ކައިވެނިކުރުމަށްފަހު ދެމަފިރިންގެ ދެމެދުގަ ހިނގާހާ ކަމެއްގެ ތެރެއަށް ވަނުން މައިންބަފައިން ހުއްޓާލަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނިކުރުމަށްފަހު ދެމަފިރިންގެ ދެމެދުގަ ހިނގާހާ ކަމެއްގެ ތެރެއަށް ވަނުން މައިންބަފައިން ހުއްޓާލަންޖެހޭ!

އަޅުގަނޑަށް ދިރިއުޅެންޖެހިފައި މިވަނީ ފިރިމީހާގެގޭގައެވެ.

މިގޭގައި މައިދައިތަގެ ކަންކަމަށްވުރެ ކުރީގައި ހުރީ ދޮންތަގެ މައްސަލަތަކެވެ. ކޮޓަރިން އަޑެއްކިޔާއިރަށް ތަޅުވަޅުން ސިއްރުން އެބަ ބަލައެވެ. ފަހުން އެވާހަކަ އެބަ ދައްކައެވެ. އަޅުގަނޑުގެ ސުވާލަކީ މައިންބަފައިން ކަމަށްވީނަމަވެސް މިއީ ޢަމަލުކުރަން އޮތްގޮތްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ  

ޤާނޫނަކީ ހަމައެކަނި ޤާނޫނު އަސާސީގައި ލިޔެވިފައިވާ ކަންކަމެއް ނޫނެވެ. ދެމަފިރިންގެ ދިރިއުޅުމާއި ބެހޭ ކަންކަމުގައިވެސް ޤާނޫނުތަކެއް ހުރެއެވެ. އެހެންކަމުން މިކިޔައިދެނީ ދެމަފިރިންގެ މެދުގައި ޖެހޭ އާދައިގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަނުމުގެ ޤާނޫނެވެ. މައިންބަފައިން މިޤާނޫނަށް ޢަމަލުކުރަންވާނެއެވެ. ނޫންނަމަ ޙައްލުވުމުގެ ބަދަލުގައި ގާތީ ޙައްލުނުކުރެވުމެވެ.   

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް ޖެހޭނެއެވެ. ޚިޔާލުތަފާތުވުންތަކެއްވެސް ހުންނާނެއެވެ. ވީމާ ކުދިކުދި ކަންކަން މެދުވެރިވާނެއެވެ. އެއީ މެދުވެރިނުވެ ނުދާނެ ކަންކަމެވެ.  

ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނަސް އެކަމުގެ ތެރެއަށް ވަދެގަންނަން ބޭނުންވާ މައިންބަފައިން ތިބެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އެކަމުގެ ތެރެއަށް އެމީހުން ވަނުމުން މައްސަލަ ފަސޭހައިން ޙައްލުކުރެވޭނެ ކަމަށެވެ.  

ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ތެރެއަށް ޢާއިލާއިން ވަންނަން ޖެހޭނީ އެދެމީހުންނަށް އެކަން ޙައްލުނުކުރެވިއްޖެނަމައެވެ. ފުރަތަމަ އޮތީ ޙައްލުކުރަން އެދެމީހުންނަށް ފުރުޞަތުދީ އެކަން އެދެމީހުންނަށް ދޫކޮށްލުމެވެ.  

މިހެން ބުނަންޖެހޭ ސަބަބަކީ މައްސަލަ ޙައްލުކުރެވޭނީ ދެމަފިރިން އެކަމަކަށް މަޝްވަރާކޮށްގެނަކަމުގައިވާތީއެވެ. ވާހަކަދައްކައި މަޝްވަރާކުރަން ފުރުޞަތުނުދީ އެހެންބައަކު އެކަމުގެ ތެރެއަށް ވަންނަނަމަ އެހުރސްއެޅެނީ މައްސަލަ ޙައްލުކުރަން އޮތް ފުރުޞަތަށެވެ.  

ހަމައެއާއިއެކު ޖެހޭ ކޮންމެ މައްސލައެއްގެ ތެރެއަށް މައިންބަފައިން ވަންނަން ދަރިންނެއް ނުރުހޭނެއެވެ. އަދި ތިމާމެންގެ ދަރިފުޅު އެކަމަށް މަރުޙަބާކީ ނަމަވެސް އަނެއް ދަރިފުޅު ގިނަ ފަހަރު އެކަމަކަށް ނުރުހޭނެއެވެ. ޚާއްޞަކޮށް އެކަމުގައި އޭނާގެ ކުށެއް އޮތްނަމައެވެ. އަދި ލަދުވެސް ގަންނާނެއެވެ.  

ވީމާ ބުނެލަން ބޭނުންވަނީ ދަރިންގެ ދިރިއުޅުމުގައި ކުރިމަތިވާ އާދައިގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަންނަންވާނީ ދަރިން ވެއްދުމުންނެވެ. ނުވަތަ އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ޖެހި ކައިވެނި ރޫޅިދާނެކަމުގެ ބިރުބޮޑުވެއްޖެނަމައެވެ. ނޫންނަމަ ދުރުގައި ތިބޭށެވެ.  

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން