ހުޅުވިފައިވާ ޚަޒާނާގެ ދޮރުތައް ބަންދުވާން ގާތްވަނީ! އެންމެ ދުވަހެއްވެސް ނަގާލައިގެން ދެކޮޅެއް ނުޖެއްސޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހުޅުވިފައިވާ ޚަޒާނާގެ ދޮރުތައް ބަންދުވާން ގާތްވަނީ! އެންމެ ދުވަހެއްވެސް ނަގާލައިގެން ދެކޮޅެއް ނުޖެއްސޭނެ!

ރަޖާ އަގުބޮޑު ޖަވާހިރުތަކުން ފުރިފައި ހުރި ޚަޒާނާގެ ދޮރުތައް މިވަނީ ހުޅުވިފައެވެ. ބޭނުންވަރަކަށް ނަގައިގެން ގެންދާނެ ފުރުޞަތު މަސްދުވަހަށް އެބައޮތެވެ. ކިތަންމެ ގިނައިން ނަގައި މިލްކުކުރިޔަސް މަދުވާކަށް އަދި ހުސްވާކަށްވެސް ނެތެވެ. މިދެއްކީ ރަމަޟާން މަހުގެ ދުވަސްތަކުގެ ވާހަކައެވެ.

މީސްތަކުންނޭވެ! ރަނގަޅު ދުވަހާއި ނުބައިދުވަސް ފާހަގަކޮށް ހެޔޮ އަމަލުކުރަން ފަށަން މަޑުނުކުރާށެވެ! ތިބާއަށް ޤަބޫލުކުރެވޭ ރަނގަޅު ދުވަސް އައިސް ތިބާ އާއި ބައްދަލުކުރުމުގެ ކުރިން ތިބާއަށް މިދުނިޔެ ދޫކުރަން ޖެހދާނެ ކަމަށް ބިރުވެތިވާށެވެ!  

ކުރިއަށް މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ފާއިތުވަމުން މިދަނީ ރަޙްމަތުން ފުރިގެންވާ ރޭތަކެވެ. ތައުބާވުމަށްވެސް އަދި ހެޔޮ ޢަމަލުކުރުން ގިނަކުރަންވެސް މިއަށްވުރެ ވަކިން ރަނގަޅު ދުވަސްތަކެއް ނުއަންނާނެއެވެ! ވީމާ ރަނގަޅު ދުވަހެއް ހޯދަން ނުވަތަ އަންނަންދެން މަޑުކޮށްގެން ތިބި މީހުންނަށް މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުޞަތެވެ!  

ތައުބާވުމާއި ހެޔޮ ޢަމަލުތައް ނުކުރެވުނު ކަމުގެ ހިތާމަ އެންމެ ބޮޑަށް ކުރަންޖެހޭ ބައަކީ ރަނގަޅު ދުވަހަކު ރަނގަޅު ވަގުތަކު ކަންކަންކުރަން ފަސްކުރާ މީހުންނެވެ. ހަފްތާއެއްގައި އޮންނަނީ 7 ދުވަހެވެ. މަހެއްގައި މިއޮންނަނީ 29، 30، 31 ދުވަހެވެ. އަހަރެއްގައި މިއޮންނަނީ 365 ދުވަހެވެ. މިއިން އެއްވެސް ދުވަހަކަށް ރަނގަޅު ދުވަހުގެ ނަމުން ނަންދެވިފައެއް ނުވެއެވެ. އަދި ނުބައި ދުވަހުގެ ނަމުންވެސް ނަން ދެވިފައެއް ނުވެއެވެ.  

ހުކުރު ދުވަސް މާތްކުރައްވަވާފައިވަނީ ވީހައި ގިނަ އަޅުކަންކުރުމަށެވެ. ތައުބާވުމަކަށްނޫނެވެ. އަދި ހެޔޮ އަމަލުތައް ކުރަން ފެށުމަކަށްވެސް ނޫނެވެ. ތައުބާވުމަށްވެސް އަދި ހެޔޮ އަމަލުތައް ކުރުން ގިނަކުރަން ފަށަންވެސް އޮތީ ވީހައި އަވަހަކަށެވެ. އެކަމަށް ވަކިދުވަހެއް އަދި ވަގުތެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެ ވަގުތަކުވެސް އޮތީ އެކަމަށް އަވަސްވެގަތުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން