ދަރިންނަށްޓަކައި މައިންވާ ޤުރްބާނީން ކުޑަމިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދަރިންނަށްޓަކައި މައިންވާ ޤުރްބާނީން ކުޑަމިންވަރެއް!

ގިނަ ދަރިން މައިންބަފައިންގެ އަގު ވަޒަންކުރެއެވެ.

ދީނުގައި އޮތްމަގުން ކަންކަންވެސް ކުރެއެވެ. އެއީ މައިންބަފައިންނަށް ހެޔޮގޮތުގައި ކަންކަން ކޮށްދިނުމަކީ ސުވަރުގެ ލިބުމަށް އެންމެ ފަސޭހަ މަގެއްކަން ވިސްނޭތީއެވެ. ހިތާމައަކީ އެކަން ނުވިސްނޭ ދަރިންވެސް ތިބޭކަމެވެ.  

ހެޔޮލަފާ ބައްޕައިން ދަރިންނަށް ކުރާ ހޭދައިގެ އަފު ވަޒަނެއް ނުކުރެވޭނެއެވެ. އަދި ޢަދަދެއްވެސް ނުކުރެވޭނެއެވެ. އަދި ދަރިންގެ ބުރަވެސް އުފުލައެވެ. އަދި ދަރިން ބެލެހެއްޓުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލަން ޖެހޭ ބައަކީވެސް ހެޔޮލަފާ ބައްޕައިންނެވެ.

އެހެންކަމާއިއެކުވެސް އެންމެ ހެޔޮކޮށް ހިތުމުގައި 1،2،3 ވަނަ މަޤާމް މަންމައަށް ދެއްވަވައި 4 ވަނަ މަޤާމް ބައްޕައަށް ދެއްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވުމުން އެއީ ވިސްނާލަންޖެހޭނެ ކަމެކެވެ.  

ވިސްނާލަންވީ ބައްޕައިން ދެރަކޮށް ނިކަމެތިކުރުމަކަށް ނޫނެވެ. މައިންނަށް ބޮޑަށް ހެޔޮކޮށް ހިތުމަށެވެ. މައިންނަށް ޚިދުމަތްކުރުމުގައި ފަރުވާތެރިވެ އޯގާތެރިވުމަށެވެ. އެކަމުގެ ސަބަބުތައް ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ފަލަކުގައި ހުރި ތަރިތަކުގެ މައުލޫމާތާއި އެނޫންވެސް އެތައް މައުލޫމާތުތައް ސައިންސްވެރިން ހޯދަމުން ގެންދާއިރު ދަރިން ވިހަން އެކަނި މައިން އުފުލާ ވޭނުގެ ބުރަދަންވެސް އަދި މިހައިތަނަށްވެސް ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ. ވީއިރު ބަލިވެ އިނީންސުރެ ވިހެއުމާއި ހަމައަށް 9 މަހާއި 9 ދުވަސްވަންދެން އެމައިން އުފުލާނެ ވޭނުގެ ބުރަދަން ނިކަން އިޙްޞާޞްކޮށްލަން މަސައްކަތްކޮށްލަބަލާށެވެ!  

މައިންނަށް ހެޔޮކޮށް ހިތުމުގައި އިހްމާލްވާން ހެޔޮނުވާނެ ކަމަށް ބުނެވެނީ މިފަދަ އެތައް ސަބަބުތައް ހުރުމުންނެވެ.  

އަހަރެމެން ފަދައިން މައިންވެސް ހަދިޔާއަށް ބޭނުންވެއެވެ. ނަމަވެސް މައިންނަށް އެންމެ މުހންމީ އަތަށްދޭ ހަދިޔާއެއް ނޫނެވެ. ދަރިންގެ ލޯތްބެވެ. އަޅައިލުމެވެ. ޙާލުބެލުމެވެ. އެހީތެރިކަމެވެ. ހިނިތުންވުމެވެ.  

މައިންބަފައިންނަށް އެހީތެރިވެ އަޅައިލުމަށް ދީނުގައި ބާރުއެޅިގެންވާ މިންވަރުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެހެންކަމުން އެއީ އައުވާހަކަތަކެއް ނޫނެވެ. ހަމައެކަނި ދުނިޔަވީ ގޮތުން ވިސްނައިލިނަމަވެސް ފަށަމުން ބަޔާން މިކުރިވަރުން އެކަނިވެސް މައިންނަށް ހެޔޮކޮށް ހިތަންޖެހޭނެ މިންވަރު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ވިސްނަންވީ ދުނިޔޭގައި ހުރެވުނުނަމަ ކޮންމެ މީހަކީވެސް މުސްކުޅިވާނެ މީހަކު ކަމެވެ. ދަރިންގެ އެހީތެރިކަމަށާއި އަޅައިލުމަށް ބޭނުންވާނެ މީހަކު ކަމެވެ. އެކަމަށް އެކަނި ވިސްނައިލިނަމަވެސް މައިންބަފައިން މުސްކުޅިވާދުވަހު ހެޔޮކޮށް ހިތަންޖެހޭނެ މިންވަރު އެނގޭނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން