ބުރައަކަށްނުވެ ސުންނަތް އަޅުކަންކުރުމުގަ ދެމިހުރެވޭނެ ގޮތް- އިތުރުވެސް ކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބުރައަކަށްނުވެ ސުންނަތް އަޅުކަންކުރުމުގަ ދެމިހުރެވޭނެ ގޮތް- އިތުރުވެސް ކުރެވޭނެ! އިން ޝާ ﷲ

ބައެއް މީހުން ސުންނަތަށް ޢަމަލުނުކޮށް ތިބެފައި ކުއްލިއަކަށް ހުރިހާ ސުންނަތެއް ކުރަން އެބަ ބޭނުންވެއެވެ. އަދި ސުންނަތް ނަމާދުތައްވެސް އެންމެ ދިގުކޮށް ކުރަން އެބަ ބޭނުންވެއެވެ. ހުރިހާ ސުންނަތް ރޯދަތައް ހިފަން ފަށަންވެސް އެބަ ބޭނުނެވެއެވެ.  

އެއީ އެންމެ ރަނގަޅު ގޮތް ނަމަވެސް ހަމަހުރެފައި އެއްފަހަރާ ހުރިހާ ކަމެއް ކުރަން ފަށައިފިނަމަ ގިނަ ބައަކު ފޭލްވެ ޢަމަލުކުރަން ފޫހިވެ ކަންނެތްވެ ހުއްޓައިވެސްލައެވެ. އެއީ މާދެރަ ގޮތެކެވެ. އިސްލާމް ދީނުގައި ބުރަ އެއްވެސް ކަމެއް ނެތެވެ. ލުއިފަސޭހަ ގޮތްތައްވެސް އެބަހުއްޓެވެ. ކޮންމެ ކަމެއްވެސް ލުއިފަސޭހަކޮށް ކުރެވޭނެ މަގުވެސް އެބައޮތެވެ.  

މިޘާލަކަށް ރޭ އަޅުކަން ނުވަތަ ތަހައްޖުދުނަމާދުވެސް އެންމެ 2 ރަކްއަތުންވެސް ކުރެވެން އެބައޮތެވެ. ޟުޙާ ނަމާދުވެސް 2 ރަކްޢަތުން ކުރެވެން އެބައޮތެވެ. އަދި ވިތުރިވެސް 3 ރަކްއަތުން އަދި އެންމެ ރަކްޢަތަކުންވެސް ކުރެވެން އެބަ އޮތެވެ.  

ވީމާ އެމީހަކަށް ކެރިކުޅަދާނަވާ ވަރަކުން ކުރަން ފަށާށެވެ. އެވަރަކަށް ކުރަން ފަރިތަވެ ހޭނުމުން ނުވަތަ އާދަވުމުން ރަކްޢަތް އިތުރުކުރާށެވެ! އެއިރުން ބުރައަކަސް ނުވާނެއެވެ.  

ސުންނަތް ރޯދަ ހިފުމަށްބަލާއިރު މަހުގެ 13،14، 15 މި 3 ދުވަހު ރޯދަހިފުންވެސް އެބައޮތެވެ. އަދި ކޮންމެ ހޯމަދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފުންވެސް އެބައޮތެވެ. އެމީހަކަށް ކެރިކުޅަދާނަވާވަރަކުން ހިފަން ފަށައި އިތުރުކުރާށެވެ. އަބަދުވެސް އިތުރުކުރުމުގެ ނިޔަތުގައި މަސައްކަތްކުރަމުން ގެންދާށެވެ!  

ހަމައެއާއިއެކުގައި ﷲ ތަޢާލާގެ ޙަމްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ސުންނަތް އަޅުކަމުގެ ތެރެއިން މަދުން ނަމަވެސް ޤަވާއިދުން ކުރެވޭ އަޅުކަމުގައިކަން ހަނދާނުގައި ބަހައްޓާށެވެ!  

ދިމާވާ މައްސަލައަކީ ކޮންމެވެސް އެކުވެރިއަކު ކުރާކަންކަން އޭނާކުރާގޮތަށް ކުރަން ބޭނުންވުމެވެ. އެއްވެސް ދެމީހަކީ އެއްވެސް ކަމެއްގައި އެއްގޮތްވާނެ ދެމީހެއް ނޫނެވެ. ހިތްވަރުވެސް ހުންނާނީ އެކިވަރަށެވެ. ވީމާ މުހިންމީ އަނެކާކުރާވަރަށް ކުރަން މަސައްކަތްކުރުމެއް ނޫނެވެ. އެމީހަކަށް ކުރެވޭނެ ވަރަކަށް ކުރަން މަސައްކަތްކުރުމެވެ. އެއރުން ކާމިޔާބުކުރެވޭނެއެވެ. ދާނީވެސް ކުރިއަރަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން