އަނބިމީހާގެ ގައިގަ ބާރަށް ދިހަފަހަރު ޖަހާފަ ބުނުމަށްވުރެ ލޯބިން އެންމެ ފަހަރަކު ބުނެލިޔަސް ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އަނބިމީހާގެ ގައިގަ ބާރަށް ދިހަފަހަރު ޖަހާފަ ބުނުމަށްވުރެ ލޯބިން އެންމެ ފަހަރަކު ބުނެލިޔަސް ކުރާނެ ފައިދާ މާބޮޑުވާނެ!

ކޮންމެ މީހަކީވެސް އިންސާނެކެވެ. ކޮންމެ އިންށާނެއްގެ ކިބައިންވެސް އަނެކާގެ ހިތް ނުއެދޭ އެތައް ކަމެއް ފެންނާނެއެވެ. ކުށްތައްވެސް ފެންނާނެއެވެ. ދެމަފިރިއަކު އެކުގައި އުޅެންފަށަންވާނީވެސް އެކަން ޤަބޫލުކޮށްގެން ތިބެއެވެ.  

ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ތިބާގެ ހިތް ނުއެދޭ ކަންކަން ފެންނަނަމަ ނުބުނެ ނުހުންނާށެވެ! ނުބުނާނަމަ އޭނާއަށް ކަންކަން ކުރެވެނީ ރަނގަޅަށް ނޫންކަން އޭނާއަކަށް އިޙްޞާޞެއް ނުކުރެވޭނެއެވެ. އެކަން އިޙްޞާޞް ނުކުރެވި އެކަމެއްގައި މާބޮޑަށް ކުރިއަރައިދެވޭފަހުން އެކަމެއް އިޞްލާޙްކުރަން ބުނެވިއްޖެނަމަ އެކަން ބަލައިގަންނަން އޮންނާނީ ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ.  

މިކަންކަން ވަރަށް ތަފާތު ޢިބާރާތަކުން ވަރަށް ފަހުންވެސް ހާމަކުރީމެވެ. އަނެއްކާވެސް މިކަމުގެ ވާހަކަ ދައްކަން މިޖެހެނީ ވަރަށް ގާތް މީހުންނަށްވެސް މިކަމަށް ސަމާލުކަން ނުދެވި ވަރިފަށަށް އަރަމުންދާތީއެވެ.  

ފިރިހެނުންނަށް ޚާއްޞަކޮށްލައިގެން މިއަދުވެސް ބުނެލަން އޮތީ ރަނގަޅު، ހެޔޮލަފާ އަނބިންގެ ވިސްނުން ވަރަށް ތަފާތުވާނެއެވެ. އެމީހުންނަށް ކުރެވޭ ނުރަނގަޅު ކަންކަން ހުއްޓުވަން މަސައްކަތްނުކުރާނަމަ އެމީހުން ވަރަށް ބޮޑަށް މާޔޫސްވާނެއެވެ. ޤަބޫލުކުރެވޭނީ ފިރިމީހާ އޭނާއަށް ސަމާލުކަން ނުދެނީކަމަށެވެ.  

ތިމާގެ ހިތް ނުއެދޭ ކަމެއް ބައިވެރިޔާގެ ކިބައިން ފެނުމުން އެކަން ފާހަގަކޮށް ނުކުރަން ނުވަތަ އިޞްލާޙްކުރަން ބުނުމާއި ރުޅިއައިސް އެއްޗެތިގޮވުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. ދެމަފިރިންވެސް އެކަމަށް ސަމާލުކަންދޭންޖެހޭނެއެވެ.  

ބުނަން ހެއްޔެވެ؟ ބައިވެރިޔާއަށް، ޚާއްޞަކޮށް އަނބިމީހާއަށް ކުރެވޭ ކަމަކާއި ނުރުހި، ރުޅި އައިސް ކުރާ ޖިސްމާނީއަނިޔާއަކަށްވުރެ ހިނިތުންވެލައިގެން ހުރެ އެކަން ފާހަގަކޮށް ބުނެލާ އެންމެ ބަހަކުން ކުރާ އަސަރުވެސް މާބޮޑުވާނެއެވެ. ރުޅިއައިސް 10 ފަހަރު ޖެހުމަށްވުރެ ލޯބިން އެންމެ އެންމެ ފަހަރަކު ބުނުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ!  

ވިސްނާށެވެ! ގައިގަ ބާރު ނެތީމާ ރައްދުގައި ނުޖެހިދާނެއެވެ. ނަމަވެސް ޖިސްމާނީ އަނިޔާކުރާނަމަ ބަދަލުހިފާނެއެވެ. އެއިރުން ލިބޭނެ ދެރަ މާބޮޑުވާނެއެވެ. އެކަމަށް ސަމާލުކަން ނުދިން ބައެއް މީހުންނަށް ޢުމުރަށް ކަރުނައަޅަންޖެހިފައިވެސް އެބަހުއްޓެވެ. އެއީ ވަރިވެގެންދާތީއެއް ނޫނެވެ. ދީފައިދާ ގެއްލުން ބޮޑުކަމުންނެވެ.  

ވީމާ ހިތްހަމަނުޖެހުނަސް ރުޅިއައިސް އަތް އިސްނުކުރާށެވެ! އެކަމުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ކުރިން މިބުނިފަދައިން ގިނަފަހަރު އެއިރުން އެކަން ބަދަލުވާނީ ބަދަލުހިފުމަކަށެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން