އަބަދުވެސް ބުނާފަދައިން ދީނުގައި ހުއްދަވެގެންވަނީ އަނބިމީހާ ވަރިކުރުމެވެ. ދަރިފުޅާއި ވަކިވުން ހުއްދަވެގެނެއް ނުވެއެވެ. ނަމަވެސް އަނބިމީހާ ވަރިކުރުމާއިއެކު ދަރިންނާއި ވަކިވާ ބައްޕައިންވެސް ތިބޭކަން އެއީ ފެންނަމުން އަންނަ ޙަޤީޤަތެކެވެ.
ތިރީގައިވާ ވާހަކައަކީ އެފަދަ ބައްޕައިންނަށް ފައިދާކުރާނެ އަގުހުރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
ރިންޒީގެ ފިރިމީހާ ރިންޒީ ވަރިކުރީ ފުރަތަމަ ދަރިފުޅަށް 3 މަހުގައެވެ. ރިންޒީ ދަރިފުޅު ބަލައި ބޮޑުކުރަމުން އައީ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުރެ ވަރަށް ނިކަމެތި ޙާލުގައެވެ. ލިބޭ މުސާރައިން ކޮޓަރީގެ ކުލިދައްކާފައި، ދަރިފުޅު ބަލައިދޭ މީހާއަށް އުޖޫރަދީފައި ބާކީވަނީ ވަރަށް މަދު ފައިސާކޮޅެކެވެ.
އެޙާލުގައި ރިންޒީ އުޅެމުންދަނިކޮށް ބައްދަލުވި ފިރިހެނަކު ރިންޒީ އާއި ކައިވެނިކުރިއެވެ. އަދި ނުހަނު ލޯބިން ދަރިފުޅަށް ކިޔަވައިދީ ދަރިފުޅު ބަލައި ބޮޑުކުރިއެވެ. ދަރިފުޅު ކިޔަވައިގެން ވީ އޮޕަރޭޝަންކުރާ ޑޮކްޓަރަކަށެވެ.
ކަންދިމާވިގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ފަސީޙް އޮޕަރޭޝަންކުރަން ޖެހުނީ ރިންޒީގެ ދަރިފުޅު ޑރ. މަހްމޫދަށެވެ. ފަސީޙްގެ އޮޕަރޭޝަނަކީ ވަރަށް ބޮޑު އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ކިތަންމެހައިވެސް ކާމިޔާބެވެ. އެހެންކަމުން ޑރ. މަހްމޫދު އޭނާއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ޑޮކްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ. އޭނާގެ ޚިދުމަތަށް ތަޢްރީފްވެސް ކުރެއެވެ. އެއީ ހުރިހާ ބަލިމީހުންވެސް ކުރާ ކަމަކަށްވުމުން އެކަން ޑޮކްޓަރަށް އެހައި މުހިންމު ކަމަކަށް ނުވެއެވެ.
ފަސީޙަށް ޑރ. މަޙްމޫދަކީ ފަސީޙް އާއި ރިންޒީއަށް ލިބިފައިވާ ދަރިފުޅުކަން އެނގުނީ ފަސީޙަށް ޒިޔާރަތްކުރި ރަޙްމަތްތެރިއެއްގެ ކިބައިންނެވެ. އޭނާއަކީ ރިންޒީގެ ވެސް ރަޙްމަތްތެރިއަކަށްވުމުން އޭނާއަށް ޑރ. މަޙްމޫދު އެނގެނީއެވެ.
އަނެއްދުވަހު ޑރ. މަޙްމޫދު އޭނާއަށް ޒިޔާރަތްކުރުމުން ރޮމުން މާފަށް އެދުނެވެ. އޭނާއަކީ ޑޮކްޓަރުގެ ބައްޕަ ކަމަށްވެސް ބުންޏެވެ. ޑޮކްޓަރުގެ ޖަވާބު ވަރަށް ކުރެވެ. "އަހަރެންނަށް ކަލެއަކީ ކާކުކަމެއް ނޭނގެއެވެ. ކޮންމެ މީހަކަށްވީނަމަވެސް އެއީ މައްސަލައެއް ނޫނެވެ. އަހަރެން އޮޕަރޭޝަންކުރީ އަހަރެންގެ ބައްޕައެއް ނޫނެވެ. ބަލިމީހެކެވެ. ތިއައީ ބައްޕަކަން ކުރިން އެނގުނުނަމަ އޮޕަރޭޝަން ޕާސްކުރީހީ އެހެން ޑޮކްޓަރަކަށެވެ." އެހެން ބުނެފައި ދިއަފަހުން ޑރ. މަޙްމޫދު އޭނާގެ ބައްޕައަށް ޒިޔާރަތްވެސް ނުކުރެއެވެ. ޙާލުބަލަން ފޮނުވަނީ އެހެން ޑޮކްޓަރުންނެވެ.
އެހެންކަމާއިއެކުވެސް ޑރ. މަޙްމޫދު އޭނާގެ ބައްޕައަށް ހެޔޮކަމެއް ކޮށްދިނެވެ. އެއީ ހޮސްޕިޓަލަށް ދައްކަންޖެހުނު ބިލް ދައްކައިދިނުމެވެ.
މިޞުރުގައި ހިނގާފައިވާ މިޙާދިސާގެ ވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. މިފަދަ ކިތައް ބައްޕައިން މިކުޑަކުޑަ ރާއްޖޭގައި އެބަތިބި ބާވައެވެ. އަޅުގަނޑުގެ 3 ދަރިންގެ ބައްޕައަކަށްވެސް އޭނާގެ ދަރިން ފެނުނަސްއެއީ ތިމާގެ ނުއެނގޭނެއެވެ. ދަރިންނަށް ބައްޕަވެސް އެނގޭކަމެއްވެސް ނުއެނގެއެވެ.
ދަރިން ބެލުމުގެ ޒިންމާއަކީ ބައްޕައިންގެ ޒިންމާއަކަށްވާއިރު މިފަދައިން ދަރިން އުކައިލާ ބައްޕައިންގެ ހިތެއްވެސް ނުއޮންނަނީކަމަށްވެދާނެއެވެ! އަނބިމީހާ އިތުރަށް ހިތްދަތިކޮށް ނިކަމެތިކުރަން މިދުނިޔޭގައި އެގޮތަށް ކަންތައް ކުރެވިދާނެއެވެ. ހަމަޤައިމުވެސް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް ކުރިއަށް އެބަ އޮތެވެ. ވިސްނައިލުން ކީއްހެއްޔެވެ؟
- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ