ކިތަންމެ ގާތް އެކުވެރިއަކަށްވެސް ދެމަފިރިންގެ ގުޅުމުގެ ހުރިހާ ކަންކަން ކިޔައިދެވޭނަމަ އެސްފީނާގެ ނުރައްކަލާ ކުރިމަތިލާންޖެހުމަކީ ޢާންމުކޮށް ކުރިމަތިވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 54ސ
ކިތަންމެ ގާތް އެކުވެރިއަކަށްވެސް ދެމަފިރިންގެ ގުޅުމުގެ ހުރިހާ ކަންކަން ކިޔައިދެވޭނަމަ އެސްފީނާގެ ނުރައްކަލާ ކުރިމަތިލާންޖެހުމަކީ ޢާންމުކޮށް ކުރިމަތިވާކަމެއް!

 

"ސިއްރު ހިފަހައްޓަން ބޭނުންވާނަމަ ކަނައަތުން ކުރާކަމެއް ވައތަށްވެސް ނުއަންގާށެވެ!" މިއީ ކިތަންމެ ގާތް ގުޅުމެއް އޮތަސް ސިއްރުހިފަހައްޓާނެ ކަމަށް ޔަޤީންކުރެވޭނެ މީހުން މިހާރު ވަރަށް ބޮޑަށް މަދުވެއްޖެކަމާއި އެކަމަށް ސަމާލުކަންދިނުމަށް ނަޞީޙަތްތެރިވުމުގެ ގޮތުން ބުނެއުޅޭ ބަހެކެވެ. އެހެންކަމާއިއެކުވެސް ގިނަބއަކަށް އޮންނަނީ ސަމާލުކަން ނުދެވިފައެވެ. ވިސްނެނީ ބޮޑެތި ދެރަތައް ލިބޭފަހުންނެވެ. ދިރިއުޅުން ބަރުބާދުވެ ދިއުމުންނެވެ.  

ބައެއް މީހުން އެމީހުންގެ ބައިވެރިޔާގެ ކިބައިގައި ހުންނަ ސިއްރުކުރަންޖެހޭ ކަންކަމުގެ ވާހަކަ ގާތް އެކުވެރިންނަށް ކިޔައިދެނީ އެކަމުން ނުކުމެދާނެ މައްސލަތަކަށް ވިސްނައިފައެއް ނޫނެވެ. މަޖަލަކަށް ޝެއާކޮށްލަނީއެވެ. އެޝެއާކުރުން ޝެއާވަމުންގޮސް އެނގިގެން ނުވާނެ މީހުންނަށްވެސް އެނގެނީއެވެ. އެހިސާބުން އެކަމުގެ ތެރެއަށް ޝައިޠޯނާ ވަދެގަނެ ކަންކަން ނުބައިން ނުބައަށް ބަދަލުކޮށްލައެވެ.  

މިޘާލަކަށް ބުނާނަމަ ބައެއް ފިރިން އެމީހުންގެ އަނބިންގެ ބަލިކަށިކަމުގެ ވާހަކަތައް ފަދަ ވާހަކަތައް ދައްކައި އުޅެއެވެ. އަދި ބައެއް އަނބިންވެސް މިފަދަ ވާހަކަތައް ދައްކައެވެ. ގިނަ ފަހަރަށް އެފަދަ ވާހަކަތައް ދައްކަނީ އެހެން މީހުންގެ ސަމާލުކަން ހޯދާށެވެ! އެހެން ބައިވެރިއަކު ހޯދަންޖެހިގެން އުޅޭ ސަބަބު ބަޔާންކުރުމަށެވެ. އަދި ބައެއް ފަހަރު ތިމާގެ މޮޅުކަން ބަޔާންކުރަންވެސް ދައްކައެވެ.  

އެހެންކަމުން މިކަން ދީނުގައި އޮތް އޮޅުންފިލުވަން ގިނަ ބައަކު ސުވާލުކުރާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުން ވިދާޅުވާށެވެ! އެއީ ކިހައި ވަރެއްގެ ނުބައިކަންބޮޑު ކަމެއްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ    

ދެމަފިރިންނަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ހެޔޮކޮށް ހިތަންޖެހޭ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ތަކުންނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު ތަކުން މިކަމަށް ނުހަނު ބާރު އަޅުއްވާފައިވެއެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُنَّ مِثْلُ الَّذِيْ عَلَيْهِنَّ بِالمَعْرُوْفِ) (سورة البقرة 228) މާނައަކީ "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ."  

މިގޮތުން ޢާއިލީ ސިއްރުތަކާއި އަދި ދެމަފިރިންގެ ދެމެދުގައިވާ ޚާއްޞަ ކަންތައްތަކަށް ރައްކާތެރި ވުމަކީވެސް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި މިކަމުގައި ފަރުވާ ކުޑަކުރުމަކީ ނުރައްކާތެރި އަދި ހުތުރުކަން ބޮޑުވެގެންވާ ކަމެކެވެ.

عَنْ أَسْمَاءَ بِنْتِ يَزِيدَ أَنَّهَا كَانَتْ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالرِّجَالُ وَالنِّسَاءُ قُعُودٌ عِنْدَهُ، فَقَالَ: (لَعَلَّ رَجُلًا يَقُولُ مَا يَفْعَلُ بِأَهْلِهِ وَلَعَلَّ امْرَأَةً تُخْبِرُ بِمَا فَعَلَتْ مَعَ زَوْجِهَا). فَأَرَمَّ الْقَوْمُ، فَقُلْتُ: إِي وَاللَّهِ يَا رَسُولَ اللَّهِ، إِنَّهُنَّ لَيَقُلْنَ وَإِنَّهُمْ لَيَفْعَلُونَ. قَالَ: (فَلَا تَفْعَلُوا فَإِنَّمَا ذَلِكَ مِثْلُ الشَّيْطَانِ لَقِيَ شَيْطَانَةً فِي طَرِيقٍ فَغَشِيَهَا وَالنَّاسُ يَنْظُرُونَ).[1] 

މާނަ: "އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިންނެވިއެވެ. އަދި ފިރިހެންބޭކަލުންނާއި އަންހެން ބޭކަނބަލުންވެސް އެތާގައި އިށީނދެވަޑައިންތިއްބެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. 

(ފަހަރުގައި ފިރިހެނަކު އޭނާގެ އަނބިމީހާއާއި އެކު ކުރާކަންކަމުގެ ވާހަކަ ދައްކަފާނެއެވެ. އަދި އަންހެނަކުވެސް އޭނާގެ ފިރިމީހާއާއި އެކު ކުރި ކަމެއްގެ ވާހަކަ ޚަބަރުކޮށްފާނެއެވެ). ފަހެ އެތާގައި ތިއްބެވި އެއްވެސް ބޭކަލަކު މިކަމާއި މެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ ތިމަން ބުނީމެވެ. (އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެކަނބަލުން ތިފަދައިން ބުނެ އުޅެއެވެ. އަދި އެބޭކަލުންވެސް ތިފަދައިން ކަންތައް ކުރެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.

(ފަހެ ތިޔަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ އެކަމުގެ މިޘާލަކީ ފިރިހެން ޝައިތާނަކު އަންހެން ޝައިތާނަކާއި ބައްދަލުވެ މީސްތަކުން ބަލަންތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ)." 

އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ޒަމާނުއްސުރެއްވެސް ރީތި އަޚްލާޤީ ސިފަތަކެއް ހުރި މުޖުތަމަޢުއެކެވެ. ނަމަވެސް ފަހަކަށްއައިސް މުޖުތަމަޢުގައި ބައެއް ނޭދެވޭ އާދަތައް ފެތުރެން ފަށާފައިވާއިރު މިފަދަ ކަންކަންވެސް  ފެންނަކަމީ ހިތާމަކުރަން ޖެހޭކަމެކެވެ. ޚާއްޞަކޮށް އަންހެން ބޭކަނބަލުންގެ ފުށުން މިކަން ފެނުން އިތުރުވެފައިވެއެވެ. 

ފަހެ އަންނަނިވި ނަސޭހަތްކޮޅު ކަނުލާ އަޑުއަހާ ޢިބުރަތް ޙާޞިލު ކުރަމާ ހިނގާށެވެ. 

“ކައިވެނި ބައްލަވައިގެން ތިއްބެވު ލޮބުވެތި އުޚްތުންނޭވެ. އެ ޚަބަރެއް އިވުމުން އެމީހަކަށް ފައިދާއެއް ނުކުރާ ނުވަތަ އެމީހެއްގެ ފުށުން ތިބާއަށް ފައިދާ އެއް ނުކުރާ މީހެއްގެ ގާތުގައި ތިބާގެ ސިއްރުތައް ނުވަތަ ތިބާގެ ފިރިމީހާގެ ސިއްރުތައް ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި ތިބާ އާއި މެދު އަދި ތިބާގެ ކައިވެންޏާމެދު ހަސަދަވެރިކަން އުފެދިދާނެއެވެ. އަދި އެމީހުންގެ އެސްފީނާ ތިބާއަށް އަމާޒުވެދާނެއެވެ. ތިބާ ހާޒިރުނުވާ އެތައް މަޖްލީހެއްގެ މައިގަނޑު މައުލޫއަކަށް ތިބާ ވާނެއެވެ. އޭގެ ސަބަބުން ތިބާ ވާނީ އެބައިމީހުން މުނިފޫހިފިލުވުމަށް ދައްކާ ވާހަކަ ތަކުގައި މަލާމާތް ރައްދުވާ ފަރާތަށެވެ. ތިބާ އާއި ތިބާގެ ފިރިމީހާ އާއި ދެމެދު ހިނގާދިޔަ ކަންތައްތައް ތުންތުން މަތިން ދެކެވޭ ވާހަކަތަކަކަށް ވެގެން ހިނގައިދާނެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މުސްލިމު އަންހެނަކަށް އޭނާ އާއި އެކަށީގެންވާ ފިރިއަކު ދެއްވުމުން އެކަމަށް ޝުކުރުވެރިވާނީ މިފަދަ އަކުން ނޫނެވެ. 

އެހެންކަމުން ތިބާގެ ކައިވެނީގެ ފުރަތަމަ ރޭ، ހަފްތާ، މަސް ނުވަތަ އަހަރު ހިނގާދިޔަ ކަމެއް ހާމަ ކުރުމުން އެ ޚަބަރު އެތައް އެތައް އަންހެނުންނާއި ފިރިހެނުންގެ ކަންފަތްތަކާ ހަމައަށް ވާޞިލުވާނެއެވެ. އެއީ ތިބާ އެދޭ ގޮތް ހެއްޔެވެ. ހަމަ ޔަގީނުންވެސް އެފަދައިން ކަންތައްވުމަށް ތިބާ ނޭދޭނެއެވެ. އެހެން ކަމުން ތިބާގެ މޫނަށް އަމާޒުވެފައިވާ ޓީވީ ކެމެރާތަކަށް ސަމާލުވާށެވެ. އެއީ ތިބާގެ އާއިލާ މީހުން، ރަހުމަތްތެރިން ނުވަތަ އުޚްތުން ގާތު ވާހަކަ ދައްކާއިރު ބުނެވޭ އެއްޗަކީ އެތައް ގެއަކާ ހަމައަށް ވާސިލްވާ ޑްރާމާ ސީރިޒް އަކަށް ވެދާނެތީއެވެ. ތިބާގެ ދޫ ރައްކާތެރިކުރާށެވެ!”[2]

_________________________________________________________

[1]آداب الزفاف للشيخ ناصر الدين الألباني / ص 143-144/ طبعة: المكتبة الإسلامية

[2]ދާރުއްސަލާމް އިން ޗާޕްކޮށްފައިވާ (ހިންޑްރަންސަސް އޮން ދަ ޕާތު) އެފޮތުން ނަގާފައި

 

- އުންމި ޢަބްދިﷲ

 

މިއަދު އޮންލައިން