މަންމައާއިމެދު މިކަންކަން އެނގޭނަމަ ކޮންމެ ދަރިއަކުވެސް މަންމަ ގެންގުޅޭނީ އެންމެ ލޯބިން! މަންމަ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަންމައާއިމެދު މިކަންކަން އެނގޭނަމަ ކޮންމެ ދަރިއަކުވެސް މަންމަ ގެންގުޅޭނީ އެންމެ ލޯބިން! މަންމަ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ!

މައިން ދަރިންގެ ގާތުގައި ކަމެއް ނުކުރަން ބުނެފިނަމަ އެއުޅެނީ ތިމާ ކޮންޓްރޯލްކުރަން ކަމަށް ވިސްނި މަންމައަށް ނަފްރަތުކުރެވޭކަން އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެއްވެސް ޙާލެއްގައި އެއީ ދަރިފުޅު ކޮންޓްރޯލްކުރާކަށް ނޫނެވެ. ދަރިފުޅަށް ނުވިސްނޭ ކަންކަން މަންމައަށް ވިސްނޭތީއެވެ. މަންމަގެ ޙަޔާތުގައި ކުރެވިފައިވާ ތަޖުރިބާތައް ގިނަވީމައެވެ.  

ލޮބުވެތި ދަރިންނޭވެ! ދުނިޔޭގެ އެންމެން ތިބާ ދޫކޮށްލިޔަސް މަންމަ ތިބާ ދޫކޮށެއް ނުލާނެއެވެ. ތިބާއަށް ނިކަމެތި ޙާލެއްގައި އުޅެން ޖެހުނަސް ތިބާއަށް ހެޔޮއެދިގެން ތިބާއާއިއެކު ދެމިހުންނާނީ މަންމައެވެ. މަންމައަކީ ދުވަހަކުވެސް ތިބާއާއި ވަކިވާނެ މީހެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެން ތިބާދެކެ ފޫހިވިޔަސް މަންމަ ފޫއްސެއް ނުވާނެއެވެ. ހަމައެކަކު ތިބާގެ އަގު ވަޒަންނުކުރިޔަސް މަންމަ ވަޒަންކުރާނެއެވެ.  

މަންމައަށް ކޮށްދެވޭނެ ކަމެއް ނެތިދާނެއެވެ. އެކަމަކު އެންމެ ބޮޑުކަންތައް މަންމަ ކޮށްދޭނެއެވެ. އެއީ ތިބާއަށްޓަކައި ހެޔޮދުޢާކުރުމެވެ. ހަމައެއާއިއެކު މަންމަ ތިބާއަށްޓަކައި އުފުލި ބުރަ އެއީ ބުރައެއް ކަމަށް ދުވަހަކުވެސް ނުދެކޭނެއެވެ. މަންމަގެ އެންމެ ބޮޑު ބޭނުމަކަށްވާނީ މަންމަގެ ދަރިފުޅަކީ ކާމިޔާބު މީހަކަށްވުމެވެ.  

ދަރިން ކުރަން އުޅޭ ބައެއް ކަންކަން ނުކުރަން މަންމަ ބުނަނީ އެކަމެއް ކޮށްފިނަމަ ދަރިފުޅަށް ލިބޭނެ ގެއްލުން ބޮޑުވާނެކަން މަންމައަށް ޔަޤީންކުރެވޭތީއެވެ. ވީމާ މަންމަ ދެކެ ރުޅި ނައިސް އިތުރަށް ވިސްނައިލާށެވެ. އަދި މަންމައާއި ވާހަކަދައްކައިގެން ކަންކަން އިތުރަށް އޮޅުންފިލުވާށެވެ. އެއަށްފަހު ގޮތްނިންމާށެވެ. އެއިރުން ހީވެސް ނުކުރެވޭވަރުގެ ބޮޑެތި މުޞީބާތްތަކުން ސަލާމަތްވެވޭނެއެވެ. ހީވެސް ނުކުރެވޭވވަރުގެ ބޮޑެތި ކުރިއެރުންތައް ދިރިއުޅުމަށް ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން