ސުވަރުގެ ވައްދަވާނެކަން ޔަޤީންކުރަން އެދޭމީހާ ޢަމަލުތަކުގެ ޙިސާބު ބަލަން އެންމެ ފައިދާހުރި މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ސުވަރުގެ ވައްދަވާނެކަން ޔަޤީންކުރަން އެދޭމީހާ ޢަމަލުތަކުގެ ޙިސާބު ބަލަން އެންމެ ފައިދާހުރި މަގު-

އަހުރެންގެ މިވާހަކަކޮޅު ޚާއްޞަ މިކޮށްލަނީ ތިމާއަށް ސުވަރުގެ ދެއްވަވާނެކަން ނުވަތަ ސުވަރުގެ ވައްދަވާނެކަން ޔަޤީންކުރަން ބޭނުންވާ މީހުންނަށެވެ. އެކަމާއިމެދު ކަންބޮޑުވާ މީހުންނަށެވެ.  

ކޮންމެ މުސްލިމަކުވެސް އެނގެން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމެވެ. އެހެންވެ އެކަމަށް ހިތްޕުޅުގައި އޮންނަ ދަހިވެތިކަން ބޮޑުކަމުން ބައެއް ޞަޙާބީން ވަނީ އެކަމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލުރައްވަވައިފައެވެ. ސުވާލުކުރެއްވެވި ބައެއް ޞަހާބީންނަށް ވަނީ އެކަމުގެ އުފާވެރި ޚަބަރުވެސް ދެއްވަވައިފައެވެ. 

ނަމަވެސް މިއަދު އެސުވާލުކުރާނެ ފަރާތެއް ނެތެވެ. އޮތީ ސުވަރުގެ އެދިގެން މަސައްކަތްކުރުމެވެ. ހަމަ ކޮންމެ މީހަކުވެސް ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމާއި އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތައްކުރުން ގިނަކުރުމެވެ.   

އަހަރެންނަށް ސުވަރުގެ ލިބޭނެތަ؟ މިފަދައިން ސުވާލު ހިތުގައި އުފެދޭމީހާ ކުރަން އޮތް އެންމެ ފައިދާހުރި ކަންތަކުގައި އެންމެ މަތިވެރި ޞަހާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބަދުﷲ ބްން މަސްޢޫދު ވަނީ ނަމޫނާ ދައްކަވައިފައެވެ. އެއީ ކޮންކަމެއްކަންވަނީ ބަޔާންކޮށްދެއްވައިއެވެ.  

ޢަބަދުﷲ ބްން މަސްޢޫދު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވަނީ ކުރީ ދުވަހަށްވުރެ އެދުވަހު ކުރެއްވެވުނު ހެޔޮ ޢަމަލުތައް މަދުވެދާނެ ކަމަށްޓަކައެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ހިތާމަފުޅު ކުރައްވަވާ ދުވަހަކީ ކުރީ ދުވަހަށްވުރެ މަދުން އަޅުކަން ކުރެއްވޭ ދުވަހެވެ. 

ޞަހާބީންގެ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކޮށް އެފަދަ އިރުޝާދުތަކަށް އަމަލުކުރާ ބައަކަށް މެނުވީ ސަލާމަތްކްމެއް ނެތެވެ.  ކޮންމެ ދުވަހަކުވެސް ހިސާބު ބަލަންވީ ސޯޝލް މީޑިއާގަ އެދުވަހު ކުރެވުނު ޕޯސްޓްތަކުގެ އަދަދެއް ނޫންނެވެ. ސޯޝަލް މީޑިއާގައި ލިބުނު ލައިކާ އިތުރުވި "ފްރެންޑުން"ގެ އަދަދެއްވެސް ނުމެނޫންމެއެވެ. 

ކޮންމެ ދުވަހަކުވެސް ހިސާބުބަލަންވީ އެދުވަހު ކުރެވުނު ހެޔޮ އަމަލުތަކުގެއެވެ. މަސައްކަތް ކުރަންވީ ކުރާ ޕޯސްޓްގެ އަދަދު އިތުރުކުރާކަށްވެސް ނޫނެވެ. އަދި ފްރެންޑުން އިތުރުކުރާކަށް ވެސް ނޫނެވެ. މަސައްކަތްކުރަންވީ ކުރާ ހެޔޮ އަމަލަތުގެ ޢަދަދު އިތުރުކުރުމަށެވެ.  

ތިމާގެ ވަގުތުތައް ހޭދަކުރި ގޮތާމެދު ޖަވާބު ނުދީ ޤިޔާމަތް ދުވަހު ގުޑައިވެސް ނުލެވޭނެއެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކު ހުރި ފިޔަވަޅުމަތިން ގުޑައިލެވޭނީވެސް 4 ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ "1 އެމީހާގެ ޢުމުރު ހޭދަކުރީ ކޮން ކަމެއްތޯ؟ 2 އެމީހަކު އުނގެނިފައިވާ ޢިލްމުން އޭނާ ކުރީ ކޮން ކަމެއްތޯ؟ 3 އެމީހެއްގެ މުދައު ހާދަކުރީ ކޮން ކަމެއްގައިތޯ؟އާއި އެތަކެތި ހޭދަކުރީ ކޮންކަމަށްތޯ؟ 4 އޭނާގެ ހަށިގަނޑު މުސްކުޅި ކުރުވީ ކޮން ކަމެއްގައިތޯ؟" އެވެ.  

އެހެންކަމުން އުމުރުގެ ދުވަސްތައް ފާއިތުވެގެންދާއިރު ވަގުތު ހޭދަކުރި ގޮތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

މިއީ އިސްލާމް ދީނުގައި ކަން އޮތް ގޮތް ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެއްދުވަހުން އަނެއް ދުވަހަށް ވަގުތު ހޭދަކުރުން އިތުރުކުރަމުން މިގެންދަނީ ސޯޝަލް މީޑިއާގައި އާއި ކޮފީ މޭޒުތަކުގައާއި ރެސްޓޯރަންޓްތަކުން ކެއުމުގައެވެ. ހެއަމަލުކުރަން ވަގުތު އިތުރު ކުރާމީހުންގެ ނިޞްބަތް ހަމަ ސަތޭކައަކުން އެންމެ އެކެއް ކަމުގައި ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެންކަމަށްވާނަމަ ﷲ ތަޢާލާ ކުރައްވަވާ 4 ސުވާލަށް ޖަވާބު ދެވޭނީ ކޮންގޮތަކަށް ހެއްޔެވެ؟  

 

- އިސްލާމީ ތިލަފަތގެ ދަރުސަކުން

މިއަދު އޮންލައިން