ތިބާ މިއަދުވެސް ހުރީ ރޯދައަށެވެ. ނަމާދުތައްވެސް ކޮށްފީމުއެވެ. މިސްކިތުގައި ގިނަ ވަޤުތުތަކެއްވެސް ހޭދަކޮށްފީމުއެވެ. ގެއަށް ތިއަދިއައީ ޢަޞްރުނަމާދު ނިމިގެންވެސް މިސްކިތުގައި ގިނަ ވަޤުތުތަކަކު އިނދެފައެވެ.
ގެއަށް ގޮސް ތިބާ ތިއައިނީ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. ހެނދުނުންސުރެ އަވަދިނެތި މަސައްކަތްކުރަމުން ދިއަ އަނބިމީހާ އަދިވެސް އެއުޅެނީ ބަދިގެތެރޭގައެވެ. އިރުއޮއްސުނީއެވެ. ރޯދަވީއްލައިގެން މިސްކިތަށް ތިބާދިއައީއެވެ. އަދިވެސް އަނބިމީހާ އެއުޅެނީ ކޭތަށިތަކުން ސަލާމަތްނުވެވިގެންނެވެ. ޢިޝާނަމާދަށް ބަންގިގޮވާއިރުވެސް އަވަދިނުވެދާނެ ކަމަށް ތެޅިފޮޅެނީއެވެ.
ބުނަންހެއްޔެވެ؟ މިއީ ރޯދަހިފަން އޮތްގޮތެއް ނޫނެވެ. ނަމާދުތައްކުރާށެވެ. މިސްކިތުގައިވެސް އިރުކޮޅަކު މަޑުކޮށްލާށެވެ. އެކަމަކު ގެއަށްގޮސް އަނބިމީހާއަށް އެހީތެރިވެދޭށެވެ. ބަދިގެއަށްވެސް ވަންނާށެވެ. ކޮށްދެވެން އޮތް ކޮންމެ ކަމެއްވެސް ކޮށްދޭށެވެ.
އަނބިމީހާއަކީ އެންމެން ކައިނިމުނީމާ އިށީނދެ ކާންޖެހޭ މީހާކަމަށް ނުހަދާށެވެ. އަނބިމީހާވެސް ހިމެނޭހެން އެންމެން އެކުގައި ރޯދަވީއްލާށެވެ. ކޮންމެ މީހަކުވެސް ކޭތަށި ގެންގޮސް ސިންކަށްލާށެވެ. ދޮވުމުގެ މަސައްކަތް ފަހަށް ބަހައްޓާށެވެ.
އަނބިމިހާއަކީ ތަރާވީޙްނަމާދަށް މިސްކިތަށްދާ އަންހެނަކުނަމަ ގޮވައިގެން މިސްކިތަށްދާށެވެ. ގޭގައި ނަމާދުކުރާނަމަ އަވަހަށް ނަމާދަށް އަރަންބުނާށެވެ.
ލޮބުވެތި ފިރިންނޭވެ! ބަދިގޭގެ ކަންކަމުގައިވިޔަސް އަނބިމީހާއަށް އެހީތެރިވުމަކީ ތިބާގެ ދަރަޖަ ކުޑަވާނެ ކަމެއް ނޫނެވެ! ދަރަޖަ އުފުލޭނެ ކަމެކެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވެވި ގޮތްކަމަށްވާތީއެވެ. އެއީ ސުންނަތަކަށްވާތީއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން