އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު ކައިވެނިކޮށްފިއެވެ. އެކަން އުޅެނީ ބޮޑު ސިއްރަކަށް ހަދައިގެންނެވެ. ބުނަނީ މަޞްލަޙަތަށްޓަކައި ކަމަށެވެ. އެއީ ރަނގަޅު ގޮތެއްތޯ؟
ކިޔުންތެރިޔާއަށް ދަންނަޥާލަން އޮތީ ތިޜީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ.
ކައިވެނި އިޢުލާނުކުރުން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނަކީ ފުރިހަމަ އަދި ޝާމިލު ދީނެކެވެ. އެ ދީނުގައި ކަނޑައަޅުއްވާފައިވާ ނިޒާމުތަކަކީ އިންސާނުންގެ މަޞްލަޙަތުތަކާއި އެބައިމީހުންނަށް އެންމެ ފައިދާ ހުރި ގޮތް ރިޢާޔަތްކުރެވިގެން ކަނޑައަޅުއްވާފައިވާ ކަންކަމެވެ. އިސްލާމްދީނަށް ފުރިހަމައަށް ތަބާވާ މީހާއަށް އެފަދަ މަންފާތަކާއި ފައިދާ އަބަދުމެ ލިބެމުން ދާނެއެވެ.
ކައިވެނިކުރުން އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވަނީ މިފަދަ މާތް މަޤުޞަދަކަށެވެ. އެކަމުގެ އެންމެ ބޮޑު މަޤްޞަދަކީ އިންސާނީ ނަސްލު ހިމާޔަތްކުރުމެވެ. ފަހެ ކައިވެނިކުރުން އިސްލާމްދީނުގައި ޝަރުޢުކުރެއްވުމަށް ފަހު، އެކަމުގެ މަޤްޞަދާއި ޚިލާފު އަދި ޖާހިލިއްޔަ ޒަމާނުގައި ކުރަމުން އައި އެންމެހާ ނޭތްގާނީ ކަންކަން ނަހީކުރިއެވެ. ޒިނޭކުރުމަކީ ޙަރާމްކަމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ. އަދި އެކަމަށް މަގުފަހިކުރުވާ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް އަމުރުކުރެއްވިއެވެ.
އެގޮތުން ނަހީކޮށްފައިވާ އެންމެ ބޮޑު އެއްކަމަކީ ކައިވެނީގެ ބޭރުން "ރައްޓެހިވެގެން" އުޅުމެވެ. އަހުލުކިތާބީންގެ އަންހެނުންނާ ކައިވެނިކުރުމުގެ ހުއްދަދެއްވުމަށް ބާވައިލެއްވި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿مُحْصِنِينَ غَيْرَ مُسَافِحِينَ وَلَا مُتَّخِذِي أَخْدَانٍ﴾ [سورة المائدة ٥] މާނައީ: "ކައިވެނީގެ ޢިއްފަތްތެރިކަން ހޯދާބަޔެއްގެ ގޮތުގައެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ."
އަދި ޝަރުޢީ ކައިވެނިކޮށްފައިވެސް "ހިތާވެގެން" އުޅުމުގެ ސަޤާފަތާ އެކަން އެއްގޮތް ވެދާނެތީ ކައިވެންޏަކީ ފާޅުކޮށް ކުރެވޭ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އެހެނީ "ރައްޓެހިވެގެން" އުޅޭ މީހުން އެކަން ސިއްރުންކުރާ ގިނަ ސަބަބުތައް ކައިވެނީގައި ހިމެނިގެން ނުވެއެވެ. ކައިވެންޏަކީ އެއަށް ވުރެ މާ ޝަރަފުވެރި މަތިވެރި ގުޅުމެކެވެ. އަދި އެއީ ވަރުގަދަ އަހުދުކަށަވަރެކެވެ. ކައިވެނީގެ ވަލީމާގެ މައިގަނޑު މަޤްޞަދަކީވެސް ކައިވެނި އިޢުލާނުކުރުމެވެ. އަދި އެއީ ސިއްރުކަމެއްގެ ގޮތުގައި ނުބޭއްވުމެވެ. އެއީ ދީނުގައި ބާރު އަޅުއްވާފައިވާ ކަމަކަށް ވާއިރު އަދި އެކަމަށް ހިތްވަރުދެއްވާފައިވާ ކަމަކަށްވީ ހިނދުގައި، އެކަން ސިއްރުކުރަންވީ މަޤްބޫލު ސަބަބެއް ނުވެއެވެ. ކައިވެންޏެއް ކޮށްފައިވެސް އެކަން ސިއްރުކުރުމުން، މީހަކާ "ރައްޓެހިވުމުގެ" ނުބައި ޢަމަލާ އެކަން އެއްގޮތްވާތީ، ކައިވެނިކޮށްފައި ކައިވެނި އިޢުލާނުކުރުމުގެ ގޮތުން ވަލީމާ ބޭއްވުން ޝަރުޢުކުރެއްވިއެވެ.
ކިތަންމެ ކުޑަކޮށްވިޔަސް ކައިވެނީގެ ވަލީމާއެއް ބޭއްވުމަކީ ސުންނަތެކެވެ. ޢަބްދުއްރަޙްމާނު ބުން ޢައުފަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމައެކަނި ކަންބަޅިއެއް ކަތިލައިގެން ވިޔަސް (ކައިވެނީގެ މުނާސަބަތުގައި) ކެއުމެއް ބާއްވާށެވެ." [صحيح البخاري (2048)]. އަދި ނަބިއްޔާ صلى الله عليه وسلم ކައިވެނިކުރައްވާފައި، ދަތުރުފުޅު މަތީގައިވެސް ވަލީމާ ބާއްވަވާފައި އެބަ ހުއްޓެވެ. [صحيح البخاري (371)]
މިކަންކަމުން އެނގިގެން ދަނީ ކައިވެނި ވަންހަނާ ކުރުމާއި އެކަން ސިއްރުކުރުމަކީ ނުބައިކަމަށް މަގު ދައްކާ ކަންކަމެވެ. އަދި ޢާއިލާގެ މެދުގައި ދެބަސްވުންތަކާއި އޮޅުންތައް އިތުރުވާ ކަމެކެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ކައިވެނީގެ ވަލީމާ ބޭއްވުމަކީ ކައިވެންޏަށް ގެންނަ ހެކިވެރިންނަށް ވުރެވެސް މާ ފާޅުކަން ބޮޑު ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ކައިވެނިކުރާ އިރުގައި މިކަމަށް ހުރިހާ ބޭފުޅުންވެސް ފަރުވާތެރިވެ ސަމާލުވެލައްވާށެވެ!
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ