އެއްވެސް މީހެއްގެ ގައިގައި ހުޅު ރޯވެއްޖެނަމަ އެމީހަކަށް ހޫނުވެ އެމީހަކު އަނދައިފާނެއެވެ! އެހެންވެ އެކަމަށް އެންމެންވެސް ސަމާލުކަން ދެއެވެ. ނަމަވެސް ތިމާއަށް އެކަމުގެ ހޫނު ދުނިޔޭގައި އިޙްޞާޞްކުރަން ނުޖެހޭތީ އަމިއްލައަށް ގައިގާ ހުޅުރޯކޮށްގެން އަންދަމުން ގެންދާ ބައަކު އެބައުޅެއެވެ.
ބައެއް މީހުން އެމީހުންގެ ކައިވެނި ފޭލްވުމުން އަދި ބައެއް ފަހަރު ދިރިއުޅުމުގައި ކުރިމަތިވާ މުޞީބާތްތަކުގެ ސަބަބުން މާޔޫސްވެ ނުބައި މަގު އިޚްތިޔާރު ކުރެއެވެ. ކައިވެނި ރޫޅާލައި ފާހިޝް އަމަލުތައް ކުރާ މީހަކަށްވެސް ބަދަލުވެގެންދެއެވެ. މިއީ އިންސާނަކަށް އިޚްތިޔާރުކުރެވޭނެ އެންމެ ނުބައިކަން ބޮޑު މަގެވެ. އަދި އެކަންވާނީ އަމިއްލައަށް ގައިގާ ހުޅުރޯކޮށްގެން އުޅުން ފަދަ ކަމަކަށެވެ. އެފަދަ މީހުންގެ ގައިގާ އެވަނީ ހުޅުރޯވެފައެވެ. ތަފާތަކީ ދުނިޔޭގައި އެކަން އިޙްޞާޞް ނުކުރެވޭ ކަމެވެ. ކުރިއަށް އޮތީ އިޙްޞާޞްކުރަންޖެހޭނެ ދުވަހެވެ! ދުވަސްތަކެވެ.
ބުނަންހެއްޔެވެ؟ އެއީ އެކުވެރިއެއް ނަމަވެސް ކޮންމެވެސް ބާވަތެއްގެ (ނަފްސާނީ) ޢިލްމުވެރިއެއް ނަމަވެސް ނަފްސާނީ ޑޮކްޓަރެއްނަމަވެސް އެފަދަ ނުބައި ޢަމަލުތައް ކުރަން ހިތްވަރުދީ ބާރުއަޅާނަމަ އެމީހަކީ ޝައިޠޯނުންގެ ތެރެއިންވާ އިންސާނެކެވެ. އެފަދަ މީހަކު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަންވެސް ހެޔޮނުވާނެއެވެ. އެދެނީ ޝައިޠޯނީ ވަސްވާސްތަކެވެ.
އެމީހުން ބުނާ ގޮތަށް ޢަމަލުކޮށްފިނަމަ އެމީހަކަށް އެހިސާބުން ގެއްލިގެން އެދަނީ މިދުނިޔެއާއި އާއި އާޚިރަތެވެ. އެފަދައިން ގެއްލެނިވެގެންދާނެ ބައަކު އުޅޭނެކަމާއި އެމީހުންނަކީ ދެ ދުނިޔެ ނަގައިލާ ބައެއްކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
މިޒަމާނުގެ ސައިކޮލޮޖިސްޓުން މިފަދަ ހާލަތަށް ކޮންމެ ނަމެއްވެސް ކިޔައިފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެފަދަ މީހުންނަކީ އީމާންކަން ކުޑަ ނުވަތަ އީމާންކަން ނެތް ބައެއް ކަމެވެ. އެހެނީ އަނެކާ ތިމާ ދެކެ އަބަދު އެއްވަރަށް ލޯބިވެދާނެ ކަމަށް ޔަޤީންކުރަން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ދުނިޔޭގެ ޙަޔާތުގައި ބަދަލު ނުވާނީ މިވެނި ކަމެއް ކަމަށް ނިންމާނީ ކޮން ކަމެއް ހެއްޔެވެ؟ ކަންކަން ވާނެ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ ވީމާ އެމީހަކު ދެކެ ތިމާ ކިތަންމެ ލޯބިވީ ނަމަވެސް އަދި އެމީހަކަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީ އެއްވެފައިވީ ނަމަވެސް އެމީހާގެ ހިތް ބަދަލު ނުވާނެ ކަމަށް ތިމާ ޔަޤީންކުރަން ވެދާނެ ހެއްޔެވެ؟
މިފަދަ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ﷲ ތަޢާލާ ދެކެ ލޯބި ނުވެވޭ ކަމެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ކިޔަމަންތެރި ނުވެވޭ ކަމެވެ. ކީރިތި ޤުރްއާނާއި ރަސޫލް ޞއްލަﷲ ޢަލައިހިވަސައްލަމަ ގެ ސުންނަތާއި ބީރައްޓެހި ކަމެވެ. އެހެން ނޫން ނަމަ ދުނިޔޭގެ އެއްވެސް ކަމަކަށް ނުވަތަ އެހެން މީހަކު ދެކެ ތިމާ އެކަމަކުން ވަކި ނުވެވޭނެ ވަރަށް ނުވަތަ އެކަމަކާއި ދުރުހެލި ނުވެވޭވަރަށް ލޯތްބެއް ނުވާނެއެވެ.
ކޮންމެ ޙާލެއްގައި ވަކި ނުވެވޭވަރަށް ލޯބިވާންވީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ﷲ ތަޢާލާއަށް އެވަރަށް ލޯބިވެވުމުން އޮޓޮމެޓިކުންވެސް ރަސޫލް ޞއްލަﷲ ޢަލައިހިވަސައްލަމަ ދެކެ ހަމަ އެވަރަށް ލޯބިވެވޭނެއެވެ. އީމާންކަން ފުރިހަމަކުރުމަށްޓަކައި ތިމާގެ އަމިއްލަ ނަފުސަށާއި އަނބިދަރިންނަށްވުރެ ރަސޫލް ޞއްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވުމަށް ކުރައްވަވާއިފައިވާ ޙަދީޘްފުޅަށް އަމަލުކުރެވޭނެއެވެ.
އެފަދަ މީހެއްގެ ޙަޔާތުގެ ބައިވެރިޔާ އެމީހަކު ދޫކޮށްލާފައި ދިއުމަކުން ޙަރާމް ކަންކަން ކުރާކަށް ނުފަށާނެއެވެ. އެފަދަ މީހުން ﷲ ތަޢާލާއަށް އަޅުކަން ކުރުމާއި ދުޢާކުރުން ގިނަކުރާނީއެވެ. ކުރިން ލިބުނު މާޒީއަށްވުރެ އުފާވެރިކަން ބޮޑު ދުވަސްތަކެއް މިންވަރު ކުރެއްވެވުން އެދިއެވެ. އެގޮތުގައި ޘާބިތުވާ މީހުންނަށް އެކަން އެގޮތަށް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން