މީހަކާ ސުވާލުކުރީމެވެ! "ﷲ ތަޢާލާ އާއި ތިބާއާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ބޭއްވުމަށް ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ. "އެންމެ ކުޑައިރު ބައްޕަ ބުނުއްވިއެވެ. ދަރިފުޅާއެވެ! މުސްލިމަކަށްވެވޭނީ، މުސްލިމެއްގެ ގޮތުގައި ހުރެވޭނީ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދުކޮށްގެންނެވެ. އެހެންވެ އެންމެ ކުޑައިރުންސުރެ ފަރުޟު 5 ނަމާދުކުރަމެވެ.
އެއިގެ އިތުރު ފަރުޟު ކުރައްވަވާފައިވާ ކަންކަން ބަރާބަރަށް ކުރަން މަސައްކަތްކުރަމެވެ. ރަމަޟާން މަހުގައާއި ސުންނަތް ރޯދަތައް ހިފަމެވެ. ސުންނަތް ނަމާދުތައްވެސް ކުރަމެވެ. ރޭއަޅުކަން ކުރަމެވެ.. ޞަދަޤާތްދެމެވެ. ވެވުނު ވަރަކުން މީހުންނަށް އެހީތެރިވަމެވެ.
ޢާއިލީ ޒިންމާތައް އަދާކުރަމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތަމެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަމެވެ. އަނބިމީހާ ދެރަވާނެ އެއްވެސް ކަމެއް ނުކުރަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރަމެވެ.
އެކަމަކުވެސް އަހުރެންނަކީ އެންމެ ރަނގަޅު މުސްލިމެއް ކަމަކަށް ނުބުނާނަމެވެ. އަދިވެސް މަސައްކަތް މިކުރަނީ އެންމެ ރަނގަޅު މުސްލިމަކަށް ވެވޭތޯއެވެ! ނަމަވެސް އަހުރެން އުންމީދުކުރަނީ އެންމެ ރަނގަޅު މުސްލިމެއްގެ ދަރަޖަ އަހުރެންނަށް ދެއްވަވާނެ ކަމަށެވެ."
ސުވާލުގެ ޖަވާބުގައި އޭނާ ކުރާކަމަށް ބުނި ކަންކަމުގެ ލިސްޓް އަޑުއަހަން އިނދެވުނީ ތަލިން ކުޅުހިކިފައިވާ ޙާލުގައެވެ. ޙައިރާންވެ އަންތަރީސްވެފައެވެ. އަހުރެންގެ ސުވާލަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމަށް އޭނާ އެކުރާ ކަންކަމުން ހަމަ އެންމެ ކަމެއްވެސް ނުކޮށް ދޫކޮށްލައިގެން ވާންނަތެ ޙާލުގައިވެސް އެއިން މިންވަރެއްވެސް އަދާކުރެވެނީ ކިތައް މުސްލިމުންނަށް ހެއްޔެވެ؟
ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ސުވާލުކޮށްލައި ތިމާހުރި ޙާލު ދެނެގަންނާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! އޭނާފަދައިން ޢަމަލުކުރާ މީހަކަށް ވެވިގެން ނޫނީ ފުރިހަަމ މުސްލިމަކަށް ވެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން