ކައިވެންޏަށްފަހު ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުވާއިރަށް އަނބިމީހާ ވަރިކުރުމުގެ ވިސްނުން ދޫކޮށްލަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކައިވެންޏަށްފަހު ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުވާއިރަށް އަނބިމީހާ ވަރިކުރުމުގެ ވިސްނުން ދޫކޮށްލަން އެބަޖެހޭ!

ގިނަ ބައެއްގެ މެދުގައި އޮތް އާދައަކީ ކައިވެނި ރޫޅިއްޖެނަމަ އަނބިމީހާ ކުށްވެރިކުރުމެވެ. ފިރިހެނަކަށްވެހުރެ ބުނަމެވެ. މިއީ އެހާފަސޭހައިން ގޮތްނިންމެން އޮތްކަމެއް ނޫނެވެ. ވަރަށް ބޮޑަށް ވިސްނާފައި ނޫނީ ގޮތް ނިންމައިގެން ނުވާނެއެވެ.  

ގިނަފިރިހެނުންނަށް މެދުވެރިވާ ގޮތަކީ ކައިވެންޏަށްފަހު ތިމާ ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުދާނަމަ އަވަހަށް ވަރިކޮށްލައި ދެވަނަ ކައިވެނި ކުރުމެވެ. ތިމާ ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުދިއަ ސަބަބާއިމެދު ވިސްނައެއް ނުލައެވެ. އެކަމުގައި ތިމާއަށް އިހްމާލުވެވުނު މިންވަރާއިމެދުވެސް ވިސްނައެއް ނުލައެވެ. 

އަހުރެންގެ އެކުވެރިންގެ ތެރެއިން ވަރަށް ހެޔޮލަފާ ގިނަބައެއްގެ ކައިވެނިތައްވެސް ވަނީ ރޫޅިފައެވެ. އެއިގެ ތެރޭގައި ގިނައީ ވަރަށް ހެޔޮލަފާ އަންހެނުންކަމަށްވުމުން އެކަނބަލުންގެ ކައިވެނި ރޫޅުނީ އެކަނބަލުންގެ ނުބައިކަމުން ކަމަށް ބުނެވޭކަށް ނެތެވެ.

ކައިވެނި ދެމެހެއްޓޭނީ ދެމީހުންވެސް އެކަމަށް މަސައްކަތްކުރުމުންނެވެ. ދެމީހުންވެސް ޤުރްބާނީތަކެއް ވެގެންނެވެ. އެއީ ހަމައެކަކުވެސް ދެކޮޅު ހެދެން އޮތްކަމެއް ނޫނެވެ. އިންޞާފަށް ލޯބިކުރާ އެކަކުވެސް އެކަމަށް ދެކޮޅެއް ނުހަދާނެއެވެ.  

ދިރިއުޅުމުގެ ކަންކަން ތިމާ ބޭނުންވާ ގޮތަށް ކުރިއަށްދާނީ އެކަމަށް ކުރަންޖެހޭ ކަންކަން ކުރުމުންނެވެ. އަނެކާގެ ޙައްޤުތަކަށްވެސް އިޙްތިރާމްކޮށްގެންނެވެ. އެއީ ހަދާ ޤަވާއިދުތަކަކުން ނުވަތަ ކުރާ އަމުރުތަކަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ދިރިއުޅުން ތިމާ ބޭނުންވާގޮތަށް ކާމިޔާބުކުރެވޭނީ ދިރިއުޅުމުގެ ހުރިހާ ޒިންމާތަކެއް ޒިންމާދާރުކަމާއެކު އަދާކުރުމުންނެވެ.  

އަހުރެންގެ މިވާހަކަކޮޅު އަމާޒުމިކުރަނީ އެންމެންނަށެވެ. ކައިވެނިކުރުމަށްފަހު ދިރިއުޅުމާއިމެދު ނުވިސްނާ މީހުންނަށެވެ. ރަނގަޅަށް އަޑުއަހާށެވެ. ކޮންމެ މީހަކަށްވެސް ކެތްތެރިވެވޭނީ ވަކިވަރަކަށެވެ. ދިރިއުޅުމުގެ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށްނުދާނަމަ، އެއްވެސް ކަމެއް އިޞްލާޙްނުވާނަމަ ދުޢާކުރަން މުޅި ޢުމުރުގައި އިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެގޮތަށް މުޅި ޢުމުރު ހޭދަކުރާކަށް ދީނަކުވެސް ނެތެވެ.  

ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ލިބޭނީވެސްއަދި ތިމާ ބޭނުްނވާ ގޮތަށް ކަންކަން ކުރިއަށްދާނީވެސް މިކަންކަމަށް ވިސްނައިގެން އުޅުނީމައެވެ. ތިމާ ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ނުދާނަމަ އެކަމަށް ދެމަފިރިން މަޝްވަރާކުރާށެވެ. ދެމީހުންގެވެސް ބޭނުންތަކެއް ހުންނާނެއެވެ. އެކަންކަން ކާމިޔާބުކުރެވޭނެ ގޮތަށް ކުރިއަށްދާން މަސައްކަތްކުރީމާ ޙާޞިލުނުކުރެވިގެން ތިއައުޅޭ ހުރިހާ އުފާތަކެއްވެސް ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން