ޢާއިޝަތު ރަފާޙް ޢަލީ
ފިރިމީހާ އޭނާގެ އަނބިމީހާއާއެކު މަޝްވަރާކުރަންވާނެއެވެ. ގޭގެ ކަންކަމާއި، އެކަންކަން ހިންގާނެ ގޮތުގެ މައްޗަށެވެ. އަދި އަހަރެމެންނަށް އަޑުއިވިފައިވާ ގޮތުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: 'އަންހެނާއަކީ ބަލަދުވެރިއެކެވެ. އަދި އޭނާގެ ފިރިމީހާގެ ގޭގައި އޭނާއަކީ ބަލަދުވެރިއެކެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައިވާ ކަންކަމާމެދު އޭނާ ސުވާލުކުރެވޭނެއެވެ.' އެހެންކަމުން، އަންހެނާއަކީ ގޭގައި ބަލަދުވެރިއެކެވެ.
ބުއްދިވެރި ފިރިމީހާ މަސައްކަތްކުރާނީ އޭނާގެ އަނބިމީހާގެ ކިބައިގައި މާތް ސިފަތައް އަށަގަންނުވުމަށެވެ. އަދި މިކަން ހާސިލުކުރެވޭނީ މިތާނގައި ބަޔާންކުރައްވާފައިވާ ފަދައިން މަޝްވަރާގެ ތެރެއިންނެވެ. އެހެނީ އޭނާގެ ފިރިމީހާ މިއުސޫލުން އޭނާއާ މުޢާމަލާތްކުރާތަން އަންހެނާއަށް ފެންނާނެއެވެ. އަދި މަޝްވަރާކުރާނެއެވެ. ވަކި ކަމެއް ކޮންތާކު ބަ ހައްޓާނީތޯ، ކޮންތަނެއްގައި ބެހެއްޓުން ރަނގަޅުވާނީތޯ. އަދި ޙަޤީޤަތުގައި އޭނާއަށް އެނގޭ ކަންކަން ވެސް، އެބާވަތުގެ ނުވަތަ އެދާއިރާގެ ކަންކަން ވެސް، އޭނާގެ އަނބިމީހާގެ ޚިޔާލުގެ ގޮތުގައި ހަދައެވެ. އެއީ އޭނާގެ އަނބިމީހާ އުފާވެ، އެކަމުން ހިތްހަމަޖެހި، އިތުރު މަސައްކަތަކަށް ޝައުޤުވެރިވެ، ބުރަކޮށް މަސައްކަތްކުރުމަށްޓަކައެވެ.
މިއާ ޚިލާފަށް، ފިރިމީހާއަކީ ގޭތެރޭގައި އަނިޔާވެރި މީހެއްނަމަ، އަދި އެއްވެސް އަޑެއް އުފުލުމުގެ ފުރުސަތު ނުދޭނަމަ، އަދި އެއީ އޭނާއަށް ލިބޭ އުނިކަމެއްކަމުގައި ދެކޭނަމަ، ހަމައެކަނި އޭނާއަށް ޚިޔާލެއް ހުށަހެޅުމުން ވެސް ރުޅިއައިސް، 'ތިޔަ ވާހަކަތައް ތިޔަ ބުނަނީ ކީއްވެގެންކަން އަހަންނަކަށް ނޭނގެއެވެ ބުނާނަމަ އެމީހަކީ ޖާހިލެކެވެ. އަހަރެންނަކީ މިވެނި މީހެކެވެ' ކިޔައި، މިސާލަކަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، ގަދަބަސްބުނަން ފަށައިފިނަމަ، ގުޅުން ފިނިވެ، މުޢާމަލާތް ގޯސްވެ، ގޭތެރެ ހަލަބޮލިވެގެންދާނެއެވެ.
އެހެންނަމަވެސް، އެކަން މަޝްވަރާގެ ގޮތުގައި ހުށަހަޅައި، 'މިވެނި ކަމަކާ ދޭތެރޭ ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ؟ މިއީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟' މިފަދައިން ބުނެފިނަމަ، އަދި އޭނާ ލޯބިވާ ކަމެއް ވެސް މަޝްވަރާގެ އުސްލޫބުން އެދެފިނަމަ، މިސާލަކަށް 'އަހަރެން މިވެނި ކަމެއް އިސްކުރަމެވެ. ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ؟ މިވެނި ގޮތަކަށް ކޮށްފިނަމަ ކިހިނެއްތޯއެވެ؟' މިފަދައިން ބުނެފިނަމަ، މިއީ 'މިވެނި ކަމެއް ކުރާށެވެ. އަދި ތިޔަ ގޮތަށް ނުކޮށްފިނަމަ މިވެނި ކަމެއް ކުރާނަމެވެ' މިހެން ބުނުމާ ތަފާތު ދެ އުސްލޫބެކެވެ. މި ދެގޮތުންވެސް އޭނާ ބޭނުންވާ ކަމެއް ހާސިލުވާނެއެވެ. އެހެނަސް މި ދެ އުސްލޫބުގެ މެދުގައި ބޮޑު ތަފާތެއްވެއެވެ.
'އަހަރެން މިވެނި ކަމެއް އިސްކުރަމެވެ. ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ؟ މިސާލަކަށް މިވެނި ގޮތަކަށް ކޮށްފިނަމަ ކިހިނެއްތޯއެވެ؟ ނުވަތަ ތިބާގެ އެހެން ޚިޔާލެއް އެބައޮތްތޯއެވެ؟ މާ ރަނގަޅު ޚިޔާލެއް އޮތްނަމަ އެންމެ ރަނގަޅެވެ.' މިފަދައިން ބުނުމުން އަންހެނާ ބާރުވެރިވެ، ހިތްވަރު ލިބި، އަދި އިޚްލާޞްތެރިކަމާއެކު ނަސޭހަތްދީ މަސައްކަތްކުރާނެއެވެ. އެހެނީ އޭނާއަށް އެނގޭނެއެވެ އޭނާއަށް މަޤާމެއް ލިބިފައިވާކަމާއި، ގޭގެ އަމާނާތް އޭނާއާ ޙަވާލުކުރެވިފައިވާކަމާއި، އަދި އޭނާއަށް އަގާއި ޤަދަރު ލިބިފައިވާކަމެވެ.
އޭނާގެ ކިބައިން އަމާނާތްތެރިކަމާއި ޤާބިލުކަން ފެނިއްޖެނަމަ، ގޭގެ ޚަރަދުތައް ބެލެހެއްޓުމުގައި އޭނާއަށް މިނިވަންކަން ދޭށެވެ. މި ޤާބިލުކަން އަންނަނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް ތަމްރީނުދީ، އެކަށީގެންވާ އުސްލޫބަކުން ގޭގެ މަޞްލަޙަތު ހިމެނޭ ގޮތަށް އާދަކުރުވުމުގެ ކުރިން އަޅާ ފިޔަވަޅުތަކުގެ ފަހުގައެވެ. އަދި އޭނާގެ ކިބައިން އަމާނާތްތެރިކަމާއި ޤާބިލުކަން ފެނިއްޖެނަމަ، ގޭގެ ޚަރަދުތައް ބެލެހެއްޓުމުގައި އޭނާއަށް މިނިވަންކަން ދޭށެވެ. އެއީ އޭނާ އެކަމަށް އަހަންމިއްޔަތުކަން ދީ، އޭނާގެ ޒިންމާއާމެދު ހޭލުންތެރިވެ، އިޤްތިޞާދީ ކަންކަމުގައި ބުރަކޮށް މަސައްކަތްކުރުމަށްޓަކައެވެ. އަދި މިކަމުގެ ސަބަބުން ގޭގެ ވެރިޔާއަށް ހިތްހަމަޖެހުމާއި ހަމަޖެހުން ލިބިގެންދާނެއެވެ.
- ޝައިޚް އަބްދުއްރައްޒާޤް އަލްބަދްރްގެ ދަރުސަކުން