"ދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާނަމަ ދަސްކޮށްދޭންވާނީ ތަނަވަސްކަން އިތުރުކުރާނެ ގޮތްތަކަށް ކަންކަން ކުރާކަށް ނޫނެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމެވެ. އެހެނީ ހޯދައިދޭން ބޭނުންވި އުފާވެރި ދިރިއުޅުން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ."
މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްކޮޅެކެވެ. ސަބަބުތައް ވަރަށް ސާފެވެ. މިޘާލަކަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ތަނަވަސްކަން އިތުރުކުރަން ކަމަށް ދަސްކޮށްދެވިއްޖެނަމަ އޭނާވެގެންދާނީ އެންމެ ދަހިމީހުންގެ ތެރޭގައެވެ. އޭނާގެ އެކުވެރިއަކަށްވާނީ ފައިސާއެވެ. ކޮންމެ ކަމެއްވެސް ކުރަން ބޭނުންވާނީ ޖީބަށް އެންމެ ގިނަ ފައިސާ ވަންނާނެ ގޮތަކަށެވެ.
އަދި ކީއްހެއްޔެވެ؟ އޭނާ ފަޤީރުންނަށް ފުރަގަސްދޭނެއެވެ. ޞަދަޤާތް ކުރަން ބޭނުމެއް ނުވާނެއެވެ. ޤަބޫލުކުރެވޭނީ އެއީ އަތުން ގެއްލިގެންދާ ފައިސާތަކެއް ކަމަށެވެ. އެހެންވެ ފަރުޟު ޒަކާތް ނެރެންވެސް ފަސްޖެހޭނެއެވެ.
ވީމާ އެންމެ މުހިންމު ނުވަތަ އެންމެ ފައިދާހުރި ކަމަކީ ފައިސާ އިތުރުކުރުންކަމަށް ދަރިފުޅަށް ވިސްނައިދެވުން ވާނީ އެދަރިފުޅަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައަށެވެ. ދުނިޔެއާއި އާޚިރަތް ގެއްލިގެންދާނެ ސަބަބަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން