ﷲ ގެ ޙަޟްރަތަށް އެމީހެއްގެ ތަޢްރީފް ކޮންމެ ދުވަހަކު ދެފަހަރު މަލާއިކަތުން އުފުއްލަވާނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 34ސ
ﷲ ގެ ޙަޟްރަތަށް އެމީހެއްގެ ތަޢްރީފް ކޮންމެ ދުވަހަކު ދެފަހަރު މަލާއިކަތުން އުފުއްލަވާނެ މީހުން!

 

ވިސްނައިލާށެވެ! ތިމާއަކީ ތިމާގެ ތައްރީފް ދުވާލަކު ދެފަހަރު މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާނެ މީހަކަށް ވެވިއްޖެނަމަ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެ މިންވަރާއިމެދުގައެވެ. އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެން އެމީހަކަށް ލޯބިފުޅުވެވޮޑިގަންނަވާނެ މިންވަރާއިމެދުގައެވެ.  

މިދައްކަނީ ﷲ ތަޢާލާ އަހުރެމެން ކޮންމެ މުސްލިމަކަށްވެސް ދެއްވަވާފައިވާ ފުރުޞަތެއްގެ ވާހަކަ އެވެ. އޮތީ ފަރުވާތެރިވެ އެރަޙްމަތް ލިބިގަތުމެވެ. މިބޮޑު ރަޙްމަތް ލިބިގަންނަން ކުރަން އޮތްކަމަކީ އެރަޙްމަތް ނުލިބޭނެ ގޮތަށް ޢަމަލުނުކޮށް ލިބޭނެ ގޮތަށް ޢަމަލުކުރުމެވެ.  

ކުރަންޖެހޭ ކަމަކީ ފަތިސްނަމާދާއި ޢަޞްރުނަމާދު ޖަމާޢަތުގައި ކުރުމެވެ. އަނހެނަކު ނަމަ ނަމާދުވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަތުމެވެ. ފުރަތަމަ ކަމަކަށް މިމަގުން ވިސްނައިލާށެވެ!  

ކޮންމެ ގޮތެއްވިޔަސް އެއީ ފަރުޟު 5 ނަމާދުގެ ތެރޭގައި ހިމެނޭ 2 ނަމާދެވެ. ޖަމާޢަތުގައި ނުކުރިޔަސް ފަހުން ނަމަވެސް ކުރަންޖެހޭނެ 2 ނަމާދެ. ވަޤުތުވުމުން އެ 2 ނަމާދުކުރަން އަވަސްވެގަތުމުން އެމީހަކަށް ލިބިގެން އެދަނީ ތިބާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅެއްކަމުގައާއި ނަމާދުކުރިކަމުގެ ވާހަކަ މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެ މީހަކަށްވުމުގެ ފުރުޞަތެވެ. ވަޤުތުވުމުން ނުކޮށް ލަސްކުރުމުން ނުވަތ ފަހުން ކުރުމުން ގެއްލިގެން އެދަނީ މިބަޔާންކުރި މަގުން މަލާއިކަތުން  ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުގެ ފުރުޞަތެވެ.  

ތިރީގައިވާ އާޔަތާއި ޙަދީޘްފުޅުތަކުން މިދެއްކި ވާހަކައަށް ދަލީލު ލިބިގެންދާނެއެވެ. އިން ޝާ ﷲ   

ފަތިސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޚާއްޞަކޮށް ޖަމާޢަތުގައި އަދާކުރުމަށް ރައްކާތެރިވުމަކީ ގުނައި އަދަދުވެސް ނުކުރެވޭހައި ގިނަގުނަ ދަރުމައާއި ޘަވާބު އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާނެކަމެކެވެ. ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ. 

(أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا ) (الإسراء 78)

މާނައީ: "އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހަށްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހަށްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ." 

މިއާޔަތުގައި ފަތިސްނަމާދަށް ނަންދެވިފައި އެވަނީ "ޤުރުއާނުލް ފަޖްރި" ގެ ނަމުންނެވެ. އެނަމުން ނަންދެވިފައިވަނީ އެހެނިހެން ނަމާދުތަކާއި ޚިލާފަށް ފަތިސްނަމާދުގައި ތަންކޮޅެއް ދިގުކޮށް ޤުރުއާން ކިޔެވުން މުސްތަޙައްބު ވެފައިވާތީއެވެ. މިއާޔަތުން އެނގޭ ގޮތުގައި ފަތިސް ނަމާދު ކުރާމީހާއަށް ﷲ ގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން އޭނާ ފަތިސްނަމާދު ކުރާކަމަށް ހެކިވެ ވަޑައިގަންނަވާނެތެވެ. މިއަށްވުރެ ވަކި މަތިވެރި ފަޚްރަކާއި ޝަރަފް އިންސާނަކަށް ލިބޭނެތޯއެވެ؟ ކީރިތި ރަސޫލާގެ ނަބަވީ ބަސްފުޅަކުންވެސް މިކަން ސާބިތުވާން އެބައޮތެވެ. ﷲ ރުއްސުން ލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. 

ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

«يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الفَجْرِ وَصَلاَةِ العَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهُوَ أَعْلَمُ بِهِمْ: كَيْفَ تَرَكْتُمْ عِبَادِي؟ فَيَقُولُونَ: تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ»

[رواه البخاري (555) ومسلم (210 – (632))]

މާނައީ:  "ތިޔަބައިމީހުންގެ ތެރޭގައި އެއްބައެއްގެ ފަހަތުން އަނެއްބަޔަކު ބަދަލުވެވޭ ތިބޭގޮތުގައި ރޭގަނޑުގެވެސް މަލާއިކަތުން އަދި ދުވާލުގެ ވެސް މަލާއިކަތުން މާތް ﷲ ލައްވާފައިވެއެވެ. އެބޭކަލުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަކުވަނީ ފަތިސްނަމާދާއި ޢަޞުރު ނަމާދުގައެވެ. ދެން ރޭގަނޑު ތިޔަބައި މީހުންގެ ގާތުގައި ތިއްބެވި މަލާއިކަތުން ﷲ ގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ދެން އެބޭކަލުންގެ ވެރިރަސްކަލާނގެ އެބޭކަލުންނާއި ސުވާލު ކުރައްވާނެތެވެ. (އެކަލާނގެއީ އެމީހުންގެ ހުރިހައިކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ތިޔަބޭކަލުން ތިމަން ރަސްކަލާނގެ އަޅުތަކުންނާއި ވަކިވެވަޑައިގަތީ ކޮންފަދަ ޙާލެއްގައި އެމީހުން ވަނިކޮށް ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެތެވެ. ތިމަން ބޭކަލުން އެމީހުންނާއި ވަކިވީ އެމީހުން ނަމާދު ކުރަން ތިއްބައެވެ. އަދި އެމީހުންގާތަށް އައީވެސް އެމީހުން ނަމާދު ކުރަން ތިއްބައެވެ." 

މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނު ކިބައިން ރިވާވެގެންވާ އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. 

«إِنَّ أَثْقَلَ صَلَاةٍ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ، وَصَلَاةُ الْفَجْرِ، وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا» [رواه مسلم (252 – (651))]

މާނައީ: ” މުނަފިގުންގެ މައްޗަށް އެންމެ ބުރަހެލިކަންބޮޑު އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައި އެކުލެވިފައިވާ ދަރުމައާއި ޘަވާބުގެ މަތިވެރިކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އެދެނަމާދަށް އެބައިމީހުން އައީހެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން