ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ރޭގަނޑު އަޅުކަން ކުރުމުގެ (ޤިޔާމުއްލައިލް ނުވަތަ ތަހައްޖުދު ނަމާދު ކުރުމުގެ) ނިޔަތުގައި ނިދަން އޮށޯންނަ މީހާ، އެ ނަމާދަށް ހޭލަން ގަޑި ސެޓްކޮށް، ނުވަތަ އަނބިމީހާ ނުވަތަ ދަރިފުޅު ގާތު ހޭލައްވަން ބުނެފައި އޮއްވާ، ނިދި ގަދަވެގެން ނުހޭލެވިއްޖެނަމަ، އޭނާއަށް އެ ނަމާދު ކުރިކަމުގެ ސަވާބު ލިޔުއްވޭނެއެވެ. އަދި އޭނާ ނިދި ނިދުމަކީ އޭނާއަށް ދެއްވި ޞަދަޤާތެއްގެ ގޮތުގައި ލިޔުއްވޭނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުން ސޫރަތުއްސަޖިދާގައި ވަޙީކުރައްވާފައިވެއެވެ تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ މާނައީ: އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. (16)"
މި އާޔަތުން އެނގެނީ އެބައިމީހުން އެންމެ އަރާމުކޮށް ނިދާލަންވީ ވަގުތު، ﷲ އާއެކު އެކަނިވެލުމަށްޓަކައި ނިދި ގުރުބާންކުރާ ކަމެވެ. ހަމައެހެންމެ، ސޫރަތުއްޛާރިޔާތުގައި މުއްތަޤީންގެ ސިފަ ބަޔާންކުރައްވަމުން، އެބައިމީހުން ރޭގަނޑު ނިދަނީ ވަރަށް މަދު ވަގުތުކޮޅަކު ކަމަށާއި، ހާރުދަމުގެ ވަގުތުގައި (ރޭގަނޑުގެ ފަހުބައިގައި) އެބައިމީހުން ފާފަ ފުއްސެވުމަށް އެދި ދުޢާކުރާ ކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
ފިނި މޫސުމަކީ މުއުމިނުންގެ ރަބީޢު (Spring) ކަމުގައި ކުރީގެ ޞާލިޙު ބޭކަލުން ވިދާޅުވެއެވެ. ސަބަބަކީ އެ މޫސުމުގައި ދުވާލު ކުރުވުމުން ރޯދަ ހިފަން ފަސޭހަވެފައި، ރޭގަނޑު ދިގުވުމުން ރޭއަޅުކަން ކުރަން ފަސޭހަވާތީއެވެ.
ރޭއަޅުކަމުގެ މާތްކަމާއި ގުޅޭގޮތުން ރަސޫލުﷲ ﷺ ގެ އިރުޝާދުތަކުގެ ތެރޭގައި:
ފަރުޟު ފަސް ނަމާދަށްފަހު އެންމެ މާތް ނަމާދަކީ ރޭއަޅުކަމެވެ. ރޭއަޅުކަމަކީ ޞާލިޙު އަޅުންގެ އާދައެކެވެ. އެއީ ﷲ އާ ކުށްތަންކޮށްދޭ، ފާފަތަކުން ދުރުހެލިކޮށްދޭ، އަދި ކުރެވިފައިވާ ކުދި ފާފަތައް ފުހެލައިދޭ ކަމެކެވެ. މީގެ އިތުރުން އެއީ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭ އައްޑަނައެއްވެސް މެއެވެ.
ރޭގަނޑުގެ ވަގުތެއްގައި މުސްލިމް އަޅަކު ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަކަށް އެދި ދުޢާކޮށްފިނަމަ، އެކަމެއް ﷲ އިޖާބަ ނުކުރައްވާ ދޫނުކުރައްވާނެ ވަގުތުކޮޅެއްވެއެވެ. އެއީ ރޭގަނޑުގެ ފަހުބައެވެ.
ރަސޫލުﷲ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެންމެ ފުރަތަމަ ދެއްވި އިރުޝާދުތަކުގެ ތެރޭގައިވެސް، މީސްތަކުން ނިދާފައި ތިބޭ ވަގުތު ރޭނަމާދު ކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އެއީ ސަލާމަތްކަމާއެކު ސުވަރުގެ ވަނުމަށް އޮތް މަގެކެވެ.
ހަމައެހެންމެ، ރޭގަނޑު ހޭލައި، އަނބިމީހާ ނުވަތަ ފިރިމީހާ ރޭގަނޑުގެ ނަމާދަށް ހޭލައްވާ މީހާއަށް ﷲ ރަޙުމަތްލައްވާނެއެވެ. އަދި އެ ގެއަކަށް ﷲގެ ރަޙުމަތް އޮހޭނެއެވެ.
އެހެންކަމުން، މިރެއަކީ ތިޔަބޭފުޅުންގެ ދިރިއުޅުން ބަދަލުކޮށްލާ ރެއަކަށް ހަދާށެވެ. ރޭނަމާދު ކުރުމުގެ އަޒުމް ކަނޑައަޅައި، އެންމެ ދެ ރަކުޢަތުން ނަމަވެސް މި މާތް އަޅުކަން ފަށަމާ ހިނގާށެވެ. ﷲ އަޅަމެން އެންމެންނަކީ ރޭއަޅުކަންކުރާ، އެކަލާނގެއަށް ކިޔަމަންތެރި އަޅުންގެ ތެރޭގައި ލައްވާށިއެވެ. އާމީން.