ޢާއިޝަތު ރަފާޙް ޢަލީ
އިންސާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ މުސްތަޤުބަލާމެދު ކުރެވޭ ފިކުރުތަކެވެ. ނަމަވެސް، އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސު އިޞްލާޙުކޮށް، ހެޔޮމަގުގައި ސާބިތުވުމަށް މަސައްކަތްކުރުމެވެ. މާދަމާއާމެދު އޮންނަ ބިރުވެރިކަން މިއަދު އަޅުގަނޑުމެންގެ ވިސްނުމާއި، ދައްކާ ވާހަކައާއި، އާއިލީ މަޖިލިސްތަކުގެ ތެރެއަށް ވަނީ ފެތުރިފައެވެ.
ގިނަ ފަހަރަށް މީހުންނަށް ވިސްނެނީ މުސްތަޤުބަލެއްގައި ދިމާވެދާނެ އެންމެ ގޯސް ޙާލަތްތަކާ މެދުގައެވެ. ދިރިއުޅުމުގެ ޚަރަދުތަކާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެދާނެ ގޮތްތަކާމެދު އިންތިހާއަށް ކަންބޮޑުވެއެވެ. ޚާއްޞަކޮށް، ތިމާ ނެތް ދުނިޔެއެއްގައި ދަރިންގެ ޙާލަތު ހުންނާނެ ގޮތަކާމެދު ފިކުރުބޮޑުވެއެވެ. އަންހެން ދަރިންގެ ކައިވެނި ރޫޅިދާނެ ކަމުގެ ބިރާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކާމެދު ވިސްނަނީ ކައިވެންޏެއް ނުކޮށް ތިއްބަސްމެއެވެ.
މީގެ އިތުރުން، މުސްކުޅިވާ ދުވަހު ބަލިވެ ގުނަވަންތައް ހަލާކުވެދާނެކަމުގެ ބިރާއި އެކަނިވެރިކަމުގެ ބިރުވެސް އޮވެއެވެ. މި ހުރިހާ ކަމަކީ އީމާންތެރިކަމުގެ ބަލިކަށިކަމާއި، މާތް ﷲ އާމެދު އޮންނަ ކުށްހީތަކުގެ ނުބައިކަމުން ދިމާވާ ކަންކަމެވެ. މުސްތަޤުބަލާމެދު އޮންނަ މިފަދަ ބިރުވެރިކަމަށް މާތް ﷲ ވަނީ "ޖާހިލިއްޔަތު" ގެ ނަން ދެއްވާފައެވެ.
އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ގޮތުގައި، ޝައިޠާނާ އިންސާނާގެ ގާތަށް އައިސް ވަސްވާސްދެނީ ފަޤީރުކަމާއި، ބަލިމަޑުކަމާއި، މަރުގެ ބިރު ދައްކައިގެންނެވެ. މިއީ މާތް ﷲ މިންވަރު ކުރައްވާފައިވާ ގަދަރާއި، ޢަދުލުވެރިކަމާމެދު ހިތުގައި ޝައްކު އުފެއްދުމަށް ކުރާ ކަމެކެވެ. އޭގެ އިދިކޮޅަށް، މަލާއިކަތުން އިންސާނާއަށް މަގުދައްކަވަނީ ހެޔޮ ކަންކަމަށާއި، މާތް ﷲ އާމެދު އުންމީދުން ފުރިގެންވާ ހެޔޮ ވިސްނުންތަކަށެވެ. އެހެންކަމުން، ހިތަށް ހެޔޮ ޚިޔާލެއް އަތުވެއްޖެ ނަމަ، އެއީ ﷲ ގެ ހަޟްރަތުން އައި ކަމެއްކަން ދަނެ ޙަމްދުކުރާށެވެ. އަދި ނުބައި ވަސްވާހެއް އަތުވެއްޖެ ނަމަ، އެކަމުން ރައްކާތެރިކަމަށް އެދޭށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ، ޝައިޠާނާ ފަޤީރުކަމުގެ ބިރުދައްކާއިރު، ﷲ ވަޢުދުކުރައްވަނީ ފާފަފުއްސެވުމާއި ދީލަތިކަން ދެއްވުމަށެވެ.
މުސްތަޤުބަލުގެ ބިރަށްޓަކައި ބައެއް މީހުން ޙަރާމް ގޮތްގޮތުން މުދާ ހޯދުމާއި، އަނިޔާވެރިކަމާއި، މަކަރުހެދުމުގެ ތެރެއަށް ވަދެގެންދެއެވެ. އަދި ދިރިއުޅުން އަމާންކުރުމުގެ ނަމުގައި ނަމާދުތަކަށް އިހުމާލުވެ، ޒަކާތާއި ޙައްޖު ފަދަ މުހިންމު އަޅުކަންތައް ފަސްކުރެއެވެ. ޙަޤީޤަތަކީ މިއީ ބުއްދިވެރި ގޮތެއް ނޫނެވެ. ދިރިއުޅުމުގެ ސަބަބުތަކުގައި ހިފުމާއި މަސައްކަތް ކުރުމަކީ މާތް ﷲ އަށް ވަކީލުކުރުމާ ފުށުއަރާ ކަމެއް ނޫނެވެ. ނަމަވެސް، މުސްތަޤުބަލަށްޓަކައި ޙަރާމް ކަންކަމަށް އަރައިގަތުމަކީ ބޮޑުވެގެންވާ މަގުއޮޅުމެކެވެ. އެހެންކަމުން، މާދަމާއާމެދު މާބޮޑަށް ފިކުރުކޮށް ނަފްސު ހާސްނުކޮށް، މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރާށެވެ.
- ޝައިޚް ޢަބްދުއްސަލާމް އަލްޝުވައިރްގެ ދަރުސަކުން