ޢާއިޝަތު ރަފާޙް ޢަލީ
މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާނެ ހެޔޮ ޖަޒާ:
ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 68 ވަނަ އާޔަތުން 73 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ ﴿٦٨﴾ الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ ﴿٦٩﴾ ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ ﴿٧٠﴾ يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾ وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴿٧٢﴾ لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ ﴿٧٣﴾
މާނައީ: "އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ. (68) އެއުރެންނީ، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވެ، مسلم ން ކަމުގައިވީ މީހުންނެވެ. (69) އުފާވެރިކަމުން ފުރިގެންވާ حال، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އަނބިން ސުވަރުގެ ވަންނާށެވެ! (70) އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ. (71) އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عمل ތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ. (72) އެތާނގައި ތިޔަބައިމީހުން، އެއިން ކައިއުޅުމަށް ގިނަގުނަ މޭވާތައް ވެއެވެ. (73)" ·
ކާފިރުންނަށް ހުރި ޢަޛާބު؛
ﷲ ތަޢާލާ ޒުޚްރުފް ސޫރަތުގެ 74 ވަަނަ އާޔަތުން 79 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ ﴿٧٤﴾ لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴿٧٥﴾ وَمَا ظَلَمْنَاهُمْ وَلَٰكِن كَانُوا هُمُ الظَّالِمِينَ ﴿٧٦﴾ وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ ﴿٧٧﴾ لَقَدْ جِئْنَاكُم بِالْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ ﴿٧٨﴾ أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ ﴿٧٩﴾
މާނައީ: "ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ. (74) އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ. (75) އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ. (76) އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ. (77) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ތިޔަބައިމީހުންނަށް حق دين ގެނެސް ދެއްވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ ގިނަމީހުންވަނީ حق دين އަށް ނުރުހޭ ބަޔަކު ކަމުގައެވެ. (78) ނުވަތަ އެއުރެން (ކަލޭގެފާނު ނެތިކޮށްލުމަށް) ކަމެއް ރޭވީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއަށްވުރެ މޮޅަށް) ރާއްވަވާ ހުށީމެވެ. (79)"