އެދެމަފިރިންގެ 3 ދަރިން ތިބެއެވެ. ދޮށީދަރިފުޅުގެ ޢުމުރަކީ 12 އަހަރެވެ. ދެން ތިބީ 10 އަހަރާއި 7 އަހަރުގެ 2 އަންހެން ކުދިންނެވެ. އެކުދިން ކުޑައިރުންސުރެ ގޭތެރެއިން ފެންނަ އެއްކަމަކީ ރުޅިއަންނައިރަށް މަންމައަށް އަނިޔާކުރާތަނެވެ. ލިބޭ އަނިޔާތައް މަންމަގެ ގައިން ފެންނަންވެސް ހުރެއެވެ. ބައެއް ދުވަސްދުވަހު ނުހިނގިގެންވެސް އުޅެންޖެހެއެވެ.
އެއްދުވަހަކު މަންމަގެ ގައިގައި ޖެހުމުން ފިރިހެންދަރިފުޅު ކުރިމައްޗަށް އެރީ ބޮޑު ވަޅިއެއް ހިފައިގެންނެވެ. ބުނީ މަންމަގެ ގައިގައި އެންމެ ފަހަރަކު ނަމަވެސް އަތްލައިފިނަމަ އަތްބުރިކޮށްލާނެ ކަމަށެވެ. އަތްބުރިކޮށްލީމާ ޖަލަށްލިޔަސް އެއިރުން ތިއަ އަތުން އިތުރަށް ދެން މަންމަގެ ގައިގައި ނުޖެހޭނެ ކަމަށެވެ.
ބައްޕަ ޙައިރާންވިއެވެ. އެއީ ދުވަހަކުވެސް ބަހެއް ނުބުނެ ހުރެފައި ވަޅިހިފައިގެން ކުރިމައްޗަށް އެރުމުންނެވެ. އެހެންވެ ބުނާނެ އެއްޗެއްވެސް ނުއެނގި ގަނޑުވެފައި ހުރެވުނީއެވެ.
އެދުވަހު އޭނާއަށް ވިސްނުނެވެ. ދަރިން އަނގައިން ނުބުނެ މިތިބެނީ ކަންކަން ނުވިސްނޭތީ ނޫންކަމެވެ. ދަރިންގެ ކެތްތެރިކަން ކޮޅުންލައިފިކަމެވެ. އިތުރަށް އަނިޔާކޮށްފިނަމަ ނިދަން އޮއްވައިވެސް ޙަމަލާދީފާނެ ކަމެވެ.
ކަންކަން ވިސްނުމުން ގެއިން ނުކުމެގެންދިއައީއެވެ. އެތައް އިރަކު ބޭރުގައި އުޅެފައި އައިސް 3 ދަރިންނާއި އަނބިމީހާގެ ކިބައިން މާފަށް އެދުނެވެ. ދެން ދުވަހަކުވެސް އަތް އިސްނުކުރާނެ ކަމުގެ ޔަޤީންކަން ދިނެވެ.
މިޙާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ދެމަފިރިން އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާކުރާނަމަ އަދި ހިތުގަ ޖައްސުވާނަމަވެސް ދަރިން މަޑުން ތިބެނީ އެކަމަށް ރުހިގެން ނޫންކަމެވެ. އަދި އެކުދިންގެ ކެތްތެރިކަން ކޮޅުންލައި ކުރިމަތިލާނެ ދުވަހެއްވެސް އަންނާނެ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޅުތުންނޭވެ! އަތްއިސްނުކުރާށެވެ! އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ! އެކަމުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ބައިވެރިޔާއަށް އަނިޔާނުކުރާށެވެ. ތިމާއަށް ބޭނުންވާ ހުރިހާ ކަމަކާ އަދި ދަރިންގެ ކަންކަންވެސް ކޮށްދޭ އަނބިމީހާއަށް އަނިޔާކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އަނބިމީހާއަށް އަނިޔާކުރި ފިރިއަކަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާކުރެއްވެވިކަން އަންގައިދެނީ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން