މަލާއިކަތުން ދެއްވަވާ އުފާވެރިކަމުގެ ޚަބަރުން ހިތްހަމަޖެހިގެންހުރެ ދުނިޔެއާއި ވަކިވުމުގެ ފުރުޞަތު ލިބިގަނެވެން އޮތް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
މަލާއިކަތުން ދެއްވަވާ އުފާވެރިކަމުގެ ޚަބަރުން ހިތްހަމަޖެހިގެންހުރެ ދުނިޔެއާއި ވަކިވުމުގެ ފުރުޞަތު ލިބިގަނެވެން އޮތް މަގު!

ކޮންމެ މީހަކުވެސް އެދޭނީ ވީހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމަށެވެ. ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް އިތުރަށް ދުނިޔޭގައި ހުރުމަށެވެ. އެހެނަސް މައްސަލައަކީ ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި އެމީހަކަށް ހޭދަކުރެވޭނެ ވަޤުތު ކަނޑައަޅުއްވަވައިފައެވެ. ދުނިޔޭގައި ހުރެ ލެވޭނެ ނޭވާގެ ޢަދަދުވެސް ކަނޑައަޅުއްވަވައިފައެވެ. އެޢަދަދު ހަމަވުމުން އެމީހަކަށް ޖެހޭނީ މަރާއި ކުރިމަތިލާށެވެ.  

މަރުވާނެކަން ޤަބޫލުކޮށްގެން ހުރިނަމަވެސް މަރު އައިސް އެމީހަކާއި ބައްދަލުކުރާ ވަގުތަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނެ ވަގުތެވެ! އެހެނީ އެއްވެސް މީހަކީ މަރުވާން ބޭނުންވާނެ މީހެއް ނޫނެވެ. ޞާލިޙް އަޅުންވެސް މަރުވާކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ހިނދުކޮޅަކުވެސް ދުނިޔޭގައިހުރެ އެންމެ ހެޔޮޢަމަލެއް ނަމަވެސް އިތުރަށް ކުރުމަށެވެ.  

ކިތަންމެ ޞާލިޙްކޮށް ދުނިޔޭގައި އުޅުނު މީހަކު ނަމަވެސް މަރުވުމުގެ ވަގުތުގައި މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަތުމުން ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ތެޅިފޮޅިގަނެވޭނެއެވެ. އަދި ޢާއިލާގެ މީހުން އެތަނުގައި ތިބިތޯވެސް ބަލައިލެވޭނެއެވެ. އެހިނދު އޭނާ މިދުނިޔޭގައި ހުރިނަމަވެސް ޢޭނާއަށް ފެންނަމުން ދާނީ މިދުނިޔޭގެ ކަންކަމެއް ނޫނެވެ. މުޅިން ތަފާތު ކަންތައްތަކެކެވެ. ޢަޖައިބުވެ އަންތަރީސްވާވަރުގެ ކަންތައްތަކެކެވެ.  

ޞާލިޙް އަޅުންގެ ފުރާނަ ހިއްޕެވުމުގެ ވަޤުތުގައި މަލާއިކަތުން އޭނާއަށް ވިދާޅުވާނެތެވެ. "ބިރުނުގަންނާށެވެ. ކަނބޮޑުނުވާށެވެ. ދަރިންނާ ޢާއިލާ ދޫކޮށް އެކަނި ދާންޖެހޭތީ ކަންބޮޑުނުވާށެވެ. ތިމަން މަލާއިކަތުން މިތިއްބެވީ ތިބާގެ ރައްކައުތެރިކަމުގައެވެ. މިވަގުތުން ފެށިގެން ﷲ ތަޢާލާގެ މިންވަރުފުޅާއިއ ެއްގޮތަށް ތިބާގެ ކަންކަން ބަލަހައްޓަވާނީ ތިމަން މަލާއިކަތުންނީމުއެވެ." 

ކޮންފަދަ އުފާވެރި ޚަބަރެއްހެއްޔެވެ؟ މިއަށްވުރެ އުފާވެރި ޚަބަރެއް އެއްވެސް މީހަކަށް ލިބޭނެހެއްޔެވެ؟ ނުލިބޭނެކަން ކަށަވަރެވެ.  

ނަމަވެސް ވިސްނާށެވެ! މިފަދަ ދަރަޖަ ލިބިގެންދާނީ އެ ދަރަޖަ ހޯދުމަށްޓަކައި ގަދަ އަޅައި ރެއާއި ދުވާލު މަސައްކަތް ކުރި މީހާއަށެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލެނބި މީހާއަށެވެ. ކީރިތި ޤްރްއާނަށް އަމަލުކުރި މީހާއަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރި މީހާއަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހުރެވޭ މަދު ވަގުތުކޮޅުގައި ދިރިއުޅެން މަސައްކަތްވެސް ކުރަންޖެހޭނެއެވެ. އެއީވެސް އެކަން ކުރަންވީ ގޮތުގައި ކުރުމުން ޘަވާބު ލިބޭނެ އަޅުކަމެކެވެ. ނަމަވެސް ވިސްނަންވީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރުގެ ވަގުތުގައި އުފާވެރިކަމުގެ ޚަބަރު ލިބޭނެ ޞާލިޙް އަޅެއްގެ ގޮތުގައި ނޫނީ މަރުނުވުމަށެވެ.

އެއީ އެއްދުވަހުން ޙާޞިލުކުރެވޭނެ މަޤްޞަދެއް ނޫނެވެ. އެކަމަށްޓަކައި ކުރިއާލައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއެވެ. މާނައަކީ އެކަމަށްޓަކައި އެންމެ ޒުވާން އުމުރުން ފެށިގެން މަސައްކަތްކުރަން ޖެހޭނެ ކަމެވެ. ތައުބާވުން ގިނަކުރަންޖެހޭނެއެވެ. ވީހާ ގިނައިން ހެޔޮޢަމަލުތައް ކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަންކަން ކުރެވިއްޖެ މީހަކު ވާނީ މަރުމަތީގައި މިބުނިމަގުން އުފާވެރި ޚަބަރުލިބޭ މީހުންގެތެރެއިންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން