ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުގެ އަޚްލާޤާއި، އިޖްތިމާޢީ ގުޅުންތަކާއި، މުޢާމަލާތްކުރުމުގެ ހުނަރުތައް އިތުރަށް ރަނގަޅުކުރުމަށެވެ. ނަމަވެސް، އަޅުގަނޑުގެ ވަށައިގެންވާ ބައެއް މީހުންގެ މައިގަނޑު އަމާޒަކަށްވެފައިވަނީ އަޅުގަނޑުގެ އުނިކަންތަކާއި ފަހަތްޖެހުންތައް ފާހަގަކޮށް، އޭގެ ފައިދާ ނެގުމެވެ. މިކަމުގައި އެންމެ ހިތާމަހުރި ކަމަކީ، މިފަދައިން ޢަމަލުކުރަނީ އަޅުގަނޑާ ދުރުގައިވާ ބަޔަކު ނޫން، އަޅުގަނޑުގެ އާއިލާއާއި ގާތްތިމާގެ މީހުން ކަމުގައިވުމެވެ. މިފަދަ ޙާލަތެއްގައި އެމީހުންނާ މުޢާމަލާތްކުރާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރަނީ މިކަމާމެދު ކަންބޮޑުނުވާށެވެ. ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން އެމީހުންނާމެދު ވަރަށް ބޮޑު ރުޅިއެއް އާދެއެވެ.
ޖަވާބު:
"މި ފަނާވަނިވި ދުނިޔޭގައި ފުރިހަމަ އިންސާނަކު ނުވެއެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިކަމެއް ހުރެއެވެ. އަދި މި ވަގުތީ ދުނިޔޭގައި ފާފައިން މުޅިން ސަލާމަތްވެފައިވާ އިންސާނަކުވެސް ނުވެއެވެ.
يقولُ النَّبيُّ صلَّى اللهُ عليه وسلَّمَ: "كلُّ ابنِ آدَمَ خَطَّاءٌ"
މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "އާދަމުގެފާނުގެ ދަރިންގެ ތެރެއިން ކޮންމެ މީހަކީވެސް ފާފަވެރިއެކެވެ."
އެބައިމީހުންގެ ހަމައެކަނި މަޤްޞަދަކީ އަޅުގަނޑުމެންނަށް ފާރަލުމާއި، އަޅުގަނޑުމެންގެ އުނިކަންތައްތަކަށް ބެލުމާއި، އަޅުގަނޑުމެންނާ ބެހޭގޮތުން ނުބައިކޮށް ވާހަކަދެއްކުމާއި، އަޅުގަނޑުމެންގެ ކުށްތަކާއި ފާފަތައް ހޯދުމެވެ. ސުބްޙާނަﷲ! ބައެއް މީހުން، އަޅުގަނޑުމެންގެ ކިބައިން ކުޑަވެސް ކުށެއް ނުވަތަ އުނިކަމެއް ފެނިއްޖެނަމަ، އެކަމާ ވަރަށް އުފާވެއެވެ. އެއީ އަޅުގަނޑުމެން އެމީހުންނަށް މި ދުނިޔޭގެ އެންމެ އަގުހުރި ހަދިޔާއެއް ދިންހެން ހީވެއެވެ. ސުބްޙާނަﷲ! މި ދުނިޔޭގައި މިފަދަ މީހުންނާމެދު ނުރުހުން ނުފާޅުކުރާ އެއްވެސް އިންސާނަކު ނުވާނެއެވެ.
ﷲ ތަޢާލާ ނޫރް ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢٢﴾
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، مسكين ންނަށާއި، اللَّه ގެ މަގުގައި هجرة ކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެން عفو ކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (22)"
"ޤުރްއާނުގެ މަތިވެރި ތަޢުލީމުން އަހުރެންނަށް ދަސްވި ފިލާވަޅަކީ އެހެން މީހުންގެ ނޭދެވޭ ޢަމަލުތަކާމެދު ކެތްތެރިވުމާއި، އެމީހުންގެ ކަންތައްތަކަށް އިންސާފުވެރި ނަޒަރަކުން ބެލުން ހިމެނެއެވެ. މީގެ އިތުރުން، އެހެން މީހުންގެ ކުށްތަކަށް ފާފަފުއްސައި، މާފުކުރުމުގެ މަތިވެރި ސިފަ އަމިއްލަ ނަފްސުގައި އަށަގެންނެވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
އަބަދުވެސް ﷲ ތަޢާލާ ޝުޢަރާ ސޫރަތުގައި އަންގަވާފައިވާ 88 އަދި 89 ވަނަ އާޔަތް ހަނދާންކުރާށެވެ.
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
މާނައީ: އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. (88) ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ. (89)"
"އޭ އަޅަމެން ހެއްދެވި، ގެންގުޅުއްވާ، އަދި ދެނެވޮޑިގެންވާ މާތް ﷲ އެވެ! އަޅަމެންނަށް ހެޔޮކަމާއި ބަރަކާތް އިތުރުކޮށްދޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ކިބައިން އެއްވެސް ހެޔޮކަމެއް އުނިނުކުރައްވާނދޭވެ! އަޅަމެންނަށް ދުނިޔެއާއި އާޚިރަތުގައި ޢިއްޒަތާއި މަތިވެރިކަން މިންވަރުކުރައްވާނދޭވެ! އަދި އަޅަމެން އެއްވެސް ޙާލެއްގައި ނިކަމެތިކަމާއި ދެރަކަމަކަށް ނުދަންމަވާނދޭވެ! އަޅަމެންނަށް އީމާންކަމާއި ތަޤްވާވެރިކަން ދެއްވާނދޭވެ! އަދި އަޅަމެންނަށް އިބަ ރަސްކަލާނގެ ރަޙްމަތާއި ވާގިވެރިކަމުން މަޙްރޫމް ނުކުރައްވާނދޭވެ! އަޅަމެން އިބަ ރަސްކަލާނގެއަށް ރުހި، ކިޔަމަންވުމުގެ ތައުފީޤު ދެއްވާނދޭވެ! އަދި އަޅަމެންނާމެދު ރުހިވޮޑިގެން، އަޅަމެންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާނދޭވެ! އާމީން."