ﷲ ތައާލާ އުފައްދަވާފައިވާ މިކައުނަށް ބަލައި ވިސްނަން ވަޤުތު ހޭދަކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަމަށާއި ހަނދާން ނެތުމުގެ މައްސަލައަށް ޙައްލުލިބޭކަމެއްކަމަށް ދިރާސާތަކުން ދައްކައިފިއެވެ. އެމީހުން ބުނަނީ ދުރުމި ބޭނުންކޮށްގެން ބަލައިހޯދުމުގެ ވާހަކައެވެ. އެކަމަށް އާދަވެގެން ކޮންމެ ދުވަހަކު ގިނަ ވަޤުތު ހޭދަކުރުމުގެ ވާހަކައެވެ.
އެއުޅެނީ ހަމަ ތެދަށް ބުނަން ނުކެރިގެންނެވެ. މާތް ﷲ އަންގަވާފައިވަނީ ދުނިޔެއާއި އަދި ދުނިޔޭގައިވާހައި ތަކެއްޗާއި މުޅި ކައުނަށްވެސް ބަލައިވިސްނުމަށެވެ. ކައުނެވެ ބުނީމާ އުޑުތައްވެސް ހިމެނޭހެން އުޑުތަކާއި އުޑުތަކުގެދަށުގައި ޥާހާއެއްޗެއް ހިމެނެއެވެ. އަދި ހިނގަމުންދާ ކަންކަމަށްވެސްވިސްނައި ފިކުރުކުރުމަށެވެ.
އަލްމުލްކްސޫރަތުގައި ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.
﴿3﴾ الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ
އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. ރަޙްމާންވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރު ކޮށް ނަޡަރު ހިންގައި ބަލާށެވެ! އެއްވެސްކަހަލަ ޚަލަލެއް ތިބާޔަށް ފެނޭހެއްޔެވެ؟
﴿4﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ
ދެންވެސް ތަކުރާރު ކޮށް ދެފަހަރަށް ނަޡަރު ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި (ތިބާގެ) ނަޡަރު އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ.
﴿5﴾ وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު ޒީނަތްތެރިކުރެއްވީމެވެ. އަދި ޝައިޠާނުންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ޝައިޠާނުންނަށް ނަރަކައިގެ ޢަޛާބުތައްޔާރުކުރެއްވީމެވެ."
މީގެ އިތުރުންވެސް ބަލައި ވިސްނައި ފިކުރުކުރުމަށާއި އެކަމުން ފައިދާކުރާނެ ކަމަށް އަންގަވާފައިވެއެވެ. ސައިންސްވެރިންނަށް މިކަމުގައި އަދިވެސް އެއެނގެނީ ކުޑަކުޑަ މިންވަރެކެވެ. އެވަރުންވެސް ވިސްނައި ފިކުރުކުރާ މީހަކަށް ފުދޭނެއެވެ.
ފަތިސްނަމާދުކޮށްލައިގެން ހާމަތަނަކަށް ނުކުމެ މަޑުކޮށްލަންވީ މިފަދަ ފައިދާތައް ލިބިގަތުމަށެވެ. އަހުރެން ބުނާނީ ތަނަކަށް ދެވެން ނެތް މީހާ ގޭގެ ބެލްކަނީގައި ނަމަވެސް އިރުކޮޅަކު މަޑުކޮށްލައި ލޮލަށް ފެންނަ ހުރިހާ މަންޒަރުތަކަށް ރަނގަޅަށް ބަލައި ވިސްނުމަށެވެ. އެއިރުން އެމީހަކަށް ލައްވަވާނެ ރަޙްމަތް ވަރަށް ގިނަވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން