އަހުރެންގެ ވާހަކަކޮޅު ފަށާނީ ޙާދިސާއަކުންނެވެ!
ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އަނބިމިހާ ބުނަމުން އައީ އޭނާއަށް ދަރިއަކު ނުލިބޭކަމަށެވެ. ކައިވެންޏަށްފަހު ދުރު އަވަށަކަށް ގޮސް ގޭގައި ގެންގުޅޭނެ އަންހެންކުއްޖަކު ގެނައެވެ. އެކުއްޖާއާއިމެދު އަނބިމީހާ ކަންކަން ކުރަމުން ގެންދިއައީ ވަރަށް ހަރުކަށި ގޮތްގޮތަށެވެ. އަނިޔާވެރިކޮށެވެ. އެއްވެސް ރަޙުމެއް ނެތިއެވެ.
ފިރިމީހާއަށް މިކަން ބޮޑުވެ ފާރަލަމުން ދަނިކޮށް އެއް ދުވަހު އަނބިމީހާ އެކުއްޖާއަށް އަނިޔާކޮށް އެއްޗެތިގޮވާއަޑުއިވުނެވެ. އެކުއްޖާއަށް ބުނެވުނެވެ. "މަންމާއެވެ! އަހުރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟" ޖަވާބުގައި އަނބިމީހާ ބުނީ "ތިއައީ އަހުރެންގެ ދަރިއަކަށްވީކަމެވެ."
ފިރިމީހާ ދެމައިންނަށް ގޮވައި ސުވާލުތައް ކުރަން ފެށުމުން އަނބިމީހާ ފުރަތަމަ ހެދީ ދޮގެވެ. ނަމަވެސް ޙަޤީޤަތް ފިރިމީހާއަށް އެނގިއްޖެކަން އެނގުނީމާ އެއްބަސްވިއެވެ. އެހިސާބުން ފިރިމީހާ ބުނީ އަނބިމީހާ އަކީ އިންސާނެއް ނޫންކަމަށާއި ފުރޭތައެއް ކަމަށެވެ. އިންސާނަކު އޭނާގެ ދަރިއަކާއިމެދު އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ. އެހެންވެ ވަޤުތުން ގެއިން ނުކުމެގެން ދިއުމަށެވެ." ދަރިފުޅު ބުނީ ކުށްވެރިއަކީ އޭނާ ކަމަށެވެ. އަދި ކުށަކީ މަންމައަށް އޭނާ ލިބުނުކަންކަމަށެވެ.
ފިރިމީހާ ބުނީ އެބަސް ރަނގަޅު ނޫން ކަމަށެވެ. މަންމަ ރަނގަޅު ގޮތުގައި ހުއްޓައި ޝަރުޢީ ބައްޕައަކާއި ނުލައި ދަރިއަކު ނުލިބޭނެ ކަމަށެވެ. އެހެންވީމާ ކުށްވެރިއަކީ މަންމަކަމަށެވެ. އަދި މިއަދުން ފެށިގެން ދަރިއެއްކަމަށް ބަލައިގެން ގެންގުޅޭނެ ކަމަށާއި މުދަލުންވެސް ދޭނެ ކަމަށެވެ. ނަމަވެސް މަންމަ ނުގެންގުޅޭނެ ކަމަށެވެ. ސަބަބަކީ އަމިއްލަ ދަރިފުޅަށް ރަޙުމް ނުކުރާ މީހަކު އެއްވެސް މީހަކަށް ރަޙުމް ނުކުރާނެތީ ކަމަށެވެ."
މަންމަގެ ކިބައިން ލިބެމުން އައި އަނިޔާތަކަށް ބަލައި ކުއްޖާ އިޚްތިޔާރުކުރީ މަންމައާއިއެކު ނުގޮސް އެގޭގައި ހުރުމަށެވެ. އެއީ ދޮންބައްޕަގެ ރަނގަޅުކަމުންނާއިވެސް އެކުގައެވެ.
ކޮންމެއަކަސް މިޙާދިސާގައި އޭނާ އެބުނީ އެކަން އޮތްގޮތަށެވެ. ޝަރުޢީ ބައްޕައެއް ނެތި ދަރިއަކު ލިބިއްޖެނަމަ އެކަމުގައި އެދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. އެކަމުގައި ކުށްވެރިވާނީ ފާފަކުރި ދެމީހުންނެވެ. އަންހެން މީހާ ބޮޑަށް ކުށްވެރިވާކަމަށް ބުރަވާން ޖެހެނީ ބަލިވެއިނުމުން ފިރިހެން މީހާ ބޮލުން ނައްޓައިލުމަކީ ޢާންމުކަމެއްކަން އެނގޭއިރު، އަދި އެޙާލަތުގައި ފަޟީޙަތްވާނީވެސް އަދި ނިކަމެތިވާނީވެސް ތިމާކަން އެނގިހުރެ ފާފަކުރާތީއެވެ.
މިފަދަ ދަރިންނަށް ބުނެލަން ބޭނުންވަނީ ތިއަކުދިންނަކީ ކުށްވެރިންނެއް ނޫނެވެ. ވީމާ ތިމާއަކީ ކުށްވެރިއެއްކަމަށް ނުދެކޭށެވެ. މައިންނަށް ބުނެލަން ބޭނުންވަނީ ތިމާއަށް ކުރެވުނު ފާފައަށް ބިރުވެތިވާށެވެ! އެފާފަކުރީ ދަރިފުޅުގެ ކޮން ކޮށެއް އޮވެގެން ހެއްޔެވެ؟ ފާފަކުރިއިރު ކުއްޖާ ވުޖޫދަކު ނެތެވެ. ކުއްޖާ ވުޖޫދުވީ ކުރި ފާފައިންނެވެ. ތަރުތީބު އޮޅުވައިނުލާށެވެ! ވީއިރު އެކުއްޖާ ކުށްވެރިކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
އެންމެ ބާރަށް ބުނަން ބޭނުންވަނީ އެފަދަ ދަރިއަކު ލިބިއްޖެނަމަ ހެޔޮކޮށް ހިތައިގެން ބަލަހައްޓާށެވެ. އަނިޔާވެރިނުވާށެވެ! އަދި އެއީ ކަންބޮޑުވާންޖެހެންވީ ކަމެއްވެސް ނޫނެވެ. ތައުބާވުމުން ފާފަފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން