"އަޅުގަނޑުގެ އެންމެގާތް އެކުވެރިއަކަށް ވަރަށް ބޮޑަށް މަގުއޮޅިއްޖެއެވެ. އޭނާއަކީ 2 ދަރިން ގޮވައިގެން ދިރިއުޅޭ އެކަނިވެރިމައެކެވެ. ދޮށީދަރފުޅަށް 7 އަހަރެވެ. ހަގުދަރިފުޅަށް 5 އަހަރެއެވެ. ދަތިޙާލުގައިވެސް ފާއިތުވި 3 އަހަރު އޭނާ ދިރިއުޅުނީ ވަރަށް ޙަލާލް ދިރިއުޅުމެކެވެ. ނަމަވެސް އޭނާގެ އެކުވެރިއަކު މިހާރު އޭނާއަށް ވަނީ މަގު އޮޅުވާލައިފައެވެ. މިޒަމާނުގެ ބަހުރުވައިން ބުނާނަމަ ފަސޭހައިން ފައިސާލިބޭނެ މަގު ދައްކައިދީފައެވެ.
އަޅުގަނޑު ބޭނުންވަނީ އޭނާއަށް ހެޔޮމަގު ވިސްނޭނެ ރަނގަޅު ނަޞޭޙަތެކެވެ."
މިމޭރުމުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. އަހުލުވެރިންގެ އިތުރުން އެކުވެރިއަކު ނަމަވެސް ނަރަކައިން ސަލާމަތްކުރެވޭތޯ ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ. އެއީވެސް ތިމާއަށް ގިނަގުނަ ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދި އެއީ ތިމާއަށް ސަލާމަތްވެވޭ ޢަމަލުކަމުގައިވުމަކީވެސް ވަރަށް ކައިރި ކަމެކެވެ. ވީމާ މަގުއޮޅިގެންދާ މީހުންނަށް މަގުދައްކައިދޭން އަޚުންނާއި އުޚުތުން ކުރާ މަސައްކަތަށް ހިތްވަރުދެމެވެ.
ކިޔުންތެރިން ބޭނުންވާ މަޤްޞަދު ތިރީގައިވާ ލިޔުމުން ޙާޞިލްކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ބަލާށެވެ. ދުވާލަކު އެއް އިރު ކައިގެން ދިރއުޅޭ އެތައް މިލިއަން ބައެކެވެ. އެއްގޮތަކަށްވެސް ބަނޑުފުރާ ކާން ނުލިބޭ އެތައް މިލިއަން ބައެކެވެ. އެމީހުން ކެތްތެރިވަނީ ހަމަ އެންމެ މަޤްޞަދެއް އޮވެގެންނެވެ. އެއީ ސުވަރުގެ ވަނުމެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިގެން ނުވަތަ ޙަރާމް ތަކެތި ކައިގެން ޖަހާ މަސް ވަނުން ގާތީ ނަރަކައަށް ކަމަށް އޮތުމުންނެވެ.
މުހިންމީ މިދުނިޔެއެއް ނޫނެވެ. މަރުވުމަށްފަހު އޮތް ޙަޔާތެވެ. ދުނިޔޭގައި އުފުލަންޖެހޭ ތަކްލީފަކީ އެއްވެސް އެއްޗެއް ނޫނެވެ. ކަމަކަށްވާނީ މަރުވުމުން ދެން އުޅެންޖެހޭނެ ގޮތެވެ. ކުރިމަތިވާނެ ކަންކަމެވެ.
ދަތިޙާލަށް ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ސާބިތުވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. އެކަން އެތައް މިލިއަން މީހުން ވަނީ ތަޖުރިބާކޮށްފައެވެ.
ޙަރާމް ގޮޔުގައި ހޯދާ ތަކެތި ކާންދީގެން ދަރިން ބޮޑުކުރުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެވެ. އެއިރުން އެ މަސައްކަތްކުރެވެނީ ތިމާއާއިއެކު ދަރިންވެސް ނަރަކައަށް ވެއްދުމަށެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ ނުބައި އަމަލެވެ.
ދަތިޙާލަށް ކެތްނުކުރެވިގެން ވައްކަންކުރުން ފަދަކަންކަމުން ފައިސާ ހޯދުމާއި އަދި ހަށިވިއްކުން ފަދަ ކަންކަމުން ފައިސާ ހޯދައިގެން ދުނިޔޭގައި އުފަލުގައި އުޅެވިދާނެއެވެ. ނަމަވެސް އެފަދަ ކަންކަންކުރާ ގިނަ މީހުންނަށް ދުނިޔޭގައިވެސް އެކަމުގެ ޢުޤޫބާތާއި ކުރިމަތިލާންޖެހެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން