ޝުކުރުވެރިވާ މީހުންނަށް އުފާވެރިކަން އިތުރުވާކަމަށް ދިރާސާތަކުން ދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޝުކުރުވެރިވާ މީހުންނަށް އުފާވެރިކަން އިތުރުވާކަމަށް ދިރާސާތަކުން ދައްކައިފި

ސައިކޮލޮޖިސްޓުން މިހައިތަނަށް ޤަބޫލުކުރަމުން އައީ ކޮންމެ މީހަކަށްވެސް އުފާވެރިކަން ކޮންމެ މީހަކަށްވެސް ލިބޭނީ ކަނޑައެޅިފައިވާ ވަކިވަރަކަށް ކަމަށާއި އެއަށްވުރެ އިތުރުނުވާނެ ކަމަށެވެ. ނަމަވެސް އެބަސް މިއަދު ބަދަލުކޮށްފިއެވެ. މިއަދުގެ ދިރާސާތަކުން އެނގެނީ ޝުކުރުވެރިވާ މީހުންނަށްއުފާވެރިކަން 25 އިންސައްތަ އިތުރުވާ ކަމެވެ.  

އެއީ އެމީހުންގެ ދިރާސާތަކެވެ. ދިރާސާތަކުން މިހާރު ފެންނަ ގޮތެވެ. މާބޮޑަށް އިތުރުވާކަމަށް ފެނުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. ކޮންމެ ދިރާސާއަކީވެސް ބަދަލުވަމުންދާ އެއްޗަކަށްވާތީއެވެ.  

އަހުރެމެން ބަލަންވީ ޤުރްއާނާއި ޙަދީޘްފުޅުތަކަށެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވާނެކަމަށް އޮތް ބަސްފުޅު އަހުރެމެންނަށް ފުދެއެވެ. އަދި ޝުކުރުވެރިވުމަކީ އުފާވެރިކަން އިތުރުވެ ހިތްހަމަޖެހުން އިތުރުވާނެ ސަބަބެއްކަން އެއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ.  

ޝުކުރުވެރިވުމަށް އަހުރެމެންކުރާކަމަކީ ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ. އަހުރެމެން ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ﷲ ތަޢާލާއަށް ޙަމްދުކުރަމުއެވެ. އަލްޙަމްދުކިޔަވަމުއެވެ. ސުންނަތުން ޘާބިތުވާންހުރި ގިނަ ދުޢާތައްވެސް ފެށިފައިވަނީ ﷲ ތަޢާލާއަށް ޙަމްދުކުރުމުންނެވެ. އެގޮތުން މިހައިތަނަށް އެފަދަ 60 ވަރަކަށް ދުޢާ އަހުރެންނަށް ވަނީ ފެނިފައެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ޝުކުރުވެރިވާންވީ ﷲ ތަޢާލާއަށެވެ. ހަމައެޢާއިއެކު މީސްތަކުން ކޮށްދޭ ކަންކަމަށްވެސް ޝުކުރުވެރިވަމުއެވެ. އަހުރެން ބުނާނީ އުފާވެރިކަން އިތުރުކުރަން ބޭނުންނަމަ ޝުކުރުވެރިވުން ގިނަކުރާށެވެ. ޢާއިލާގެ ތެރޭގައިވެސް ދެމަފިރިންގެ މެދުގައިވެސް އަދި އެކުވެރިންގެ މެދުގައިވެސް ޝުކުރުވެރިވުން ގިނަކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން