ދަރިން ކައިވެނިކޮށްގެން ދިރިއުޅެންފެށުމުން ދަރިންނާއިމެދު ދެކެން އޮތީ ކުޑައިރު ވިސްނި ގޮތަކަށް ނޫނެވެ. މިހާރު އެއީ ބޮޑުވެ އަމިއްލަ ދިރިއުޅުމެއް އުޅޭ ކުއްޖެކެވެ. އަދި ދަރިފުޅުގެ މައްޗަށް ބައިވެރިޔާގެ ޙައްޤުތަކެއްވެސް ވެއެވެ. އެކަމަކު މިކަން ނުވިސްނޭ މައިންބަފައިންވެސް އުޅެއެވެ.
ދެމަފިރިން ނިދަން ކޮޓަރިއަށް ވަނުމުންވެސް ވަރަށް ކުދިކުދި ކަންކަން ބޭނުންވެގެން ގޮސް ދޮރުގައި އެބަ ޓަކިޖަހައެވެ. ޓަކިޖަހަނީ މަންމަ ނުވަތަ ބައްޕަ ކަމަށްވުމުން ހުޅުވަންވެސް ޖެހެއެވެ. އެކަމަކު އެއިރު ހުޅުވާނީ ހިތްހަމަޖެހިގެން ތިބެގެނެއް ނޫނެވެ. ސަބަބަކީ ތިމާގެ ދަރިފުޅަށް އެއީ ކުޑަ ކަމަކަށްވީނަމަވެސް އޭނާގެ ބައިވެރިޔާއަށް އެއީ ކުޑަކަމަކަށް ނުވާނެތީއެވެ.
ޓަކިޖެހި މަންމަ ނުވަތަ ބައްޕަގެ ނިޔަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެޙާލަތުގައި ވިސްނޭނީ ދެމަފިރިން އެކަނިވުމަށް ހުރަސްއަޅަނީކަމަށެވެ. ޤަޞްދުގައި އުނދަގޫކުރަނީ ކަމަށެވެ. އެކަން ތަކުރާރުކުރާނަމަ ނަފްރަތުކުރަން ފެށުމަކީވެސް މެދުވެރިވާ ކަމެކެވެ.
ވީމާ ދަރިން ނިދަން ވަނުމަށްފަހު އުނދަގޫކުރަންވާނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ވަރަށް ބޮޑުކަމެއް ޖެހިގެންނެވެ. މާދަމާއަށް ލަސްކޮށްލެވެން ނެތްހައި ބޮޑުކަމެއް ޖެހިއްޖެނަމައެވެ.
ހެޔޮލަފާ މައިންބަފައިން ދަރިންނަށް ހިތްވަރުދޭނީ ވީހާގިނަ ވަޤުތު އެކަނި ހޭދަކުރުމަށެވެ. ދެމަފިރިން އެކުގައި އަވަހަށް ނިދަން އޮށޯތުމަށެވެ. އަދި މަޖުބޫރީ ޙާލަތެއް މެދުވެރިވެގެން ނޫނީ އުނދަގުލެއްވެސް ނުކުރާނެއެވެ.
ކަމަށް ބަލައިފިނަމަ މިބުނީ ވަރަށް ކުޑަކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ އެކަމުގެ ސަބަބުން ނުކުންނަ މައްސަލަތަކަށް ބަލާއިރު ވަރަށް ބޮޑު ކަމެކެވެ. ވީމާ އެކަމަށް ސަމާލުކަންދޭންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން