މަނަމްގެ ދުޢާއިން ދަރިންނަށް ނުކުރާނެ ފައިދާއެއް ނެތެވެ. ކީރިތި ޤުރްއާނަށްފަހު މުސްލިމުންނަށް އެންމެ މުހިންމު ފޮތް ކަމުގައިވާ ޞަޙީޙް ބުޚާރީ އާއި ޞަޙީޙް މުސްލިމްގެ ތެރެއިން ޞަޙީޙް ބުޚާރީ ޙަދީޘްފޮތް ލިޔުއްވެވި އިމާމް ބުޚާރީ އުފަންވެވަޑައިގަތީ ލޯފަން ކުއްޖެއްގެ ޙާލަތުގައެވެ. ލޮލަށް ފެނުން ދެއްވެވީ މަންމާފުޅު މެދުކެނޑުމެއް ނެތި ތަހަޖުދު ނަމާދުގައި ކުރައްވަވަމުން ގެންދެވި ދުޢާއިންނެވެ. ކިތަށް އަހަރު ދުޢާކުރެއްވެވިކަން ޔަޤީނެއް ނޫނެވެ. ނަމަވެސް އެތައް އަހަރުތަކެއްވަންދެން ދުޢާކުރެއްވެވިކަން އެނގެން އެބައޮތެވެ.
ދަރިކަލުންގެ ލޯފުޅަށް ފެނުން ދެއްވެވިކަން ﷲ ތަޢާލާ އެންގެވީ ހުވަފެންފުޅުގައެވެ. ޚަބަރު ދެއްވެވީ އިބްރާހީމްގެފާނެވެ. އަދި އެނގިފައިވާ ގޮތުން ފެނުން ދެއްވެވީ މަންމާފުޅު ކުރައްވަވަމުން ގެންދެވި ދުޢާގެ ސަބަބުންކަމަށް އިބްރހީމްގެފާނު ވިދާޅުވިއެވެ.
މިކަމުގައި ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ތަހައްޖުދުނަމާދުކުރުމާއި ތަހައްޖުދްނަމާދުގައި ދުޢާކުރުމެވެ. ދެވަނަ ކަމަކީ ނާއުންމީދުނުވެ ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދިއުމެވެ.
ޔަޤީންކުރާށެވެ! ތިބާ އިޚްލާޞްތެރިކަމާއިއެކު ކޮށްފި އެއްވެސް ދުޢާއެއް ގެއްލެނިވެގެން ނުދާއެވެ. ޢިޖާބަކުރައްވަވާނެތެވެ. ދުޢާ ޢިޖާބަކުރައްވަވާ 3 ގޮތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ ތިބާ އެދުނު ގޮތަށް އެކަން ހިންމަވައި ދެއްވެވުމެވެ. ދެވަނަ ގޮތަކީ އެއިގެ ބަދަލުގައި އެއަށްވުރެ ބޮޑު ރަޙްމަތެއް ލެއްވެވުމެވެ. 3 ވަނަ ގޮތަކީ އެންމެ ފައިދާހުރި ގޮތެވެ. އެގޮތަކީ ޤިޔާމަތް ދުވަހަށް ފަސްކުރެއްވެވުމެވެ.
ރަނގަޅަށް ވިސްނާށެވެ. މާދަމާ އަހުރެމެންނަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމެއް ނުވަތަ ޤިޔާމަތްދުވަހު އެންމެ ބޮޑަށް ބޭނުންވާނެ ކަމެއް އަހުރެމެންނަކަށް ނުއެނގޭނެއެވެ. އެކަމަކު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ކުރި ދުޢާގައި އެދުނު ގޮތް ނޫން ކަންކަން މިންވަރުކުރައްވަވަނީ އަހުރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް މިންވަރުކުރެއްވެވުމަށެވެ.
އެއްކަމެއް ފާހަގަކޮށްލާނަމެވެ. އިމާމް ބުޚާރީއަކީ މިއުންމަތަށް އެންމެ އަގުހުރި، އެންމެ ފައިދާކުރާނެ މަސައްކަތްޕުޅު ކޮށްދެއްވެވި އިމާމެވެ. އެދުވަހުން ފެށިގެން މުޅި އުންމަތް މިދަނީ އެކަމުގެ ފައިދާ ލިބިގަންނަމުންނެވެ. މިބޮޑު "ކަންތަކުން" ބައެއް މަންމާފުޅަށް ދާނީ އެޅެމުންނެވެ. އެކަމަނާ ކުރެއްވެވި ދުޢާގެ ސަބަބުންނެވެ.
(ވީމާ ދަރިންނަށްޓަކައި ހެޔޮދުޢާކުރާށެވެ! އެދަރިން ކުރާ ހެޔޮ ޢަމަލުތަކުން ތިމާއަށް ޘަވާބުލިބުމަށެވެ. ކައްވަޅުގައި އޮތްނަމަވެސް ދާނީ ޘަވާބު އިތުރުވަމުންނެވެ.)
ދަރުސް އަޑުއައްސަވައިލެއްވެވުމަށް: