"ޢުމުރުން ދޮށީ މީހުންނަށް ޤުރްއާން ހިތުދަސްކުރެވޭނެތޯ؟" ގިނަ ބައަކު ކުރާ ސުވާލެކެވެ. އެހެންވެ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް ހަނދާނުގައި ބަހައްޓަން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ހަނދާން ނެތޭތީ ގިނަ ބައަކު ކަންބޮޑުވެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުންނާއި ސައިންސްގެ ހޯދުންތަކުންވެސް ޘާބިތުވާ ކަމެއް ބުނެލާނަމެވެ.
ފުރަތަމަ ކަމަކަށް ސިކުނޑިއަކީވެސް ކޮމްޕިޔުޓަރުގެ ހާޑް ޑިސްކް ފަދަ އެއްޗެކެވެ. ސްޓޯރޭޖަށް ކެޕޭސިޓީއެއްވެއެވެ. އެކިމީހުންނަށް ކެޕޭސިޓީ ލިބެނީ އެކިވަރަށެވެ. އަދި ސިކުނޑީގެ ކުޅަދާނަކަންވެސް އެންމެންނަށް އެއްވަރެއް ނޫނެވެ. މިއީ ސައިންސްގެ ހޯދުންތަކުން އެނގިފައިވާ ކަންކަމެވެ.
ވީމާ ހާޑް ޑިސްކް ފުރުމުން ބޭނުންނުވާ ބައި ޑިލީޓްކުރާފަދައިން ސިކުނޑިންވެސް ހަނދާނުގައި ބަހައްޓަން ބޭނުން ނުވާ ނުވަތަ ހަނދާނުގައި ބެހެއްޓުމުން ފައިދާނުކުރާނެ ކަންކަން ފުހެލަން ޖެހެއެވެ. އަދި ހަނދާނުގައި ބަހައްޓަން ނުޖެހޭ ކަންކަމަށް ވިސްނުމާއި ދުރުހެލިވާންވެސް ޖެހެއެވެ. ސަބަބަކީ އެމީހަކު ވިސްނާ ކަންކަން އެމީހެއްގެ ސިކުނޑީގައި ހަރުލާފައި ހުންނާތީއެވެ.
ވީމާ އެކަމަށް އޮތް އެއް ހައްލަކީ ތިމާ އާއި ނުބެހޭ އަދި ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ނުވިސްނުމެވެ. ޚާއްޞަކޮށް ހަސަދަ ނުލުމެވެ. އެއްވެސް މީހަކާއި ހަސަދަލައިގެން އުޅޭނަމަ އަބަދުހެން އެކަމަށް ކަންބޮޑުވެވޭނެއެވެ. ވިސްނޭނެއެވެ.
ހަމައެފަދައިން މިއީ ކީރިތި ޤުރްއާން ހިތުދަސްކުރުމާއިވެސް ގުޅިފައިވާ ކަމެކެވެ. ސިކުނޑީގައި ބޭކާރު ކަންކަން ސްޓޯކޮށްގެން އުޅޭނަމަ ސިކުނޑިފުރި ހިތުދަސްކުރަން އުނދަގޫވެއެވެ. އަދި ދަސްކުރެވޭ ބައިތައްވެސް ހަނދާނުގައި ބަހައްޓަން އުނދަގޫވެއެވެ. އެއީ ކޮންމެހެން ޢުމުރާއި ގުޅިގެން މެދުވެރިވާ ކަމެއް ނޫނެވެ. ސިކުނޑީގައި ބަހއްޓަންނުޖެހޭ ކަންކަން ބަހައްޓަމުން ގޮސް ސިކުނޑި ފުރައިލެވޭތީ މެދުވެރިވާ ކަމެކެވެ. އެއީ ޢުމުރާއި ގުޅިފައި ހުރި ކަމެއްނަމަ މުސްކުޅި ޢުމުރުފުގައި ޞަޙާބީން ޤުރްއާން ހިތުދަސްކުރެއްވެވީ ކިހިނަކުން ހެއްޔެވެ؟
ވީމާ ހުރިހާ ގޮތަކުން ބެލިނަމަވެސް ތިމާ އާއި ގުޅުން ނެތް، ތިމާއަށް ފައިދާނުކުރާނެ ކަންކަމަށް ވިސްނުމާއި ހަސަދަލައިގެން އުޅުމަކީ ފަސޭހައިން ހަނދާން ނެތެން މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. އެކަންކަމަށް ސަމާލުކަންދޭ މީހުންނަށް އެމީހުން ބޭނުންވާ ކަންކަން ހަނދާނުގައި ބަހައްޓަން ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން