ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔަވަންޖެހެނީ އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ފަދައިން ޝައިޠާނާ ދައުރުކުރާތީ ކިޔަވާއިރު ޝައިޠާނާ ކިބައިން ސަލާމަތް ކުރެއްވެވުން އެދިއެވެ.
"ފަހެ، ކަލޭގެފާނު ޤްރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަހްމަތުން ބޭރު ކުރައްވަވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވެވުން އެދި، ﷲގެ ރައްކައުތެރިކަމަށް އެދި ދަންނަވާށެވެ." (ސޫރަތުނަޙްލް: 98)
ރަސޫލް (ﷺ) ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވާނަމަ ފެށްޓެވުމުގެ ކުރިން އަޢޫޛް ވިދާޅުވިއެވެ.
أعوذ بالله من الشيطان الرجيم މާނައަކީ "ލައްނަތް ލެއްވިގެންވާ ނުބައި ޝައިޠާނާގެ ވަސްވާސްތަކުން މިއަޅާ ސަލާމަތްކޮށް ދެއްވެވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ."
ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެހެނީ ނަހްލް ސޫރަތުގެ 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަނީ މިކަމަށް އަމުރުފުޅު ކުރައްވަވައިފައެވެ.
ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނީ ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ވާޖިބެއް ނުވަތަ ސުންނަތެއް ކަމާއިމެދުގައެވެ. (އެއީ ސުންނަތެއް ކަމަށް ބެލި ނަމަވެސް މޮޅު އިތުރުވެގެންވަނީ ކިޔެވުމެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ދަރުސަކުން
(ކީރިތި ޤްރްއާން ކިޔަވަން ފަށަން ހިތަށްއެރުމާއިއެކުވެސް އަޢޫޛްކިޔަވަން ބުނަންޖެހޭ ސަބަބަކީ ކިޔަވަން ހިތަށް އެރުވީންސުރެ ޝައިޠޯނާގެ ދުއްތުރާތައް ކުރިމަތިކުރުވާނެތީއެވެ. ހުރަސްތައް ކުރިމަތިކުރުވާނެތީއެވެ. އެކަންކަމުން ސަލާމަތްވުމަށްޓަކައެވެ.)
އަޢޫޛް ކިޔުމުގެ ޙުކުމްތަކާއި އިތުރު ތަފްޞީލްތައް
ލިޔުމުގައިވާ ވީޑިއޯ އިން އެނގިވަޑައިގަންނަވާނެއެވެ.