"އަޅުގަނޑުގެ ދިރިއުޅުމަށް ހުރަސްއަޅަން މިވެނި މީހަކު ސިޙުރު ހައްދުވާކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވުނަސް ފާލުބެލުން ހުއްދަނޫން ކަމަށް އޮވެއެވެ. އެއީ ކީއްވެގެންކަމާއިމެދު ހިތުގައި ސުވާލު އުފެދެއެވެ."
މިގޮތަށް ވިސްނޭ މީހުން ދަންނާށެވެ! ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް ޙުކުމަކާއިމެދު ސުވާލު އުފެއްދުމެއް ނެތެވެ. އޮތީ އެކަން އޮތް ގޮތަށް ޔަޤީންކޮށް ޢަމަލުކުރުމެވެ. ތިއަބާވަތުގެ ސުވާލުތައް އުފެދެން މެދުވެރިވަނީ ކަންކަން ނުއެނގިތިބެ މީހުން ދައްކާ ވާހަކަތައް ޤަބޫލުކުރެވޭތީއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ޝައްކުތައް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ
ބޮލުގައި ކިރިޔާ ރިއްސާލާއިރަށް، ބިރުވެރި ހުވަފެނެއް ފެންނަ އިރަށް ނުވަތަ ބައިވެރިޔާ ކުނިމޫނުދައްކައިލާއިރަށް ފަދަ ކަންކަން މެދުވެރިވުމުން އެއީ ފަހަރި ނުވަތަ ޅިޔަނު ނުވަތަ ކޮންމެވެސް މީހަކު ހެދި ސިހުރަކުންކަން ބަލަން ފާލަބަލަން މީހުންގެ ގާތަށްދާ މީހުން މަދެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ދަބަހުން ލާރިއެއް ގެއްލޭއިރަށް އެ ނެގީ އަނބިމީހާތޯ ބަލަންވެސް އެބަދެއެވެ.
ފާލަބަލަން ނުވަތަ ވާންހުރިކަންކަން އޮޅުންފިލުވަން ފާލަބަލާމީހެއްގެ ގާތަށް ދިއުމުގެ ކުރިން އެންމެކުޑަމިނުން މިމިންވަރު އެނގެންޖެހޭނެއެވެ.
1 ފާލަބަލާ މީހެއްގެ ގާތަށް ކަމެއް އޮޅުންފިލުވަން ގޮސް އޭނާދައްކާ ވާހަކަ ޤަބޫލުކޮށްފިނަމަ 40 ދުވަސްވަންދެން އޭނާގެ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެކަން
2 އޭނާ ދެއްކިވާހަކަ ޤަބޫލުކޮށްފިނަމަ އެއީ ޝިރުކުރުމުގެ ޢަމަލެއްކަން
ދެން މިކިޔައިދެނީ މުސްތަޤްބަލްގައި ޥާންހުރިކަންކަން އެނގޭކަމަށްބުނެ ކިޔައިދީގެން މީހުން އަތުން ފައިސާހޯދަމުންދިއަ މީހަކަށް ދިމާވިކަމެއްގެ ވާހަކައެވެ.
މުއްމިން ދެމަފިރިއަކު ފުރަން އެއާޕޯޓްގައި ތިއްބައި ފުރަން ގޮސް ހުރި އެހެން މީހަކު ބުނީ އޭނާއަށް މުސްތަޤްބަލުގައި ވާންހުރި ކަންކަން އެނގޭ ކަމަށާއި 5 ޑޮލަރު ދިނުމުން އެދެމަފިރިންނަށް ވާންހުރިކަންކަން ކިޔައިދީފާނެ ކަމަށެވެ.
މުއްމިން މީހާ ބުނީ ވާންހުރި ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމަށާއި އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެފަދަ ކަމެއް އެނގެން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް އެމީހާ ދުލެއް ނުކުރިއެވެ. ހަމަ ފަހަތުން ހިނގީއެވެ. ދެމަފިރިން ގޮސް ތަނެއްގައި އިށީނުމުން އެތަނުގައި ހުރި އެހެން ގޮނޑިއެއްގައި އިށީނދެފައި އެމީހާ ކިޔަން ފެށިއެވެ. "ކަލޭ މިހައި ދުވަހު ދިރިހުންނާނެއެވެ. މިވެނި އެވެނި ކަމެއްވާނެއެވެ." ކިޔައި ނިންމާފައި 5 ޑޮލަރު ދޭށޭ ކިޔައި އަޑުގަދަކުރަން ފެށިއެވެ. އެމީހާ ހީކުރީ އަޑުގަކުރީމާ ލަދުން 5 ޑޮލަރު ދޭނެ ކަމަށެވެ.
އެހިސާބުން މުއްމިން މީހާ ތެދުވެ އޭނާއަށްވުރެ ބާރަށް ބުންޏެވެ. "ބަލަ މީނދަ ބޮޑު ދޮގުހަދާމީހާއެވެ. މީހުންނަށް ވާނެ އެގޮތް އެނގެއޭ ކިޔައިގެން ތިއަ ހަދަނީ ކޮންހައި ބޮޑެތި ދޮގުތަކެއް ހެއްޔެވެ؟ ދޮގު ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދަން ހެޔޮ ނުވާނެ ނޫންހެއްޔެވެ؟ ކަލެއަކީ މުސްތަޤްބަލުގައި ވާންހުރި އެއްވެސް ކަމެއް އެނގޭ މީހަކު ނަމަ އަހަރެން ކަލޭގެ ވާހަކަ ޤަބޫލުނުކުރާނެ ކަމާއި އެންމެ ޑޮލަރެއްވެސް ނުދޭނެކަން ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟"
މީސްތަކުންނޭވެ! ވާންހުރި ކަންތައްތައް އެނގޭ ކަމަށް ބުނެ އެ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާށެވެ. ވާން ހުރި ކަންކަން އެނގޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޣައިބުގައިވާ ކަންކަން އޮޅުން ފިލުވަން މަސައްކަތް ކުރުމަކީވެސް، ފާލުބަލާ މީހެއްގެ ގާތަށް ދިއުމަކީވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު އެފަދަ ކަމެއް ނުކުރާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/112069/does-the-one-who-goes-to-a-fortune-teller-and-asks-him-about-something-become-a-kaafir