ދުޢާކުރިޔަސް ދީނުގައި ކުރިއަށްދާން އޮތްމަގުން ކުރިއަށް ނުދެވޭނަމަ އަމިއްލަ ނަފްސާއިމެދު ބަލަންޖެހޭ ކަންކަން ބަލައި ޙައްލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ދުޢާކުރިޔަސް ދީނުގައި ކުރިއަށްދާން އޮތްމަގުން ކުރިއަށް ނުދެވޭނަމަ އަމިއްލަ ނަފްސާއިމެދު ބަލަންޖެހޭ ކަންކަން ބަލައި ޙައްލުކުރާށެވެ!

ސީދާ ވެގެންވާ ތެދުމަގު އަހަރެމެން މިކިޔަނީމީސްތަކުން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. އެގޮތަށް އުޅުމަށެވެ. އެއީ ﷲ ތަޢާލާ އަހުރެމެންނަށް އުޅެން އަންގަވާފައިވާ ގޮތަށް އުޅުމެވެ. ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމަށާއި ނުކުރަން އަންގަވާފައިވާ ކަންކަން ނުކުރުމަށެވެ. ސީދާވެގެންވާ ތެދުމަގުގައި ހުރުމަކީ އެއީއެވެ.  

ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެއް ބޭނުމަކަށްވާނީ ސީދާވެގެންވާ ތެދުމަގު ލިބިގަތުމެވެ. ގިނަބައަކު ބުނެއެވެ. "ސީދާ ވެގެންވާ ތެދު މަގު ދެއްކެވުން އެދި ވަރަށް ގިނައިން ދުޢާ ކުރަމެވެ. ނަމަވެސް އެ މަގު ފެންނަ ގޮތެއް ނުވެއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟"  

މިފަދަ ސުވާލުތައް އުފެދޭނަމަ ފުރަތަމަ ކުރަންވީ އެއްކަމަކީ ތިމާގެ އަމަލުތައް ބެހެއްޓޭ ގޮތާއިމެދު ވިސްނައިލުމެވެ.  

ޞިރާޠު މަގު މިކިޔަނީ ޤިޔާމަތް ދުވަހު ހުރަސް ކުރަންޖެހޭ ފާލަމަށެވެ. ސުވަރުގެ ދެވޭނީ އެ ފާލަން ހުރަސްކުރެވިގެންނެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަލްހަމްދުގައި "اهْدِنَا الصِّرَاطَ الْمُسْتَقِيمَ"  މިކިޔަވަނީ އެމަގަށް އެދިއެވެ. "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ!" ކިޔައި ދުޢާ މިކުރަނީ އެމަގު ދެއްކެވުން އެދިއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިމޭރުމުން ދުޢާކުރާއިރު ޞިރާޠު މަގަކީ ކޮބައިކަން އެބަ އެނގެން ޖެހެއެވެ. އެއީ ކޮން މަގެއްކަން ހިތުގެ އަޑިން ޤަބޫލުކުރަން އެބަ ޖެހެއެވެ. ރަނގަޅަށް ވިސްނާށެވެ! އެއީ ސީދާވެގެންވާ ތެދުމަގެވެ. ކަފިކަފިވެ ގޯޅިތައް ހުންނަ މަގެއް ނޫނެވެ.

އެމަގު ހޯދަން އެދޭ މީހާ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ތިމާގެ އަމަލުތައް ﷲ ތަޢާލާ އަންގްވާފައިވާ ގޮތަށް ބެހެއްޓުމެވެ. ތިމާގެ އަމަލުތައް ސީދާ ކުރުމެވެ. ބުނާ ބަސްތައް ވެސް ސީދާކުރުމެވެ. މާނައަކީ ހެޔޮ އަމަލުތައް ނޫނީ ކޮށްގެން ނުވާނެއެވެ. މުންކަރާތްތަކަށް އަރައިގަނެގެން ނުވާނެއެވެ. ތެދުބަހުން ނޫނީ ވާހަކަ ދައްކައިގެން ނުވާނެއެވެ. ޙައްޤު ބަހެއް ނޫނީ ބުނެގެން ނުވާނެއެވެ. 

މިސާލަކަށް ޢިޝާ ނަމާދުގައި އަދި ނަމާދު ނިމިގެން ދުޢާކުރަނީ ސީދާވެގެންވާ ތެދު މަގު ދެއްކެވުން އެދިއެވެ. ފައިބައިގެން ދަމުން ބާރއަކަށް ވަނީމާ ނޫނީ ނައިޓްކްލަބަކަށް ވަނީމާ ކުރި ދުޢާ ކޮބައި ހެއްޔެވެ؟ މެންދުރު ނަމާދުގައި ވެސް ހަމަ އެފަދައިން ދުޢާކޮށްފައި ނުކުމެ ކުރާ އަމަލުތަކުގައި މީހުންނަށް މަކަރު ހެދީމާ ކުރި ދުޢާ ކޮބައި ހެއްޔެވެ؟ ޢަޞްރު ނަމާދުގައި ދުޢާކޮށްފައި ފައިބައިގެން ގެއަށް ގޮސް އަނބިދަރިންނަށް ބޭއިންޞާފުން ކަންކަން ކުރީމާ ކުރީމާ ކުރި ދުޢާ ކޮބައިހެއްޔެވެ؟ މި ބުނެދިނީ ހަމަ ވަރަށް ޢާދައިގެ މިސާލުތަކެކެވެ. 

މިބުނާ ވާހަކައަކީ ސީދާވެގެންވާ ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރަމުން ސީދާ ވެގެންވާ ތެދުމަގުގައި ސާބިތު ނުވާނަމަ ކުރާ ދުޢާ އާއި ކުރާ އަމަލުތައް ދިމާ ނުވާ ވާހަކައެވެ. ގޮތް ބަލަންވެސް ފުރަތަމަ ކަމެއްގެ ގޮތުން އަމަލުތައް ސީދާކޮށްބަލާށެވެ! އެއާއިއެކު ދުޢާކުރަން ފަށައިބަލާށެވެ! ތިބާއަށް ސާބިތުކަން ލިބެން ފަށާ ގޮތް ނުވެސް އެނގޭނެއެވެ. އޮޓޮމެޓިކުން ކަންކަން ފަހިވަމުންދާނެއެވެ.  

އެހެނީ ކޮންމެ ކަމެއްގައިވެސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހިތާއި ނިޔަތް ސީދާކުރުން ކަމަށްވާތީއެވެ! ހިތާއި ނިޔަތް ސީދާވުމުން ޢަމަލުތައް ދާނީ ސީދާވަމުންނެވެ! ހިތާއި ނިޔަތް ސީދާކުރުމާއިއެކު އަމަލުތައް ސީދާ ކުރުމުން އެމީހަކަށް ﷲ ތަޢާލާގެ ރުއްސެވުން އޮހެން ފަށާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން