ފުރަތަމަ ކަމަކީ މީހަކަށް ބާރެއް ލިބިއްޖެނަމަ އެބާރު ދާއިމަށް ތިމާއަށް ލިބިގެންވާނެ ކަމަށް ވިސްނުމެވެ. ބާރު ދެއްވަވަނީވެސް ﷲ ތަޢާލާއެވެ. އަދި ބާރަކީވެސް ދެއްވަވާ ނިޢުމަތެކެވެ. ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގަންނަވާ ކޮންމެ ވަޤުތަކުވެސް އެނިޢުމަތް އަނބުރާ ގެންދެވުމަށް ކުޅަދުންވަންތައެވެ.
މީސްތަކުން މަގުފުރެދިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ﷲ ތަޢާލާ ނިޢުމަތެއް ދެއްވެވުމުން އެއީ ތިމާގެ މިލްކެއް ކަމަށާއި ދެން ދުވަހަކުވެސް ތިމާއާއި އެކަމެއް ވަކިނުވާނެކަމަށް ޤަބޫލުކުރެވުމެވެ. އެއީ އުފާވެރިކަމެއް ނަމަވެސް ތަނަވަސްކަމެއް ނަމަވެސް މަތީ މަޤާމެއް ނަމަވެސް އަދި ބާރުވެރިކަމެއް ނަމަވެސް އަދި އަނބިދަރިން ކަމުގައިވީނަމަވެސް ފިރިންކަމުގައިވީނަމަވެސް މިފަދަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެވެ. ހިތާމައަކީ ޝުކުރުވެރި ނުވެވޭކަމެވެ. ނިޢުމަތް ލިބުމުން އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށްވެސް ސަމާލުކަން ނުދެވޭކަމެވެ.
އެފަދަ މީހުން ޝައިޚުގެ މިބަސްފުޅާއިމެދު ވިސްނައިލާށެވެ!
އުފާވެރިކަމަކީ ﷲ ދެއްވާ އެއްޗެއް! ﷲ ހުރިހާ ނިޢްމަތެއް ބައްސަވަނީ، ދެއްވަނީ، މީސްތަކުންގެ މެދުގާ އެމީހުންގެ މަޢީޝަތު އެމީހުންގެ ދިރިއުޅުމުގެ ކަންކަން ބައްސަވަނީ. އެހެންވެގެން اللهُ سُبْحَانَهُ وَتَعَالى ވަޙީ ކުރައްވާފައި ވަނީ" أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ" ކަލޭގެފާނުގެ ރައްބުގެ ރަޙްމަތް ބަހައިދެނީ އެމީހުން ހެއްޔެވެ. އެމީހުން ހެއްޔޭ ރަޙްމަތް މިވެނިމީހަކަށް މިވެނި ރަޙްމަތެއް އެވެނި މީހަކަށް މިވެނި ރަޙްމަތެއް، މިވެނި މީހަކަށް ނަބީކަން، ރަސޫލުކަން މިގޮތަށް ބަހައިދެނީ އެމީހުންހޭ اللهُ سُبْحَانَهُ وَتَعَالى މިއަންގަވަނީ" نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا" ދުނިޔޭގެ ޙަޔާތުގާ އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ބައްސަވަނީ ތިމަން ﷲ އެވެ. އެމީހުނެއް ނޫނެއްނޫން ހެއްޔެވެ. އެހެންވީމާ ތިމަން ﷲ އެދިވޮޑިގެންވާ ފަރާތަކަށް ދެއްވާނަމޭ، އެދިވޮޑިގަންވާ ފަރާތެއްގެ ކިބައިން އެކަން ނިގުޅައި ގަންނަވާނަމޭ.
އެހެންވީމާ އޭގެ މާނައަކީ اللهُ سُبْحَانَهُ وَتَعَالى އިރާދަ ކުރައްވައިފި ކަމަށްވާނަމަ އަޅުގަނޑުމެންނަށް މިލިބެމުންދާ ފަހިކަން ކުއްލިއަކަށް ނިގުޅައިގަންނަވަފާނެ. ވަޒީފާ ވިޔަސް، ރުފިޔާވިޔަސް، ވިޔަފާރި ވިޔަސް ފަޅިސިކުންތެއްގެ ތެރޭގާ އެމީހަކީ ބަރުބާދުވާ މީހެއްގެ ގޮތުގައި ދުނިޔޭގެ ޙަޔާތުގައިވެސް ލައްވަފާނެ. އެހުރިހާ ކަމެއްވަނީ ﷲގެ އަތްޕުޅުގަ "بِيَدِهِ مَلَكُوتُ كُلِّ شَيْءٍ " އެއިލާހުގެ އަތްޕުޅުގާ ހުރިހާކަމެއްގެ ވެރިކަމާ ބާރުވަނީ، ﷲ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްތައް ވާނީ.
އެހެންވީމާ ނަމާދު ޤާއިމް ކުރަންވީ ފަސް ނަމާދަށް ރައްކާތެރި ވާންވީ އޭރުން އިންޝާﷲ ހުރިހާކަމެއް ބާއްޖަވެރިވާނެ ހުރިހާ ކަމެއް އަމާންވާނެ އޮމާންވާނެ.
- ޝައިޚް އިބަރާހީމް ފަރީދުގެ ދަރުސަކުން