އަހުރެން މިދައްކަނީ އެންމެންގެ ވާހަކައެއް ނޫނެވެ. ގިނަ މީހުންގެ ވާހަކައެވެ. ގިނަމީހުން އިތުރު އަނބިން ހޯދަނީ އަނބިމީހާއިން ނުފުދިގެނެއް ނޫނެވެ. އަނބިމީހާ ގޯސްވެގެނެއްވެސް ނޫނެވެ. އަނބިމީހާއާއިއެކު އުޅެން ބޭނުން ނުވާތީއެއްވެސް ނޫނެވެ.
ގިނަ މީހުން އިތުރު އަނބިން ހޯދަނީ ގިނަ ކާރުހޯދާއުޞޫލުންނެވެ. އެކަކު 4،5 ކާރު ގަނެފާނެއެވެ. ސުވާލަކީ އެކާރުތަކުގައި އެއްފަހަރާ ދަތުރުކުރެވެނީހެއްޔެވެ؟ ނޫނީ އެއްކާރުގައި ނުދެވޭ ތަނަކަށް އަނެއްކާރުގައި ނުދެވެނީ ހެއްޔެވެ؟ އަހުރެންނަށް ވިސްނޭ ގޮތުން ކިތަންމެ ގިނަ ކާރެއް ގަތަސް ދަތުރުކުރެވޭނީ ފަހަރަކު ކާރެއްގައެވެ. އެހެންކާރުތައް ގަރާޖުގައި އޮންނާނީއެވެ.
އަނެއްކާވެސް މިދައްކަނީ އެންމެންގެ ވާހަކައެއް ނޫނެވެ. ގިނަމީހުންގެ ވާހަކައެވެ. ގިނަ އަނބިން ގެންގުޅޭ ގިނަ މީހުންގެ ގެއަށްވަދެ އެމީހުން ދިރިއުޅޭ ޙާލަތު ނިކަން ބަލައިލަބަލާށެވެ! އަނބިން ޝަކުވާކުރާނީ ހަމަހަމަނުކޮށްގެންނެވެ. އެމީހުންނަށް ވަޤުތު ނުދެވޭތީއެވެ. އެހެންވެ ފިރިމީހާއަށް އުޅެންޖެހެނީ ހިތްހަމަޖެހުން ނުލިބޭތަނުގައި ބޯގޮވައިގެންނެވެ.
ޙަޤީޤަތުގައިވެސް ތިމާއަށް އިތުރު އަނބިން ބޭނުންވާނަމަ އެކަމަށް ޝަރުޠުހަމަވާ މީހުންނަށް އެއީ މައްސަލައެއް ނޫނެވެ. 4 އަނބިންވެސް ގެންގުލެންވީއެވެ. އެކަމަކު ކާރުތަކާއިބެހޭގޮތުން މިބުނިހެން އެންމެ އަންތބަކަށް ވަޤުތުނުދެވޭ މީހާ ގިނަ އަނބިން ހޯދައިގެން އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބޯގޮވުން ނޫންކަމެއް މެދުވެރިވާނެ ހެއްޔެވެ؟
ދެން އޮތީ ހަމަހަމަ ނުކުރެވުމެވެ. އެއިރުން އެބަ ފާފަވެރިވެއެވެ. އެއްފަޅި ވައުވެފައިހުރި މީހެއްފަދައިން އެބަ މަޙްޝަރުކުރައްވަވައެވެ. މިއަދު އެކަމަށް ނުވިސްނި ނަމަވެސް އެދުވަހުން އެކަމަކީ މައްސަލައަކަށް ނުވާނީ ހެއްޔެވެ؟
ވީމާ އަނބިން އިތުރުކުރުމުގެ ކުރިން މިކަންކަމަށް ވިސްނައިގެން އެކަންކުރާށެވެ! އެކަމުން ތިމާއަށް ކުރާނީ ފައިދާކަން ޔަޤީންކޮށްގެން އެކަންކުރާށެވެ. އެހެން މީހަކު ގިނަ އަނބިން ގެންގުޅޭތީ ތިމާވެސް ގެންގުޅުމުގެ ބޭނުމުގައި ކުރާނަމަ ކުރިމަތިވާނީ މިބުނި މައްސަލަތަކެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ވާހަކަފުޅަކުން