ކައިވެންޏަށްފަހު އަނބިމީހާ އިންނާނީ ފިރިމީހާގެ ބެލުމުގެދަށުގައެވެ. ފިރިމީހާ ދެއްކި ތަނެއްގައެވެ. އަނބިމީހާގެ ގޭގައި އިންނަވެސް އެއިނދެވެނީ ފިރިމިހާއެކަމަށް އެއްބަސްވުމުންނެވެ. އަދި ކޮންމެ ތަނެއްގައި އިންނަމަވެސް ހެޔޮލަފާ އަންތބަކު ނަމަ އޭނާ ދެކޭނީ އޭނާގެ ހުރިހާވެސް މީހަކީ ފިރިމީހާ ކަމަށެވެ. ފިރިމީހާގެ އޭނާއަށްވުރެ ގާތްމީހަކު ނުހުންނާނެ ކަމަށެވެ. ތިމާގެ ހުރިހާވެސް މީހަކީ ފިރިމީހާ ކަމަށެވެ.
މިފަދަ އުންމީދުތަކެއްގައި އިންނަ އަނބިންނަށް ވަރަށް ބޮޑަށް މާޔޫސްކަން ލިބޭ ޙާލަތެއް ކުރިމަތިވެއެވެ. އެއީ ފިރިމީހާ ކުރަންއުޅޭ ކަމެއްގެ ވާހަކަ ނުވަތަ ފިރިމީހާއަށް ލިބޭ ކާމިޔާބީއެއްގެ ޥާހަކަ އެހެން މީހެއްގެ ކިބައިން އަޑުއިވުމެވެ.
އެކުވެރިއެއްގެ ނުވަތަ ޢާއިލާގެ މީހެއްގެ ކިބައިންނަމަވެސް މިފަދަ އަޑެއް އިވުމުން އަނބިމީހާ ވަރަށް ދެރަވާނެއެވެ. ފުރަތަމަ ތިމާއަށް ޙިއްޞާނުކުރީ ކީއްވެގެންކަމާއިމެދު ވިސްނޭނެއެވެ. އަދި ތިމާއަށް ޙިއްޞާނުކުރީ ތިމާގެ އަގެއް ނެތުމުން ކަމަށްވެސް ވިސްނޭނެއެވެ.
ގިނަ ފަހަރު މިފަދަ ކަންކަން މެދުވެރިވަނީ ކޮންމެހެން އަނބިމީހާ ނިކަމެތިކުރާކަށްވެސް ނޫނެވެ. އަނބިމިހާއާ ފަހުން ޙިއްޞާކުރަން މަޑުކޮށްލެވެނީއެވެ. އެގޮތަށް އެކަން ނުކުރާށެވެ. ދެމަފިރިންގެ ހުރިހާ ކަމެއްވެސް ފުރަތަމަ ޙިއްޞާކުރަންވާނީ އެކަކު އަނެކަކަށެވެ.
މިހުންނަނީ މާބޮޑުކަމެއްކަމަށް ގިނަބައަކަށް ނުވިސްނޭ ކަންކަމެވެ. އެކަމަކު ޙަޤީޤަތުގައި މިއީ ވަރަށް ބޮޑުކަމެކެވެ. އަނެކާއަށް މާޔޫސްވާންޖެހޭ ކޮންމެ ފަހަރަކީވެސް މައްސަލައެކެވެ. އެކަން ތަކުރާރުވާނަމަ ދިރިއުޅުމުގައި މައްސަލަތައް ގިނަވާނެއެވެ. ފޫހިވެ ކައިވެނި ރޫޅެންވެސް މެދުވެރިވެއެވެ. ވީމާ އަހުރެންގެ ނަޞީޙަތަކީ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދިނުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން