ބަރަކާތްތެރި ރަމަޟާން މަސް އައުމުން އަހުރެމެންގެ ދިރިއުޅުމަށް ގެނެވުނީ ކޮން ބަދަލެއް ހެއްޔެވެ؟ ރޯދައަށް ތިބެ ކުރާ އަޅުކަން އިތުރުކުރެވުނުހެއްޔެވެ؟ ރޭއަޅުކަން އެބަ ކުރެވޭ ހެއްޔެވެ؟ މަހުގެ މިހައި ހިސާބަށް ދިއައިރު އެންމެ ދުވަހަކުވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ރޯދައެއް ހިފިއްޖެ ހެއްޔެވެ؟
އަހުރެންނަށް މިފެންނަނީ އެކަމަކުން ރޯދައަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައި ގިނަ ބައަކު އުޅެމުންދާތަނެވެ. ބާޒާރުގެ ފިހާރަތައް ފުރާލައި މީހުން އުޅޭތަނެވެ. ރައްޓެހިންނާއިއެކު ވަޤުތުތައް ހޭދަކުރާތަނެވެ. ކުޅިވަރާއި މަޖާކުރުމުގައި ގިނަ ބައަކު އުޅޭތަނެވެ. ރޭގަނޑުވުމުން މިބުނި ކަންކަމުގައި އުޅެފައި ދުވާލުގެ ގިނަ ވަޤުތުތަކުގައި ނިދަންތިބޭތަނެވެ.
މީސްތަކުންނޭވެ! ރަމަޟާން މަހަކީ އަހަރުގެ 12 ތެރެއިން އަންނަ އެންމެ މައްސަރެކެވެ. ރަމަޟާން މަހަކީ އެމަހެއްގައި ޚާއްޞަ ކަންތައްތަކެއް ކުރަން އޮތް މައްސަރެކެވެ. އެއީ ވީހާގިނައިން އަޅުކަންކުރުމެވެ. ޤުރްއާން ކިޔެވުމެވެ. ރޭއަޅުކަން ކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ.
ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވާފައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވަނީ ކަމަކުއެވެ. ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވަނީވެސް ކަމަކުއެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ޢަމަލުކޮށް ސުވަރުގެ ވަނުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އެހެން މައްސަރުތަކާއި ރަމަމާން މަސް ތަފާތުކުރައްވަވަނީވެސް ހަމަ އެ މަޤްޞަދަށްޓަކައެވެ.
ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަންނަން މަސައްކަތްކުރަން ﷲ ތަޢާލާ ދެއްވަވާ މިމަތިވެރި ފުރުޞަތުގެ ބޭނުން ގިނަބައަކަށް ނުހިފެނީ ޝައިޠޯނާގެ މަޅީގައި ޖެހޭތީއެވެ. ދަޢުވަތުތައްވެސް ލިބޭނެއެވެ. ދިމާއަށް ބުނާށެވެ! މިމަހު ތިއަ ދަޢުވަތުގެ ބޭނުމެއް ނެތެވެ. އަހުރެން ބޭނުންވަނީ ވީހައި ގިނަވަޤުތު އަޅުކަމުގައި ހޭދަކުރާށެވެ! މިމަހު އަހުރެން ދޫކޮށްލާށެވެ!
ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ އަޅުކަމުގައި ވީހައި ގިނަ ވަޤުތު ހޭދަކޮށްގެންނެވެ. ބާޒާރަށްދާ ވަޤުތުތަކާއި ދަޢުވަތުތަކަށްދާ ވަޤުތުތައް މަދުކޮށްގެންނެވެ. އެކަންކަން ނުކުރަން ބުނަނީއެއް ނޫނެވެ! މަޖުބޫރުން ކުރަންޖެހޭ މިންވަރަށް ކުރާށެވެ! އެގޮތަށް ކުރާއިރުވެސް ފަރުޟު ނަމާދުތަކާއި ރޭއަޅުކަމަށް ހުރަސްއެޅޭގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ! ރަމަޟާން މަސް ނިމުމުން ދެން އަންނަ 11 މަސް ދުވަހު އެކަންކަން ކުރަން ފުރުޞަތު ލިބޭނެއެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން