ފަހުދިހައިގަ ކޮންމެރެއަކު ޞަދަޤާތްކުރަން މިހާރުންސުރެ ތައްޔާރުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފަހުދިހައިގަ ކޮންމެރެއަކު ޞަދަޤާތްކުރަން މިހާރުންސުރެ ތައްޔާރުވަމާ!

ދުނިޔޭގައި ފޯރުންތެރިން ބައިވަރެވެ. އެހެނަސް މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނައީ ފަޤީރުންނެވެ. ދަތިޙާލުގައި އުޅޭ މީހުންނެވެ. ރަމަޟާން މަހުގެ ޚަރަދުތައް ބޮޑުވުމުން އަތްމަތި ދަތިކަން އެމަހުގައި އިތުރުވެގެންދެއެވެ. 

އަހުރެން މިބުނަނީއެވެ. ޚާއްބަކޮށް ފަހު ދިހައިގެ ކޮންމެ ރެއަކު (10 ރުފިޔާ) ޞަދަޤާކުރެވެން ނެތް މީހާ އެއަށްވުރެ މަދުން ނަމަވެސް ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރާށެވެ. އެންމެ ރުފިޔާއެއް ނަމަވެސް ޞަދަޤާތްކުރާށެވެ. އެންމެ ރުފިޔާއެއް ޞަދަޤާތްކުރެވެން ނެތްނަމަ ވަކިލާރިއެއް ވިޔަސް ޞަދަޤާތްކުރާށެވެ!  

އެކަމުގެ ފައިދާ އަހަރުގެ ދެން އޮތް 1000 މަސްދުވަހަށްވުރެވެސް ބޮޑުވެގެންދާތީއެވެ. ކޮންމެ ރެއަކު ކުރުމުން ލައިލަތުލްޤަދްރިވިލޭރޭ ޞަދަޤާތްކުރިކަމުގެ ފައިދާ ޙާޞިލުކުރެވޭނެތީއެވެ. ހަމައެއެއާއިއެކު ނުހަނު ދަތިޙާލުކޮޅުގައި އުޅުއްވަވަމުންވެސް އަބަދުވެސް އެންމެ ދީލަތިކަން ބޮޑު ޞާޙިބާ، މުޙައްމަދު ﷺ ރަމަޟާން މަހުގައި ދީލަތިކަން އިތުރުކުރެއްވެވީތީއެވެ.  

މައްސަލައެއް ނެތެވެ. ވަކިލާރިއެއްވެސް ދެވެން ނެތީއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ މީހަކަށް މަސައްކަތެއްކޮށްލައިދޭށެވެ. ގައިގެ ބާރު ދެރަކަމުން މަސައްކަތެއްވެސް ނުކުރެވޭނެނަމަ އަޚުންނާއި އުޚުތުންނާއި ބައްދަލުވުމުން ހިނިތުންވެލާށެވެ! އޭނާއަށްޓަކާ ހެޔޮދުޢާއެއް ކޮށްލާށެވެ! މިހުރީވެސް ހަމަ ޞަދަޤާތެވެ!  

އިސްލާމް ދީނުގައި ކަންކަން ހުރީ ފަޤީރުވެގެން ކަރުއެލުވާލަން ޖެހޭނެ ގޮތަކަށް ނޫނެވެ. އެންމެ ނިކަމެތި މީހާވެސް މަސައްކަތްކުރުމުން އެންމެ މަތިން މާކްސް ލިބޭނެ ގޮތަށެވެ. އޮތީ އެމީހެއްގެ ކިބައިގައި ހިތްވަރުހުރި ވަރެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން