައް ފައިބައިގެންދާ ފަދައިން އޭނާގެ ފާފަތައް ފޮހެވިގެންދެއެވެ. މިއީ ޞަބުރުގެ ސަބަބުން ލިބޭ ފާފަ ފޮހެވި، ތާހިރުވުމުގެ ނިޢުމަތެވެ. 

ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ 'ތަމްޙީޞް' މި ލަފުޒު ބޭނުންފުޅުކުރައްވާފައިވެއެވެ. މިއީ ރަނުގެ ތެރޭގައި ހުންނަ ކުނިތައް ނައްތާލައި، ސާފު ރަނަށް ހެދުމަށްޓަކައި ގަދަ ހޫނުގެ ތެރެއަށް ރަން ލައިގެން ކުރާ މަސައްކަތަށް ކިޔާ ނަމެކެވެ. ހަމައެފަދައިން، މުއުމިނުންނަށް ކުރިމަތިވާ އިމްތިޙާނުތަކަކީ އެމީހުންގެ ކިބައިގައިވާ އުނިކަންކަމާއި ފާފަތަކުން ސާފުކޮށް، ތާހިރުކޮށްދޭ ކަމެކެވެ.

ދެން އޮތީ ތިންވަނަ ދަރަޖައެވެ. އެއީ އެންމެ މަތީ ދަރަޖަ ކަމުގައިވާ 'ރިޟާ' ނުވަތަ ރުހުމާއި ހިތްހަމަޖެހުމެވެ. ކެތްތެރިވާ މީހާގެ ހިތުގައި ތަދު އިޙްސާސް ކުރެވުނަސް، 'ރިޟާ' ގެ ދަރަޖައިގައި ހުންނަ މީހާގެ ހިތަށް ލިބެނީ ފުން ހަމަޖެހުމެކެވެ. އޭނާ ހުންނަނީ ﷲ މިންވަރުކުރެއްވި ކޮންމެ ކަމަކަށް ފުރިހަމައަށް ރުހިގެންނެވެ.

މިކަން ދެނެގަތުމަށް މިސާލެއް ބަލަމާ ހިނގާށެވެ. ތިމާ އިންތިހާއަށް ލޯބިވާ މީހަކު ތިމާއަށް ހަދިޔާއެއް ދީފިނަމަ، އެ ހަދިޔާއަކީ އޭގެ ޒާތުގައި ތިމާ މާ ގަޔާވާ އެއްޗަކަށް ނުވި ނަމަވެސް، އެ އެއްޗެއް ދިން ފަރާތުގެ ސަބަބުން ތިމާ އެއަށް ލޯބިކުރެއެވެ. ހަމައެފަދައިން، މުއުމިނަކު ﷲ ދެކެ ހަޤީޤީ ލޯބިވާނަމަ، އެކަލާނގެ މިންވަރުކުރެއްވި ކޮންމެ ކަމަކީ ރަހްމަތެއް ކަމުގައި ދެކޭނެއެވެ. އެއީ ތިމާގެ މައިންބަފައިން ކަމުގައި ވިޔަސް، ދަރިން ނުވަތަ ބައިވެރިޔާ ކަމުގައި ވިޔަސް، އަދި ކުރިމަތިވާ ދަތިކަމެއް ކަމުގައި ވިޔަސްމެއެވެ. 

'ރިޟާ' ގެ ދަރަޖައަށް ވާޞިލުވުމުން ލިބޭ ނަތީޖާއަކީ ހަމައެކަނި ފާފަ ފޮހެވުމެއް ނޫނެވެ. އެއީ ﷲ ގެ ޙަޟުރަތުގައި ތިމާގެ ދަރަޖަ އުފުލި، އެކަލާނގެއާ ކުއްތަންވުމުގެ ފުރުޞަތު ލިބުމެވެ. 

ގިނަ ފަހަރަށް އަހަރެމެންނަށް ﷲ މަތިން ހަނދުމަވެ، ދުޢާކުރުމުގައި ޝައުޤުވެރިކަން އިތުރުވަނީ ދަތިކަމެއް ކުރިމަތިވުމުންނެވެ. އާދައިގެ ޙާލަތްތަކުގައި ނަމާދު ކުރި ނަމަވެސް އެ ފުން އިޙްސާސްތައް ނުލިބިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދަތިތައް ކުރިމަތިކުރައްވާ އެއް ސަބަބަކީވެސް އެއީއެވެ. އެއީ އަހަރެމެން އަލުން އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވުމަށްޓަކައެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން