ދަރިން ވަރިކުރުވަންވެސް، ގުޅުން ބަދަހިކުރުވަންވެސް ސިޙުރުވެރިން ލައްވާ ކުރުވާ ކޮންމެ ކަމަކީވެސް ސިޙުރުހެދުން! ހަމަ އެންމެ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ދަރިން ވަރިކުރުވަންވެސް، ގުޅުން ބަދަހިކުރުވަންވެސް ސިޙުރުވެރިން ލައްވާ ކުރުވާ ކޮންމެ ކަމަކީވެސް ސިޙުރުހެދުން! ހަމަ އެންމެ ބޮޑު ފާފައެއް!

މައިދައިތަ ބުނަނީ ސިޙުރު ހަދައިގެންވެސް އަޅުގަނޑުމެންގެ ކައިވެނި ރޫޅުވާނެ ކަމަށް! ސިޙުރު ހައްދުވާކަންވެސް އެބަފަޅާއަރާ! ކިތަންމެ ރުޅިއަޔަސް އެއީ ކުރަން ހުއްދަވާނެ ކަމެއްތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެއްކަމަށެވެ. އެހެންވެ އެދެނީ ތިރީގައިވާ ލިޔުން އެކުގައި ވިދާޅުވެލެއްވުމެވެ.   

އަޅުގަނޑަށް ދިރިއުޅެންޖެހިފައި މިވަނީ ފިރިމީހާގެ ޢާއިލާ އާއިއެކުގައެވެ. ވަކިން ދިރިއުޅެވޭވަރުގެ ތަނަވަސްކަން ފިރިމީހާގެ ކިބައިގައި ނެތުމުންނެވެ. އަދި އަޅުގަނޑުގެ މައިންބަފައިންގެ ކިބައިގައިވެސް އަޅުގަނޑުމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ތަނަވަސްކަން ނެތުމުންނެވެ.

ފިރިމީހާގެ ގޭގައި ކުރާ ބައެއް ކަންކަމަކީ ދީނީ ގޮތުން ރަނގަޅު ކަންކަމުގައި އަޅުގަނޑަށް ޤަބޫލުނުކުރެވޭތީ އެކަންކަމުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. ބައިވެރިނުވުން އެމީހުން ދެކެނީ އަޅުގަނޑުކުރާ ކުށެއް ކަމަށެވެ. އެހެންވެ ސިޙުރުވެރިންގެ ގާތަށް ގޮސްގެންވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް ހުރަސްއަޅަން މަސައްކަތްކުރާކަން ވަނީ ފަޅާޢަރައިފައެވެ.  

ފިރިމީހާގެ ޢާއިލާއަށް ނަމަވެސް އެކުރެވެނީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯއެވެ؟  

ކިޔުންތެރިޔާގެ ކަންބޮޑުވުމަށާއި ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. އިތުރަށް ބުނެލަން އޮތީ ތިއަ ގޮތުގައި ޘާބިތުވާށެވެ! އަމިއްލަ ޢާއިލާއިން ކުރިނަމަވެސް ދީނާއި ދުރުހެލިވާނެ ކަމެއްގައި އެމީހުންނާއި ބައިވެރިވުމެއް ނެތެވެ.  

ތިއަޙާލަތުން ސަލާމަތްކޮށްދެއްވަވައި އަދި ރައްކައުތެރިކަން ދެއްވެވުން އެދި ދެމަފިރިންވެސް ދުޢާކުރަމުން ގެންދާށެވެ. ފަތިސްނަމާދުކުރުމަށާއި ޛިކުރްތައް ކިޔުން ގިނަކުރުމަށް ސަމާލުކަންދޭށެވެ. ރޭއަޅުކަންކުރާށެވެ! 

ލިޔުން ވިދާޅުވެލައްވާށެވެ!   

މުސްލިމުންގެ ތެރެއިންވެސް ބައަކު އެމީހުންގެ އަމިއްލަ ދަރިން ކައިވެނިކޮށްގެން އުޅޭ މީހާ އާއި ދުރުކުރުވުމަށްވެސް ސިހުރުހަދާ މީހުންގެ އެހީތެރިކަން ހޯދައެވެ. އެފަދަ ބެލެނިވެރިން އެކުރަނީ ވަރަށް ބޮޑު ފާފައެކެވެ. އެއްވެސް މީހެއްގެ ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ ކަމެއް ކުރުމަކީ ވަރަށް ބޮޑު ނުބައި ކަމެކެވެ.  

ދަރިންގެ ކިބައިން ހިތް ހަމަ ނުޖެހޭ ކަމެއް ފެންނަނަމަ އޮތީ ކައިވެނި ރޫޅުވުމެއް ނޫނެވެ. އެކަމެއް އިޞްލާޙްމުރަން ނަޞޭޙަތް ދިނުމެވެ. ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފިނަމަ އެއަރައިގްނެވެނީ ބޮޑުވެގެންވާ ފާފައަކަށެވެ.

ބައެއް މައިން ބަފައިން އެމީހުން ބޭނުންވާ މީހަކާއި ދަރިފުޅު ކައިވެނި ކުރުވަން ބޭނުންވެގެންވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދައެވެ. އެކުރެވެނީވެސް ބޮޑުވެގެންވާ ފާފައެކެވެ. ދަރިފުޅު އަމިއްލައަށް ކައިވެނި ކުރާނެ މީހަކު ހޯދުމުން އެމީހަކާއި ހިތް ހަމަނުޖެހިގެން ނަމަވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އަދި އެކަންވާނީ ދަރިފުޅަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްވެސްމެއެވެ.

ދަރިފުޅު ކައިވެނިކުރަން އުޅޭ މީހާ އާއިމެދު ހިތްހަމަ ނުޖެހޭނަމަ ވިސްނައިދޭށެވެ. އަމިއްލައަށް އެކަން ނުކުރެވޭނަމަ އިތުބާރު ކުރެވޭ މީހަކު މެދުވެރިކޮށްގެންވެސް ވިސްނައިދޭށެވެ. ދަރިފުޅު އެކަން ޤަބޫލު ނުކުރި ނަމަވެސް ﷲ ތަޢާލާގެ އިންތަކުން ބޭރުވެގެން ނުވާނެއެވެ. ސިހުރު ހަދައިގެން ނުވާނެއެވެ. ތަޅައި އަނިޔާކޮށްގެން ނުވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން