ﷲ އަށްޓަކާ ލޯބިވެ ގުޅުން ޤާއިމުކުރާ މީހުންނަށް ޤިޔާމަތްދުވަހު ދެއްވަވާ މަތިވެރި ދަރަޖައަށް ނަބީބޭކަލުންނާ ރަސޫލްބޭކަލުންވެސް އެދިވަދައިގަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ﷲ އަށްޓަކާ ލޯބިވެ ގުޅުން ޤާއިމުކުރާ މީހުންނަށް ޤިޔާމަތްދުވަހު ދެއްވަވާ މަތިވެރި ދަރަޖައަށް ނަބީބޭކަލުންނާ ރަސޫލްބޭކަލުންވެސް އެދިވަދައިގަންނާނެ!

 

"ހަމަޔަޤީނުންވެސް ލޯބިވުމާއި ގުޅުން ޤާއިމް ކުރަންވާނީ ﷲ އަށްޓަކައިކަން މި ޙަދީޘުން ވަރަށް ސާފުކޮށް ބަޔާން ކޮށްދެއެވެ. އަދި އެއީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް ވެސް މެއެވެ. ﷲ އަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވީ މީހުން ޤިޔާމަތް ދުވަހު ތިބޭނީ ނޫރުން ތައްޔާރުކުރެވިފައިވާ މިމްބަރު ތަކެއްގައި ކަމަށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ ޚަބަރު ދެއްވާފައެވެ. އަދި އެމީހުން ﷲއާ ކުއްތަންވެފައިވާ މިންވަރު ނަބީބޭކަލުންނާއި ﷲގެ މަގުގައި ޝަހީދުވީ ބޭކަލުންނަށް ފެނުމުން އެބޭކަލުންވެސް އެމީހުން އެވާ މަތިވެރި މަޤާމް ލިބުމަށް އެދިއެދި ތިބޭނެއެވެ."  

އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބަދަލުވެފައިވާ ގޮތުން ލޯބިވުންވެސް މިއޮތީ ދުނިޔަވީ ކޮންމެވެސް ކަމެއްގެ މައްޗަށް ބުރަވެއެވެ. ރީތިކަމަށެވެ. އަނެކާގެ ކިބައިން ލިބިދާނެ ކޮންމެވެސް މަންފާއަކަށެވެ. އެފަދަ ދުނިޔަވީ ކަމަކަށްޓަކައި ނޫނީ އަނެކާދެކެ ލޯބިވުން މިވަނީ ނެތިގެންގޮސްފައިކަމަށް ބުނުމަކީ ދޮގަކަށް ނުވާ ހިސާބަށް އެކަން މިވަނީ ޢާންމުވެފައެވެ.  

މިގޮތަށް ވިސްނައިލުން ކީއްހެއްޔެވެ؟ ދެމަފިރިއަކު ކައިވެނިކުރީ ސިފައަށް ބަލައިގެންނެވެ. ކައިވެނީގައި އަހަރުތަކެއް ފާއިތުވީއެވެ. ދަރިންތަކެއްވެސް ލިބުނީއެވެ. އަނބިމީހާގެ ސިފައަށް ނުވަތަ ފިރިމީހާގެ ސިފައަށް ބަދަލުތަކެއް އައީއެވެ. އެހިސާބުންވީ ލޯބިވުން ނިންމާލަންހެއްޔެވެ؟  

އެއިގެ ބަދަލުގައި އެހިސާބުން އަމިއްލަ އެދުން ދޫކޮށްލައި ﷲ އަށްޓަކައި ބައިވެރިޔާދެކެ ލޯބިނުވާންވީ ކީއްވެގެންހެއްޔެވެ؟ އިންސާނިއްޔަތުކަމަށްޓަކައިވެސް އެކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ޒުވާންކަން ގެއްލި ސިފަ ބަދަލުވީ ހަމަ ތިބާއަށް ޚިދުމަތްކުރަން ހަދައިގެން ނުވަތަ ޚިދުމަތްކުރަމުން ދަނިކޮށް ނޫންހެއްޔެވެ؟ އަންހެނަކު ނަމަ ސިފަބަދަލުވީ ހަމަ ތިބާގެވެސް ދަރިން ވިހެއުމާއި އެދަރިންނަށާއި ތިބާއަށް ޚިދުމަތްކުރަން ހުއްޓައި ނޫންހެއްޔެވެ؟  

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ވަރަށް ފައިދާހުރި ގިނަ މަޢްލޫމާތުތަކެއް ލިބިލައްވާނެއެވެ.  

އަލްއިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތުގައި (ޞަޙީޙު މުސްލިމްގައި) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. 

"ހަމަކަށަވަރުން މީހަކު އޭނާގެ މުސްލިމް އަޚެއްގެ އަރިހަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔައެވެ. އޭނާގެ އެ މުސްލިމް އަޚާ ދިރިއުޅެމުން ދިޔައީ އެހެން އަވަށެއްގައެވެ. މިމީހާ އޭނާގެ މުސްލިމް އަޚާގެ އަރިހަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔަ މަގުމަތިން ﷲ ތަޢާލާ އޭނާ އިމްތިޙާން ކުރެއްވުމުގެ ގޮތުން މަލާއިކަތް ބޭކަލެއް ފޮނުއްވެވިއެވެ. ދެންފަހެ އެމަލާއިކަތާ އޭނާގެ އަރިހަށް އައިސް ދެންނެވިއެވެ. “ތިބާ ތިދަނީ ކޮންތާކަށް ތޯއެވެ؟” އެމީހާ ޖަވާބުދިނެވެ. "އަޅުގަނޑު މިދަނީ މި އަވަށުގައި ދިރިއުޅެމުންދާ އަޅުގަނޑުގެ މުސްލިމް އަޚެއްގެ ގާތަށެވެ.” މަލާއިކަތާ ސުވާލު ކުރެއްވިއެވެ. “ބަދަލު ލިބޭ ގޮތެއްގެ މަތިން ތިބާއަށްޓަކައި އޭނާ ހެޔޮކަމެއް ކޮށްދީފައި ވަނީތޯއެވެ؟ އޭނާ ޖަވާބުދިނެވެ. “ނޫނެކެވެ. ﷲ އަށްޓަކައި ތިމަންނަގެ އެ މުސްލިމް އަޚާ ދެކެ ވާލޯބި ފިޔަވައި އިތުރު އެއްޗެއް ތިމަންނައަކަށް ނުވެއެވެ.” މަލާއިކާތާ ދެންނެވިއެވެ. "ފަހެ ތިމަންނާއީ ﷲގެ ޙަޟްރަތުން ތިބާގެ އަރިހަށް ފޮނުވުނު ފަރާތަކީމެވެ. އެހެނީ ތިބާގެ މުސްލިމް އަޚާ ދެކެ ތިބާ ތިވާލޯބި ފަދައިން ﷲ ތަޢާލާ ތިބާ ދެކެ ލޯބި ވާކަން ކަށަވަރެވެ." 

ލޯބިވާ ކުދިންނޭވެ. މިޙަދީޘްގައި ބަޔާން ކޮށްދީފައިމިވާ ވާހަކައަކީ، އެއް ސަހަރެއްގައި ދިރިއުޅެމުންދިޔަ މީހަކު، އެހެން އަވަށެއްގައި ދިރިއުޅެމުންދިޔަ އޭނާގެ މުސްލިމް އަޚެއްގެ އަރިހަށް ކުރި ޒިޔާރަތުގެ ވާހަކައެވެ. އޭނާގެ މިޒިޔާރަތަކީ އެއްވެސް ބޭނުމެއް ޖެހިގެން ނުވަތަ ކަމެއްގެ ބަދަލު ދެފަރާތުން ކުރެ ފަރާތަކަށް ބަދަލުކުރުމުގެ ބެނުމުގައި ކުރި ޒިޔާރަތެއް ނުމެނޫންމެއެވެ. އެހެނެއްކަމަކު މިޒިޔާރަތަކީ ﷲ އަށްޓަކައި އޭނާގެ އެއަޚާދެކެ ދެކެ ވާ ލޯތްބަށްޓަކައި ކުރި ޒިޔާރަތެކެވެ.  

ހަމަޔަޤީނުންވެސް ލޯބިވުމާއި ގުޅުން ޤާއިމް ކުރަންވާނީ ﷲ އަށްޓަކައިކަން މި ޙަދީޘުން ވަރަށް ސާފުކޮށް ބަޔާން ކޮށްދެއެވެ. އަދި އެއީ އީމާންކަމުގެ ތެރެއިން ހިމެނޭ ކަމެއް ވެސް މެއެވެ. ﷲ އަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވީ މީހުން ޤިޔާމަތް ދުވަހު ތިބޭނީ ނޫރުން ތައްޔާރުކުރެވިފައިވާ މިމްބަރު ތަކެއްގައި ކަމަށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ ޚަބަރު ދެއްވާފައެވެ. އަދި އެމީހުން ﷲއާ ކުއްތަންވެފައިވާ މިންވަރު ނަބީބޭކަލުންނާއި ﷲގެ މަގުގައި ޝަހީދުވީ ބޭކަލުންނަށް ފެނުމުން އެބޭކަލުންވެސް އެމީހުން އެވާ މަތިވެރި މަޤާމް ލިބުމަށް އެދިއެދި ތިބޭނެއެވެ.  

އިސްވެދިޔަ ޙަދީޘްގައި ބަޔާންވެފައިވާ ވާހަކައިގައި އެވާ މީހާ އޭނާގެ އަޚާގެ އަރިހަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔަ މަގުމަތިން އިންސާނެއްގެ ސިފައިގައި ﷲ ތަޢާލާ މަލާއިކަތެއް ފޮނުއްވީއެވެ. އަދި އޭނާގެ އަވަށުން ނުކުމެ އެހެން އަވަށަކަށް ދަތުރު ކުރަމުން މިދާ މަޤްޞަދާއި ބޭނުން އެމަލާއިކަތާ އޭނާގެ ގާތުގައި ސުވާލު ކުރައްވާ އޮޅުން ފިލުއްވެވީއެވެ. އޭނާ ޖަވާބުގައި ބުނެފައި މިވަނީ އޭނާގެ އެދަތުރުގެ ހަމައެކަނި މަޤްޞަދަކީ ﷲ އަށްޓަކައި އޭނާ ލޯބިވާ މުސްލިމް އަޚެއްގެ އަރިހަށް ޒިޔާރަތް ކުރުން ކަމެވެ. އޭނާއާއި އޭނާގެ އެމުސްލިމް އަޚާއާ ދެމީހުންގެ މި ބައްދަލުވުމަކީ ﷲ އަށްޓަކައި ވީލޯބި ނޫން އިތުރު ކަމެއް ނޫނެވެ. އެހިނދު އޭނާގެ އަރިހަށް އައިސް އެސުވާލު ކުރިފަރާތަކީ ކާކުކަމާއި އޭނާގެ އަރިހަށް ﷲ ތަޢާލާ އެމަލާއިކަތާ ފޮނުއްވެވި ސަބަބު ބަޔާން ކޮށްދެއްވިއެވެ. އެއީ ﷲ އަށްޓަކައި އޭނާގެ މުސްލިމު އަޚާދެކެ ލޯބިވާފަދައިން، ﷲ ތަޢާލާ އޭނާދެކެ ލޯބިވެ ވޮޑިގެންވާ ކަމުގެ އުފާވެރި ޚަބަރެވެ. ﷲ ތަޢާލާ މީހެއްދެކެ ލޯބިވެ ވޮޑިގެންވާ ކަމުގައި ވަނީނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން ވާކަން ކަށަވަރެވެ.

އިސްވެދިޔަ ޙަދީޘުން ލިބިގަންނަންވީ ބައެއް ފައިދާ:

• ﷲ އަށްޓަކައި އެކަކު އަނެކަކާމެދު ގުޅުން ޤާއިމް ކުރުމާއި ލޯބިވުމާއި ޒިޔާރަތް ކުރުމުގެ މާތްކަން އިސްވެދިޔަ ޙަދީޘްގައި ބަޔާންވެދިޔަ ވާހަކައިން ވަރަށް ރަނގަޅަށް ދޭހަވެއެވެ. އެހެނީ ﷲ ތަޢާލާ އެމީހާދެކެ ލޯބިވެ ވޮޑިގެންވީ ސަބަބަކީ ﷲ އަށްޓަކައި އޭނާގެމުސްލިމް އަޚާދެކެ ލޯބިވެ އެކަމަށްޓަކައި އޭނާގެ އެ މުސްލިމް އަޚާއަށް ޒިޔާރަތް ކުރުމެވެ. • ﷲ އަށް ޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކޮށް ހެދުމުގެ މާތްކަން މިޙަދީޘުން އެނގި ބަޔާންވެއެވެ. • ﷲ އަށް އިޚްލާޞްތެރި ވުމުގެ މާތްކަން މި ޙަދީޘުން އޮޅުމެއްނެތި އެނގެއެވެ. އެހެނީ އޭނާގެ އެ މުސްލިމް އަޚާއަށް ޒިޔާރަތް ކުރުމަށްޓަކައި އޭނާ ދަތުރު ކުރީ އެއްވެސް މުދަލެއްނެތި ހުސް އަތާއެވެ. އަދި އެ ޒިޔާރަތަކީ އޭނާގެ މުސްލިމް އަޚާގެ ކިބައިން އެއްވެސް އެއްޗެއް ހޯދުން ނުވަތަ އެއްވެސް ދުނިޔެވީ މުޢާމަލާތެއް (ވިޔަފާރިއެއް، ހަދިޔާ ބަދަލުކުރުމެއް) ޙާޞިލް ކުރުމުގެ ޤަޞްދެއްގައި ކުރި ޒިޔާރަތެއްވެސް ނޫނެވެ.

- އައްޝައިޚް  އަޙްމަދު ނާޒިލް މުޙައްމަދުގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން