އަޅުގަނޑަކީ ގެއެއްގައި މަސައްކަތްކުރާ އަންހެނަކީމެވެ. މިގޭގައި ދާދި އެއް ޢުމުރެއްގެ 3 އަންހެންކުދިން އެބަތިއްބެވެ. 2 ކުދިންނަކީ އެކިޔާ އެންމެ ޒަމާނީ ކުދިންނެވެ. އަނެއް ކުއްޖާއަކީ ދީންވެރި އަޚްލާޤް ރަނގަޅު ކުއްޖެކެވެ.
ޒަމާނީ 2 ކުދިން މިހާރުވެސް ކޮންމެ ކުއްޖަކު 2 ކައިވެނިކޮށްފިއެވެ. ތަޤްވާވެރި ކުއްޖާއަށް އަދިވެސް ކައިވެންޏެއް ނުކުރެވެއެވެ. ލޯބިވާން މީހުން ހުށަނާޅާތީއެއް ނޫނެވެ. އެމީހުން ބޭނުންވާހައި ގޮތްގޮތަށް ދީލައިނުލާތީއެވެ.
މިއީ ކިޔުންތެރިއަކު ބުނެފައިވާ ވާހަކަކޮޅެކެވެ. މިއީ އެންމެންވެސް ވިސްނަންޖެހިފައިވާ ކަމަކަށްވާތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
ފުރަތަމަ ކަމަކަށް ފަށަމުންވެސް ބުނެލާނަމެވެ. މިދައްކަނީ އެންމެންގެ ވާހަކައެއް ނޫނެވެ. ހުރިހާ އަންހެނުންވެސް އަދި ހުރިހާ ފިރިހެނުންވެސް ގޯހެއް ނުވާނެއެވެ. ދެބައިމީހުންގެ ތެރޭގައިވެސް ރަނގަޅު މީހުންވެސް ތިބޭނެއެވެ. މިދައްކަނީ ނުބައިކޮށް އުޅޭ އަންހެނުންނާއި ފިރިހެނުންގެ ވާހަކައެވެ.
އަންހެނުން، އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚްލާޤް ދޫކޮށްލައި ކުރިއަށްދަނީ ނުބައި މަގުންކަމަށް ބުނެ ގިނަ ފިރިހެނުން އަންހެނުން ކުށްވެރިކުރެއެވެ. މައްސަލައެއް ނެތެވެ. ކޮންމެ މީހަކު ނަމަވެސް ނުބައިމަގަކުން ދިއުމަކީ ކުށެކެވެ.
އެކަމަކުވެސް ބަލައިލަންޖެހޭ ކަމެއްގެ ވާހަކައިން ސުވާލުކޮށްލާނަމެވެ. ގިނަ އަންހެނުންނަށް އެނުބައި މަގު އިޚްތިޔާރުކުރެވެނީ ކީއްވެގެންކަމާއިމެދު އެންމެފަހަރަކުވެސް ވިސްނައިލެވޭހެއްޔެވެ؟ އަހުރެން މިކުރާ ސުވާލަށް ނިކަން ޖަވާބުދީބަލާށެވެ!
ތިއަ ފިރިހެނުން ބޮޑަށް ހިތްކިޔަނީ އަންހެނުން ތިބެންޖެހޭ އަޚަލާޤީ މިންގަނޑުގެ ތެރޭގައި ތިބޭ އަންހެނުންނަށް ހެއްޔެވެ؟ ނޫންނަމަ އަޚްލާޤީ މިންގަނޑުން ބޭރުގައި އުޅޭ އަންހެނުންނަށް ހެއްޔެވެ؟ މިޘާލަކަށް ނިޤާބް އަޅައިގެން ތިބޭ އަންހެނުންނަށް ހެއްޔެވެ؟ ހާމަކޮށް ދައްކައިގެން އުޅޭ އަންހެނުންނަށް ހެއްޔެވެ؟ އަދި ގިނައިން ޚަރަދުކުރަނީ އެތަނުން ކޮން ބައަކަށް ހެއްޔެވެ؟
އަދިވެސް ސުވާލެއް ކޮށްލާނަމެވެ. އެއީ ހަށިވިއްކާ އަންހެނުންގެ ގާތަށް ގޮސް ފާޙިޝް ޢަމަލުތައްކުރާ މީހުންގެ ތެރޭގައި ކައިވެނިކޮށްގެން ތިބި ފިރިހެނުން މަދީހެއްޔެވެ؟ އަޚްލާޤީ މިންގަނޑު ހިފަހައްޓައިގެން އިން އަނބިމީހާ ގޭގައި އިންދައި ބޭރަށް ކޮފީތަކަށާއި ރެސްޓޯރަންޓްތަކަށާއި އަދި ހަށިވިއްކާ އަންހެނުންގެ ގާތަށް ގޮސް ބޮޑެތި ޢަދަދުތަކުން ޚަރަދު ތިއަކުރަނީ ހަމަ ގޭގައި އިން އަނބިމީހާ ގޯސްވެގެން ހެއްޔެވެ؟ ފިރިހެނުން ހަށިނުގަންނަނަމަ އެވިޔަފާރިކުރިއަށްދާނެ ހެއްޔެވެ؟
މިކަންކަމުން އަހުރެންނަށް ވިސްނެނީ ހަރުދަނާ، ރިވެތި އަޚްލާޤީ ސިފަތައް އަންހެނުންގެ ކިބައިގައި ހުންނަންޖެހޭނެކަން ފާހަގަކުރުމާއި އަންހެނުންގެ އަޚްލާޤް ގޯސްމަގުން ދާކަމަށް ގިނަ ފިރިހެނުން ބުނަނީ ކޮންމެވެސް ވާހަކައެއް ބުނެލަން ދައްކާ ވާހަކައެއްގެ ގޮތުގައި ކަމަށެވެ.
އަންހެނުން ގޯސްމަގުން ދިއުމުން، ގޯސްމަގުން ގޮސްތިބި އަންހެނުންނަށް، ފިރިހެނުން އެއަންހެނުން ބޭނުންވާހައި ވަރަކަށް ޚަރަދުކުރާނަމަ ފިރިހެނުން ކުށްވެރިނުވަނީހެއްޔެވެ؟ ނޫނީ އެގޮތަށް ކަންތައް ކުރާވަރަކަށް ފިރިހެނުންގެ އަޚްލާޤް ރަނގަޅުވަނީހެއްޔެވެ؟
އަހުރެން މިދައްކާ ވާހަކައަކީ އެއްބައަކު އަނެއް ބައަކު ކުށްވެރިކުރުން ހުއްޓާލާފައި ދެބައިމީހުންވެސް އިޞްލާޙް ނުވެ ކުރާނެ އެއްވެސް ފައިދާއެއް ނެތް ވާހަކައެވެ. އަހުރެން މިއުޅެނީ ވަކިމީހަކު ކުށްވެރިކުރާކަށްވެސް ނޫނެވެ. މިބުނަނީ ކަންކަން ހިނގަމުންދާ ގޮތުގެ ވާހަކައެވެ.
ގޮތް ބަލައިލަންވެސް ނިކަން ކައިވެނިކުރުމަށްފަހު 2 މީހުންވެސް ތެދުވެރިވެބަލާށެވެ! ފާފަކުރުމުން ދެއްވަވާނެ ޢަޛާބަށް ބިރުން ދެމީހުންވެސް ފާފަނުކޮށްބަލާށެވެ! ހަމައެކަނި ކައިވެނިކުރުމަށްފަހުގައެއްވެސް ނޫނެވެ. ކައިވެނީގެ ކުރިންވެސް އަންހެނުންވެސް އަދި ފިރިހެނުންވެސް ތެދުވެރިވެބަލާށެވެ! ﷲ އަށް ބިރުވެތިބަލާށެވެ. ދެމީހުންވެސް އެކަންކަން ކުރުމަށްފަހު ތިއަ ކުރާ އެއްވެސް ޝަކުވާއެއް ކުރަންޖެހޭތޯ ނިކަން ބަލައިބަލާށެވެ!
އަހުރެން މިވާހަކަތައް މިދެއްކީ އަހުރެންނަކީ އަންހެނަކަށްވާތީ އަންހެނުންގެ ދިފާކުރާކަށް ނޫނެވެ. އަހުރެންނަކީ ފިރިހެނަކީމެވެ. 4 ދަރިންގެ ބައްޕައަކީމެވެ. އަހުރެން ދެކެ ނުހަނު ލޯބިވާ އަންބެއްގެ ފިރިމީހާއެވެ. ޢުމުރުން ދުވަސްވެ މުސްކުޅިއެއްވެސް ނުވެއެވެ.
މިވާހަކަ ދައްކަން ޖެހުނު ސަބަބުވެސް ބުނެލާނަމެވެ. ކޮލެޖުގައި އުޅުނުއިރުންސުރެ ލޯބިގެންއުޅެފައި ކޮލެޖު ނިންމައި 3 އެކުވެރިން ކައިވެނިކުރީ ދާދި އެކުއެކުގައެވެ. އެކުގައި ކޮލެޖުގައި އުޅުނު 3 އަންހެނުންނާއިއެވެ. 2 އެކުވެރިންގެ ކައިވެނި ރޫޅި އެމީހުންގެ އަނބިން، އަހުރެންގެ އުޚުތުން ފަދަ 2 އެކުވެރިން ކުށްވެރިކޮށް ވާހަކަތައް ފަތުރަމުން ހިނގަނީއެވެ. އެ 2 އަޚުންނަށް ކުރެވުނު އެއްވެސް ކުށެއް އޮތްކަމަކަށް ނުވެއެވެ. ނަމަވެސް އެ 2 އަޚުން އުޅުނު ގޮތް އެންމެ ގާތުންވަނީ އަހުރެންނަށް ފެނިފައެވެ. ނަޞޭޙަތްދޭތީ އަހުރެން ބާކީކޮށްލީއެވެ.
އަހުރެމެން ދެމަފިރިންގެ ކައިވެންޏަށްވެސް 15 އަހަރުވީއެވެ. އެކަކު ގޯސްވެގެން، އަޚްލާޤްދަށްވެގެން، ނުބައި މަގަކުންދާތީ ކަންބޮޑުވެގެން އުޅޭކަށް އަނެކަކަށް ނުޖެހެއެވެ. މިއަދުވެސް ގެއިން ބައްދަލުވާއިރަށް ހަގްކޮށްލެވެނީ ކައިވެނިކުރި ދުވަހާއި އެއްފަދައިންނެވެ. އެއްވެސް ބަދަލެއް ނައުދެއެވެ.
އަހުރެންގެ އިލްތިމާސަކީ ވަރިމަދުކުރަން ބޭނުންވާނަމަ ފުރަތަމަ ތިމާ އިޞްލާޙްވާށެވެ! އެހެން މީހުންނާއި ދިމާއަށް އިނގިލި ދިއްކުރަންވާނީ ތިމާ ރަނގަޅު ގޮތުގައި ހުރެއެވެ.
- ޢަލީ ނަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް