ފުރަތަމަ މިބުނެލަނީ ވަރަށް ޢާންމު ކަމެކެވެ. ގިނަ ބައަކަށް ދިމާވާ ކަމެކެވެ. އެއީ މާޔޫސްކަމެއްގައި ގިނަ ދުވަހު އުޅެންޖެހިއްޖެނަމަ އަނެކާ އެންމެ ރުހޫނެ ޢިބާރާތުން ވާހަކަދެއްކޭނީ ވަރަށް މަދު މީހަކަށެވެ. އެކަމުގައި އޭނާ ކުށްވެރިނުކުރާށެވެ! ނުބައި ބަސްތައް ނުބުނެ ރިވެތި ޢިބާރާތުން ވާހަކަ ދައްކާނަމަ އެއީ ލިބިފައިވާ ޖަވާހިރެއް ކަމަށް ދެކޭށެވެ.
މިޘާލެއް ބުނެލާނަމެވެ. "ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތަކާއިމެދު އަވަހަށް، ހަމަމިހާރު ގޮތެއް ނިންމާށެވެ! ވާވަރަށް ކެތްކުރެވިއްޖެއެވެ! އިތުރަށް ކެތްކުރާކަށް ބޭނުމެއް ނޫނެވެ!"
މިފަދަ ބަސްތައް ބުނެވެނީ ކުއްލިއަކަށް ނޫނެވެ! އެމީހެއްގެ ހިތް ނުއެދޭ ބޮޑުކަމެއް ބައިވެރިޔާގެ ކިބައިން އެތައް ދުވަހެއްވަންދެން ފެނުމުންނެވެ. އިޞްލާޙްކުރަން ބުނެބުނެވެސް އިޞްލާޙްނުކުރުމުންނެވެ.
މިފަދަ ބަސްތަކެއް ބުނެފިނަމަ ގިނަ ފަހަރަށް ބެލެވިފައި އޮންނަނީ އެހެން އެބުނީ ތިމާދެކެ ލޯބިނުވާތީ ކަމަށެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ. މިފަދަ ބަސްތައް ބުނަނީ ލޯބިވާތީއެވެ. ހުރިހާ ކަންކަމަކަށްފަހުގައިވެސް ލޯބިވާތީއެވެ. ވަކިނުވެ އެކުގައި ދިރިއުޅެން ބޭނުންވާތީއެވެ.
އެހެން ނޫންނަމަ ހާމަކުރީހީ ކައިވެނިރޫޅާލުމުގެ ވާހަކައެވެ. އެއިގެ ބަދަލުގައި ބުނެފައި އެވަނީ މައްސަލަ ޙައްލުކުރުމުގެ ވާހަކައެވެ. މައްސަލަ ޙައްލުކޮށް އެކުގައި ކުރިއަށް ދިއުމުގެ ވާހަކައެވެ. އެކަމުން އަންގައިދެނީ ކުރިން ބުނިފަދައިން މައްސަލަ ޙައްލުކޮށް އެކުގައި އުޅެން ބޭނުންވާ ކަމެވެ.
ޒަވާޖީ ޙަޔާތުގައި މިފަދަ ބަސްތައް ބުނަން އަނެކާއަށް ނުޖައްސުވާށެވެ! ދެމީހުން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރާށެވެ! އަދި ބުނަންހެއްޔެވެ؟ ފަށަމުން ބުނިފަދަ ބަސްތައް ބުނެ ފުރުޞަތު ދޭނީވެސް މަދު މީހެކެވެ. ގިނަ މީހުން އެހިސާބުން ހަށިފޮޅައިލާނީއެވެ. ކައިވެނި ނިމުމަކަށް ގެންނާނީއެވެ.
- އަލަފް / މިއަދުނޫސް