އެހެން މީހަކަށް ދަރިއަކު ލިބިއްޖެނަމަ މިފަދަ ދުޢާއެއް ކޮށްދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
އެހެން މީހަކަށް ދަރިއަކު ލިބިއްޖެނަމަ މިފަދަ ދުޢާއެއް ކޮށްދޭންވާނެ!


އެކުވެރިއަކަށް ނުވަތަ ގާތް މީހަކަށް ދަރިއަކު ލިބިއްޖެނަމަ ތަހުނިޔާގެ މެސެޖުތައް ފޮނުވަމުއެވެ. އެކަމަކު ހެޔޮދުޢާއެއް ކުރަނީ މަދު މީހެކެވެ. އެހެންވެ މިގެނެސްދެނީ ތަހުނިޔާ ކިޔުމުހައި ޢަމަލުކުރަން އޮތްގޮތާއި ކޮށްދޭނެ ރަނގަޅު ދުޢާއެއް ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ  

ދަރިން ލިބުމަކީވެސް އަދި ނުލިބުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެކެވެ. ޢާއިލާގެ މީހަކަށް، އެކުވެރިއަކަށް އަދި ކޮންމެ މީހަކަށް ނަމަވެސް ދަރިއަކު ދެއްވަވައިފިނަމަ އެއުފަލުގައި ބައިވެރިވެ އެމީހަކަށްޓަކައި ހެޔޮދުޢާކުރުމަކީ މުސްލިމުން ކުރަން އޮތް ކަމެކެވެ.

ﷲ ތަޢާލާ މީހަކަށް ދަރިޔެއް މިންވަރުކޮށްދެއްވުމުން، އެމީހަކަށް ތަހުނިޔާކިޔާ ދުޢާ ކޮށްދިނުމަށް އަވަސްވެގަތުމަކީ ސުންނަތެކެވެ. 

ރަސޫލާ صلى الله عليه وسلم ގެ އަރިހުން، އެކަމުގައި ވަކި ޚާއްޞަ ލަފްޒެއް ކިޔުމަށް ވާރިދުވެގެންނުވެއެވެ. އެހެންކަމުން މީސްތަކުންގެ ތެރޭގައި ޢާންމުކޮށް ބޭނުންކޮށް އުޅޭ ކޮންމެ ލަފްޒަކުން ތަހުނިޔާ ކިޔައި އުޅުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

މީހަކަށް ދަރިއަކު ލިބުމުން، ޙަސަނުލް ބަޞަރީ ރަހިމަހުﷲ އެމީހަކަށް މި ފަދައިން ދުޢާކޮށްދެއްވައެވެ. 

بُورِكَ لَكَ فِي الـمَوْهُوبِ لَكَ، وَشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ

މާނަ: "ތިބާއަށް ދެއްވުނު ދަރިފުޅުގެ ކިބާގައި ތިބާއަށް ބަރަކާތްލައްވާށިއެވެ. އަދި އެދަރި ދެއްވި ފަރާތަށް ތިބާ ޝުކުރުވެރިވުމުގެ ތައުފީޤުދެއްވާށިއެވެ. އަދި އެކުއްޖާ ޒުވާން އުމުރާ ހަމައަށް ފޯރުކޮށްދެއްވާށިއެވެ. އަދި އެކުއްޖާ ތިބާއަށް އިޙުސާންތެރިވުމުގެ ތައުފީޤު ދެއްވާށިއެވެ." 

ނުވަތަ މިފަދައިން ވިދާޅުވެއެވެ.

أَسْأَلُ الله أَنْ يَجْعَلَهُ مُباَرَكا عَلَيْكَ وَعَلَى أُمَّةِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ.

މާނަ: "އެދަރިފުޅަކީ ތިބާއަށާއި މުޙައްމަދު صلى الله عليه وسلم ގެ އުންމަތަށް ހުރި، ބަރަކާތްލެއްވިގެންވާ ކުއްޖެއްކަމުގައި ލެއްވުން އެދި ﷲގެ ހަޟްރަތުގައި މިއަޅާ ދަންނަވަމެވެ." 

މިގޮތަށް ދުޢާކޮށްދިނުމުން ތަހްނިޔާ ކިޔޭ ފަރާތް، ތަހުނިޔާ ކިޔާ މީހާއަށް މިފަދައިން ޖަވާބުދޭށެވެ. 

باَرَكَ اللهُ لَكَ وَباَرَكَ عَلَيْكَ

މާނަ: "މާތް ﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ. އަދި ތިބާގެ މައްޗަށް ބަރަކާތްލައްވާށިއެވެ." 

جَزَاكَ اللهُ خَيْرًا ، وَرزقكَ مِثْلَهُ

މާނަ: "“މާތް ﷲ ތިބާއަށް ހެޔޮޖަޒާދެއްވާށިއެވެ. އަދި ތިބާއަށްވެސް އެފަދަ ދަރިޔަކުދެއްވާށިއެވެ." 

މިފަދަ ގޮތަކަށް ބުނާށެވެ. ނުވަތަ މިނޫން އިބާރާތަކުންވެސް ބުނެވިދާނެއެވެ.

 

- އައްޝައިޚް ޢީސާ ޙުނައިނު

 

މިއަދު އޮންލައިން